ވިޔަފާރި

އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ ކަނޑުމަހުގެ އުފެއްދުންތަކުގެ ޑިއުޓީ ލުއިކުރުމާގުޅޭގޮތުން މަޝްވަރާކޮށްފި


ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ ކަނޑުމަހުގެ އުފެއްދުންތަކުގެ ޑިއުޓީއަށް ލުއިގޮތްތަކެއް ހަމަޖައްސައިދިނުމާގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރާތުގައެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު މިހާރު ވެސް އޮތް ބަދަހި ދޭދޭ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ރާއްޖޭގައި ޤާއިމުވެ ހުންނަވާ އިނގިރޭސިވިލާތުގެ ފުރަތަމަ ސަފީރުގެ ހައިސިއްޔަތުން މަޤާމުގެ ފުރަތަމަ އަހަރު ފުރިހަމަކުރައްވާފައިވާތީއާއި، އެ ކަމަނާގެ ސަފީރުކަމުގައި ދެ ޤައުމުގެ ދެމެދު އޮތް ގުޅުން ބަދަހިކުރުމުގެ ރޮނގުން ކުރައްވާފައިވާ މަސައްކަތްޕުޅު ފާހަގަކުރައްވާ، އެ ކަމަށްޓަކައި ޝުކުރު އަދާކުރައްވާ، މަރުޙަބާ ވިދާޅުވެފައެވެ. އަދި މި އަހަރުގެ ކުރީކޮޅު ދިވެހިރާއްޖެއިން އަލުން ކޮމަންވެލްތްއާއި ގުޅުމަށް ކުރި މަސައްކަތް އަވަސްކޮށް، ކާމިޔާބު ކުރުމުގައި އެ ކަމަނާ ވެދެއްވި އެހީތެރިކަން ފާހަގަކުރައްވާ އެ ކަމަށްވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިނގިރޭސިވިލާތުގެ ރައްޔިތުން ދަތުރުކުރުމަށް ރައްކާތެރިކަން ބަޔާންކުރާ ކޮރިޑޯ ލިސްޓުގައި ދިވެހިރާއްޖެ ހިމަނާފައިވާތީ އެކަން ފާހަގަކުރައްވައި، އެ ޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

އިނގިރޭސިވިލާތަކީ ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ޤައުމުކަން ފާހަގަކުރައްވައި، ކޯވިޑް-19ގެ ހާލަތަށްފަހު ދިވެހިރާއްޖޭގެ ބޯޑަރުތައް ހުޅުވައި ފަތުރުވެރިކަން އަލުން ފަށައިގަތުމާއެކު އިނގިރޭސިވިލާތުގެ ގިނަ ޢަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރަމުން ދިއުމަކީ ދިވެހިރާއްޖެއިން އުފަލާއެކު ބަލައިގަންނަ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި، ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުގެ އުފެއްދުންތަކުގެ ޑިއުޓީއަށް ލުއިގޮތްތަކެއް ހަމަޖައްސައިދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަށް އެ ޤައުމުގެ ސަރުކާރުން ހެޔޮ ގޮތްތަކެއް ހަމަޖައްސައިދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި އިނގިރޭސިވިލާތުގެ ސަފީރު ވަނީ ކޯވިޑް-19ގެ ހާލަތުގައި ދިވެހި ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކަށް ތަޢުރީފުކުރައްވާފައެވެ. އެ ކަމަނާ ވަނީ ތަޢުލީމާއި އިޤްތިޞާދާއި ވިޔަފާރިއާއި ފަތުރުވެރިކަމުގެ އިތުރުން ތިމާވެއްޓާއި މޫސުމީ ބަދަލުތަކުގެ ރޮނގުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، މި ދާއިރާތަކުން ދެ ޤައުމުގެ ރައްޔިތުންނަށް އިތުރު ފުރުޞަތުތައް ހޯދަދިނުމަށް މަސައްކަތްކުރުމާ ގުޅޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއެކު މަޝްވަރާކުރައްވާފައެވެ.