ޚަބަރު

ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުން: 48 އަހަރުގެ ތެރޭ ކުރެވުނު އެންމެ ފާހަގަކުރެވޭ މަސައްކަތް


ޢުމުރުން އެންމެ 13 އަހަރުގައި ވަޑާމުގެ މަސައްކަތަށް ޢަލީ ޢަބްދުﷲ (އަލިބެ) ނިކުތްއިރު ރާއްޖޭގެ ތާރީޚާއި ގުޅޭ މުހިއްމު މަސައްކަތްތަކާ ހިސާބަށް އޭނާގެ މަސައްކަތުގެ ފެންވަރު ހިނގައިދާނެކަމަކަށް ވިސްނާފައެއް ނެތެވެ. އެހެންނަމަވެސް މިދިޔަ ހަފްތާގައި ހުޅުވިގެންދިޔަ ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމުގައި އަލިބެގެ ދައުރު ވަރަށް ބޮޑެވެ.

ރ.އަތޮޅު އަލިފުއްޓަށް އުފަން ޢަލީ ޢަބްދުﷲ (އަލިބެ) ބައްޕައާއެކު ވަޑާމުގެ މަސައްކަތަށް ނުކުތީ ޢުމުރުން އެންމެ 13 އަހަރުގައެވެ. އޭގެފަހުން މިހާތަނަށް އެތައް ރަށެއްގެ މިސްކިތްތަކާއި ބޯޓުފަހަރު ބަނުމުގައި ޢަމަލީގޮތުންވަނީ ބައިވެރިވެފައެވެ. އޭރު އެކި ރަށްރަށުން މަސައްކަތް ހޯދައިގެން ޢާމްދަނީ ހޯދުމުގައި އުޅެމުން އަންނަނިކޮށް 1982 ވަނަ އަހަރު ރަށުގައި ބޯޓު ޔާޑު ޤާއިމުކުރުންވެގެންދިޔައީ އަލިބެގެ މަސައްކަތް މެކުހަށްޖަހާލި ކަމަކަށެވެ. ރަސްމީގޮތުން އެތަނުގެ ވަޒީފާގައި ގާތްގަނޑަކަށް 25 އަހަރު އުޅުނު އަލިބެ ދިރިއުޅުމުގައި ވަޑާންކުރުން ނޫން މަސައްކަތެއް ނުކުރެއެވެ. މިހާރު ޢުމުރުން 61 އަހަރުވީއިރު އަލިބެ ވަނީ މިމަސައްކަތުގައި 48 އަހަރު ހޭދަކުރައްވާފައެވެ.

އަޑު: "އަޅުގަނޑު ކުޑައިރުންފެށިގެން އެއްވެސް އިތުރު މަސައްކަތެއް ނުކުރަން ވަޑާންކުރުން ފިޔަވާ. މިހާރު ބޯޓުފަހަރު ބަންނަނީ ފައިބަރުން. އެހެންވީމަ ވަޑާންކުރުމުގެ މަސައްކަތް ވަރަށް ދަށްކޮށް މިދަނީ. އެކަމަކު މާލެ ބަދަލުވެފަ މިހާރުވެސް މިމަސައްކަތްކުރަނީ ވަޑާންކުރާ ތަނެއްގައި." ޢަލީ ޢަބްދުﷲ (އަލިބެ) ބުންޏެވެ.

އަލިފުށީގައި ވަޑާމުގެ މަސައްކަތް އުވެމުންދިޔުމާއެކު 7 ކުދިންނާއި އަންހެނުންނާއެކު މާލެ ބަދަލުވި އަލިބެވަނީ ޕީއެސްއެމްނިއުސްއަށް އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ. އަލިބެއަކީ ވަޑާންކުރުމުގެ ޢާއިލާއަކަށް އުފަން މީހެކެވެ. ބައްޕައަކީ މާވަޑިއެކެވެ. އެއްބަނޑު އެއްބަފާ ބޭބެއަކީ މާވަޑިއެކެވެ. އުތުރުގެ ހުރިހާ ރަށެއްގައި ވަޑާމުގެ އެކި މަސައްކަތުގައި އުޅުނު އަލިބެގެ ބައްޕައަށްފަހު ދެބެއިން އަދިވެސް ކުރަނީ ވަޑާމުގެ މަސައްކަތެވެ.

ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަށް ވަޑިއެއްގެ ޙައިސިއްޔަތުން ބައިވެރިވި ޢަލީ ޢަބްދުﷲ އަލިބެ ވަނީ މިމަސައްކަތުގައި ކުރެވުނު ތަޖުރިބާ ޕީއެސްއެމްނިއުސްއާ ހިއްސާކޮށްފައެވެ. އަލިބެ އެންމެ ފުރަތަމަވެސް ބުނީ މަސައްކަތާ ޙަވާލުވީ އެއްވެސް ގޮތަކަށް މިއީ ކިހާ ބޮޑު އަދި މުހިއްމު މަސައްކަތެއްކަން އެނގިގެން ނޫންކަމަށެވެ. އެހެންނަމަވެސް ކަޅުވަކަރު މިސްކިތުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން ވަރަށް ބޮޑަށް އުފާވާކަމަށް އަލިބެ ބުންޏެވެ. ކަޅުވަކަރު މިސްކިތް ބެހެއްޓުމުގައި ބައިވެރިވި މީހުންގެތެރޭގައި އެންމެ ދޮށީ އަދި ދާއިރާގެ އެންމެ ތަޖުރިބާ ހުރި މީހަކީ އަލިބެއެވެ. އަދި އެކުގައި މަސައްކަތްކުރި ޓީމަކީ ވަރަށް ބަރާބަރު ޓީމެއްގެ ގޮތުގައި އަލިބެ ފާހަގަކުރެއެވެ.

"އަޅުގަނޑު ކަހަލަ އާދައިގެ މީހަކަށް މިފަދަ މުހިއްމު މަސައްކަތެއްގައި ބައިވެރިވުމުގެ ޝަރަފު ލިބުމަކީ ވަރަށް ބޮޑަށް އަޅުގަނޑު އުފާވާކަމެއް."ޢަލީ ޢަބްދުﷲ (އަލިބެ) ބުންޏެވެ.

މިސްކިތުގެ ޢަމަލީ މަސައްކަތްކުރިއިރު އެންމެ ބޮޑަށް ފާހަގަކުރެވުނީ ކޮންކަމެއްތޯ ސުވާލުކުރުމުން އަލިބެ ބުނީ މިސްކިތް ބިނާ ކުރި ޒަމާނުގައި އެއްވެސް ސަމާނެއް ވަޞީލަތެއް ނެތި އަތުންކޮށްފައި މިހިރަ ފެންނަ މަސައްކަތަކީ ވަރަށް މޮޅު މަސައްކަތެއްކަމަށެވެ.

އަޑު: "އެއްވެސް އެއްޗެއް ނުލާ އަތުންނޭ އެޒަމާނުގަ މަސައްކަތްކޮށްފަ މިހިރީ. އަޅުގަނޑުމެން މިމަސައްކަތް މިކުރަނީ ހުރިހާ ކަމަކަށް ބޭނުންވާ ސާމާނު ހުރެގެން. މިޒަމާނުގަ އެއްޗެއް ނެތި މިފެންވަރަކަށް ހީނުވޭ ވަޑާމުގެ މިފަދަ މަސައްކަތެއް ކުރެވިދާނޭ."ޢަލީ ޢަބްދުﷲ (އަލިބެ) ބުންޏެވެ.

ރާއްޖޭގައި ވަޑާމުގެ މަސައްކަތްތެރިކަން އުވިގެންދިޔުމުގެ ބިރާއި ކަންބޮޑުވުން އަލިބެ ވަނީ ފާޅުކޮށްފައެވެ. އަދި އެކަން އެގޮތަށް ނުވުމަށް އުއްމީދުކުރާއިރު މިދާއިރާގައި މިހާރު ޙަރަކާތްތެރިވާ ކުދިންގެ ހުނަރުވެރިކަންވެސް އަލިބެވަނީ ފާހަގަކޮށްފައެވެ. އަދި އަލިބެމެން ޒަމާނުގައި އަންހެނުން މިފަދަ ކަންކަމުގައި ނޫޅުނުނަމަވެސް މިހާރު އަންހެނުން މިފަދަ މަސައްކަތްތަކަށް ނުކުންނަމުންދާކަން އަލިބެވަނީ ފާހަގަކޮށްފައެވެ.