ކުޅިވަރު

"ދަ ލާސްޓް ޑާންސް" ހިޓުން ލިބުނު 2 މިލިއަން ޑޮލަރު ޖޯޑަން ދިނީ ފަގީރުންނަށް


"ދަ ލާސްޓް ޑާންސް"ގެ ނަމުން ނަން ދީފައިވާ ޑޮކިއުމެންޓަރީ އަކީ މަޝްހޫރު ބާސްކެޓު ބޯޅަ ކުޅުންތެރިޔާ، މައިކަލް ޖޯޑަންގެ މައްޗަށް ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީެކެވެ. މި ޑޮކޮއިމެންޓްރީގައި ދައްކާދެނީ އެންބީއޭގެ ޗެމްޕިއަންކަން ހަ ފަހަރު ހޯދާފައިވާ ޝިކާގޯ ބުލްސްގެ ކުޅުންތެރިޔެއްގެ ގޮތުގައި ޖޯޑަން ހުރި ދުވަސްވަރު ހިނގި އެންމެ 'ހޫނު' ވާހަކަތަކާއި ޖޯޑަންގެ ނޭގޭ ވާހަކަތެކެވެ.
އެމީ އެވޯޑުވެސް ލިބިފައިވާ އެ ޑޮކިއުމެންޓްރީއަށް ލިބޭ ފައިސާ ދެން ޚަރަދުކުރާނީ އެމެރިކާގެ ބަނޑުހައި ހޫނުކަން ތަހައްމަލް ކުރަމުންދާ މީހުންގެ ބަނޑުހައި ހޫނުކަން ފިލުވައިދިނުމަށް 'ހޫނު' ކެއުންތަކެއް ފޯރުކޮށްދިނުމަށެވެ.

ޢާންމުންގެ ބަނޑުހައި ހޫނުކަން ފިލުވުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ އެންމެ ބޮޑު ޖަމުޢިއްޔާ، ފީޑިން އެމެރިކާއިންވަނީ އެ ޖަމުޢިއްޔާއަށް މައިކަލް ޖޯޑަން ހަދިޔާކޮށްފައިވާ ދެ މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަމަށް ޝުކުރު ޢަދާކޮށްފައެވެ. އެހާ ބޮޑު އެހީތެރިކަމެއް އެ ޖަމުޢިއްޔާއަށް މައިކަލް ޖޯޑަންގެ ފަރާތުން ދީފައި މިވަނީ ކޯވިޑްގެ ސަބަބުން ގިނަ ޢަދަދެއްގެ މީހުންނަށް ކާބޯތަކެތި ޔަޤީންނުވާ ދަނޑިވަޅެއްގައެވެ.

މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި 10 ބަޔަށް ބަހާލައިގެން މައިކަލް ޖޯޑަންގެ ކުޅިވަރުގެ ޙަޔާތަށް އަލިއަޅުވާލައި އީއެސްޕީއެނުން ގެނެސްދީފައިވާ ޑޮކިއުމެންޓަރީ ވެގެން ދިޔައީ އެންމެ ފުރަތަމަ ކޯވިޑް ފެތުރެމުންދިޔަ ދުވަސްވަރު ގިނަ ބަޔަކަށް ހިތްހަމަޖެހުން ގެނެސްދިން ޑޮކިއުމެންޓަރީއަކަށެވެ. ކުރިން ޖޫން މަހުގައި ނެރުމަށް ތައްޔާރުވަމުން ދިޔަ ޑޮކިއުމެންޓަރީ އޭޕްރިލް މަހުގައި ދެއްކުމަށް އީއެސްޕީއެނުން ނިންމީ ކޯވިޑްގެ ސަބަބުން އެންބީއޭގެ ސީޒަން މެދުކަނޑާލަން ޖެހުމުން އެ ޗެނަލުން ދައްކަމުންދިޔަ މެޗުތަކާއި އެއާއި ގުޅުންހުރި އެހެން ޕްރޮގްރާމުތަކުގެ ބަދަލުގައެވެ. 1990ގެ އަހަރުތަކުން ފެށިގެން ޝިކާގޯ ބުލްސް ކުރިއަރަމުންދިޔަ ގޮތް ދައްކުވައިދޭ އެތައް ވީޑިއޯއެއް އެ ޑޮކިއުމެންޓަރީގައިވަނީ ހިމަނާފައެވެ. ޝިކާގޯ ބުލްސްގެ ފަހު ހަ ތަށި ނެގި 1997ން 1998އަހަރުގެ ސީޒަނަށް އެ ޑޮކިއުމެންޓަރީގައި ޚާއްޞަ ސަމާލުކަމެއްވަނީ ދީފައެވެ.

