ޚަބަރު

ބޭސް ހޯދިފައިވާ ބަލިތައް ޖައްސާ ޖަރާސީމު ބޭހަށް ނުގުޑުމުގެ ކަންބޮޑުވުން ޑޮކްޓަރުން ފާޅުކުރައްވަނީ


ކޯވިޑް-19އާއި ދެކޮޅަށް މަސައްކަތްކުރާނެ ބޭހެއް ނެތުމުން މިހާތަނަށް މިލިއަނަކަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު މިހާރު ބޭސް ހޯދިފައިވާ ބަލިތަކަށް ދެމުން އަންނަ ބޭހަށް ޖަރާސީމު ނުގުޑާނަމަ އޭގެ ނުރައްކާ އަންދާޒާ ނުކުރެވޭނެއެވެ. އެހެންކަމުން ބައްޔެއް ވާއިރަށް ޑޮކްޓަރުންގެ އިރުޝާދާ ނުލާ ބޭސް ބޭނުންކުރުމާމެދު ސީރިއަސް ވާންއެބަޖެހެއެވެ.

އެންޓި މައިކްރޯބިއަލްސްއަކީ ޖަރާސީމުގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭސްތަކެވެ. އެންޓި މައިކްރޯބިއަލް ރެސިސްޓެންޓަކީ މިފަދައިން ބޭނުންކުރާ ބޭސްތަކަށް ޖަރާސީމު ހޭނި ޖަރާސީމާ ދެކޮޅަށް ބޭހުގެ އަސަރު ނުކުރާގޮތް ނުވަތަ ބޭހަށް ނުގުޑާ ގޮތް ވުމެވެ. ޑޮކްޓަރުގެ ލަފާއާއި ނުލާ ބައެއް ފަރާތްތަކުން މިފަދަ ބޭސްތައް ބޭނުންކުރަމުން އަންނައިރު މިއީ ސީރިއަސް މައްސަލައެއްކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. ސަބަބަކީ ޖަރާސީމާ ދެކޮޅަށް މަސައްކަތްކުރާ އެންޓި މައިކްރޯބިއަލްސް ނުވަތަ އެންޓިބަޔޮޓިކް އުފެއްދުމަށް އެތައް އަހަރެއް ހޭދަވާއިރު އެތައް ހޭދައެއް މިކަމަށް މާލީގޮތުންވެސް ކުރަންޖެހެއެވެ.

ޖަރާސީމާ ދެކޮޅަށް މަސައްކަތްކުރާ މިފަދަ އެންމެ ބޭހެއް ނެތުމުގެ ސަބަބުން ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޯވިޑް-19ގައި އެތައް ބަޔަކު އަންނަނީ މަރުވަމުންނެވެ. އެހެން ނަމަވެސް ބޭސް ހޯދިފައިވާ އެތައް ބަލިތަކަކަށް ދެމުން އަންނަ މިބޭސްތަކަށް ޖަރާސީމު ނުގުޑާ ހާލަތު މެދުވެރިވެ ބޭހުގެ ބޭނުން ކެނޑިއްޖެނަމަ އޭގެ ނުރައްކާ އަންދާޒާވެސް ނުކުރެވޭކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އަންނަނީ މިއީ މުސްތަޤުބަލުގައި މުޅި ދުނިޔެ ކުރިމަތިލާންޖެހޭނެ ސިއްޙީ ބޮޑު މައްސަލައެއްކަމަށް ކަނޑައަޅާ ރައްކާތެރިކަމަށް ފިޔަވަޅު އަޅަން ޤައުމުތަކާއިއެކު ގުޅިގެން މަސައްކަތްކުރަން ފަށާފައެވެ.

އެންޓިބަޔޮޓިކަށް ނުގުޑާ މައްސަލަ ކުރިމަތިވެ ދުނިޔެއިން އަހަރަކު ހަތްލައްކައަށްވުރެ ގިނަ މީހުން މަރުވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ރާއްޖޭގައިވެސް އެންޓިބަޔޮޓިކްސް ޑޮކްޓަރުންގެ އިރުޝާދާ ނުލާ ބޭނުންކުރުމުގެ ކަންބޮޑުވުން އިތުރުވެ މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކިގެން މިކަން ޙައްލުކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރައްވާ އެތެރެ ހަށީގެ ޚާއްސަ ޑޮކްޓަރު، ޑރ.މުޙައްމަދު ޢަލީ ވިދާޅުވީ ރާއްޖޭގައި ޢާއްމުކޮށް ބޭނުންކުރާ އެންޓިބަޔޮޓިކްސްތަކުގެ ތެރޭގައި އޯގްމެންޓިން އާއި ސެފޯ-އެލް އާއި ސިޕްރޮފްލޮކްސްއާއި ނޯރފްލޮކްސް އާއި ލެވޮފޮކްސްއާއި އެޒިތްރޮމައިސިންއާއި ސެފްޓްރިއޮކްސްއެންއާއި ޕިޕްޓަޒްއާއި ސެފޮރޓެކްސީމްއެވެ. މީގެ ތެރޭގައި އިންޖެކްޝަންސް ވެސް ހިމެނޭކަމަށް ޑރ.މުޙައްމަދު ޢަލީވަނީ ވިދާޅުވިއެވެ. މިކަން ޙައްލުކުރުމަށް ޢާއްމުން ހޭލުންތެރިކުރުވާ މިހާރު މިބޭސްތައް ރާއްޖޭގައި ބޭނުންކުރެވޭ މިންވަރު ދެނެގަތުމަށް ޚާއްސަ ދިރާސާތައްކޮށް ސަވައިލެންސް ނިޒާމެއް އެކުލަވާލުމަށްވަނީ ހަމަޖެހިފައެވެ. އަދި ކޮންމެހެން ދޭންޖެހޭ ޙާލަތްތަކުގައި ނޫނީ މިފަދަ ބޭސްތައް ނުދިނުމަށް ޑޮކްޓަރުންގެ ލެވެލްގައި މަސައްކަތްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިނުރައްކަލުން ސަލާމަތްވުމަށް އަމިއްލައަށްވެސް ކަންކަން ކުރަން އެބަޖެހެއެވެ. އެގޮތުން ޑޮކްޓަރުންގެ އިރުޝާދެއް ނެތި މިބޭސްތައް ބޭނުން ނުކުރުމާއި ބޭހުގެ ޑޯޒްހަމަކުރުމަކީ ވެސް މުހިއްމުކަމެކެވެ. އަދި އާއްމު ސިއްޙަތަކަށް ސަމާލުކަންދިނުމަކީވެސް މުހިއްމުކަމެކެވެ.