ދަ ލާސްޓް ޑާންސަކީ އީއެސްޕީއެނުން މިހާތަނަށް ދެއްކި ޑޮކިއުމެންޓަރީ ތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ މީހުން ބަލާފައިވާ ޕްރޮގުރާމެވެ. އެ ޑޮކިއުމެންޓަރީގެ ކޮންމެ އެޕިސޯޑެއް ދެއްކި ވަގުތުގައި 5.6 މިލިއަނަށްވުރެ ގިނަ މީހުންވަނީ އެ ބަލާފައެވެ.

ސާދަ ފަހަރަށް އެންބީއޭގެ އޯލް-ސްޓާ އެވޯޑު ހާޞިލްކޮށްފައިވާ މައިކަލް ޖޯޑަން ބުނީ ކޯވިޑްގެ ސަބަބުން ކުރިން ހީނުކުރާފަދަ ގޮތަކަށް މީހުންގެ ދިރިއުޅުމަށް އަސަރުކޮށްފައިވާ އަހަރެއްގައި އަދި ދިރިއުޅުމުގައި ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާ މި ދަނޑިވަޅުގައި "ދަ ލާސްޓް ޑާންސް" އިން ލިބޭ ފައިސާ ބޭނުންކޮށްގެން ފީޑިން އެމެރިކާއާއި ނޯތު އަދި ސައުތު ކެރޮލައިނާ، އަދި ޝިކާގޯގައި ހުރި އެ ޖަމުޢިއްޔާއާއި ގުޅުންހުރި ފުޑް ބޭންކުތަކަށް އެހީތެރިވުމަކީ އޭނާއަށް ލިބޭ ޝަރަފެއްކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި ފީޑިންގ އެމެރިކާއިންވަނީ ކުރިއަށް އޮތް ދުވަސްތަކުގައި 54 މިލިއަނަށްވުރެ ގިނަ އެމެރިކާގެ ރައްޔިތުން ބަޑުހައި ހޫނުކަމާއި ކުރިމަތިލާނެކަމުގެ އިންޒާރު ދީފައެވެ. އެއީ އެ ޤައުމުގެ އާބާދީގެ ގާތްގަނޑަކަށް 16 އިންސައްތައެވެ. ކޯވިޑް ފެތުރެން ފެށުމުގެ ކުރިންވެސް އެ ޤައުމުގައި 17 މިލިއަނަށްވުރެ ގިނަ މީހުންނަށް ކާބޯތަކެތީގެ ޔަޤީންކަން ލިބިފައެއް ނުވެއެވެ. އެހެންކަމުން މައިކަލް ޖޯޑަންގެ އެހީތެރިކަން އެ ޖަމުޢިއްޔާއަށް ފޯރުކޮށްދީފައި މިވަނީ އެމެރިކާގެ ނިކަމެތިން އެފަދަ އެހީތެރިކަމަކަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ އެއް ވަގުތުގައެވެ.

ފީޑިން އެމެރިކާގެ ސީއޯއޯ، ކޭޓޯ ފިޓްޒްގެރަލްޑް ވިދާޅުވީ ކޯވިޑް-19 ފެތުރެން ފެށި ފަހުން ކާބޯތަކެތި ޔަޤީން ނުވާ މީހުންގެ ޢަދަދުދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންކަމަށެވެ. ފުޑް ބޭންކުތަކަށް ކާބޯތަކެތި ހޯދަން މިހާރު ދާ މީހުންގެ ތެރެއިން 40 އިންސައްތަ މީހުންނަކީ މީގެ ކުރިން ކާބޯތަކެތި ހޯދުމުގައި ސަރުކާރާއި ޖަމާޢަތްތަކުގެ އެހީތެރިކަން ހޯދަން ޖެހުނު މީހުންނެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ފީޑިން އެމެރިކާގެ ސީއީއޯ، ކްލެއާ ބަބިނޮކް-ފޮންޓީނޮޓް ވިދާޅުވީ ބަލިމަޑުކަން ފެތުރެން ފެށުމުގެ ކުރިން މަދަރުސާއިން ހިލޭ ލިބޭ ކާބޯތަކެތީގެ މައްޗަށް ބަރޯސާވެގެން 22 މިލިއަނަށްވުރެ ގިނަ ކުޑަކުދިން ތިބިކަމަށެވެ. އެހެންކަމުން މަދަރުސާތައް ބަންދުކުރުމުން އަސަރުކުރަނީ ހަމައެކަނި އެ ކުދިންގެ ތަޢުލީމަށް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.