ދުނިޔެ

އިންޑިޔާގެ ވެކްސިން އުފައްދާ ތިން މަރުކަޒަކަށް މޯދީ ޒިޔާރަތްކުރައްވައިފި


އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އެ ޤައުމުގެ ވެކްސިން ތައްޔާރުކުރާ ތިން ސައިޓަކަށް ޒިޔާރަތްކުރައްވާ އެތަންތަނުގައި މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވައިފިއެވެ.

މޯދީ ޒިޔާރަތްކުރެއްވި ވެކްސިން މަރުކަޒުތަކަކީ އަޙްމަދުއާބާދުގައި ހުންނަ ޒައިޑަސް ކެޑީލާ ފެސިލިޓީއާއި ހައިދަރުއާބާދުގައި ހުންނަ ބަރަތު ބަޔޯޓެކު މަރުކަޒާއި ޕޫނޭގައި ހުންނަ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާއެވެ. އެ ތިން ފެސިލިޓީގައިވެސް ކޯވިޑާއި ދެކޮޅަށް އިންޑިޔާގައި ތައްޔާރުކުރަމުންދާ ވެކްސިންތައް ތަހުލީލުކުރަމުން އެބަ ދެއެވެ. އޭގެ އިތުރުން އެހެން ޤައުމުތަކުގައި ތައްޔާރުކުރަމުންދާ ބައެއް ވެކްސިންތަކުގެ ތަހުލީލުތައްވެސް ކުރިއަށް ގެންދެއެވެ.

ވެކްސިން ތައްޔާރުކުރާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނިކަމަށްވާ ސެރަމް އިންސްޓިޓިއުޓުންދަނީ އިނގިރޭސިވިލާތުގެ އެސްޓްރަޒެނެކާ އައި ނޯވާވެކްސް އިންކު ފަދަ ކުންފުނިތައް ހިމެނޭގޮތަށް ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ވެކްސިނެއް އުފެއްދުމުގެ މަސައްކަތްކުރަމުންދާ ކުންފުނިތަކާއި ގުޅިގެން އިންޑިޔާގައި އެ ވެކްސިންތަކުގެ ތަހުލީލުތައްކުރަމުންނެވެ. އެ ވެކްސިންތަކަށް ހުއްދަ ލިބިއްޖެނަމަ އެ ވެކްސިންތައް ބާޒާރަށް ނެރުމުގެ މަސައްކަތް ސެރަމް އިންސްޓިޓިއުޓުން ކުރާނެއެވެ.

ޒައިޑަސް ކެޑީލާ ކުންފުނިންދަނީ ވިރާސީ މާއްދާތަކުގެ މައްޗަށް ބިނާކޮށް ޒައިކޮވް-ޑީގެ ނަން ދީފައިވާ ވެކްސިނެއް ތައްޔާރުކުރަމުންނެވެ. ބަރަތު ބައޯޓެކުންދަނީ އިންޑިޔާ ސަރުކާރުގެ ކައުންސިލް އޮފް މެޑިކަލް ރިސާޗާއި ގުޅިގެން 'ކޯވެކްސިން' ކިޔާ ވެކްސިނެއްގެ މަސައްކަތްކުރަމުންނެވެ. ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ކޯވެކްސިންގެ ތަހުލީލުތައް ނިންމާލެވޭނެކަމަށް ބެލެވޭކަމަށް އިންޑިޔާގެ ޞިއްޙަތާއިބެހޭ ވަޒީރު ހަރްޝު ވަރުދާންވަނީ މިމަހުގެ ތެރޭގައި ވިދާޅުވެފައެވެ.

ވެކްސިން މަރުކަޒުތަކަށް ކުރެއްވި ޒަޔާރަތަށްފަހު ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ ވެކްސިން ތައްޔާތުކުރުމުގައި އިންޑިޔާގެ ދައުރު ރަނގަޅުކަމާށާއި ލިބެމުންދާ ކުރިއެރުންތަކާއިމެދު ހިތްހަމަޖެހޭކަމަށެވެ. އަވަށްޓެރި ޤައުމުތައް ހިމެނޭގޮތަށް ހުރިހާ ޤައުމެއްވެސް ވެކްސިނެއް ހޯދުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމަކީ އިންޑިޔާގެ ޒިންމާއެއްކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިޔާގައި މިހާތަނަށް 9.35 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި އެ ޤައުމު އޮތީ އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ މީހުންނަށް ބަލިޖެހިފައިވާ ޤައުމުގެ ގޮތުގައެވެ. އެ ޤައުމުގައި ޖުމްލަ 136،733 މީހުން މަރުވެފައިވާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 41،322 މީހުންނަށް ބަލިޖެހި 485 މީހުންވަނީ މަރުވެފައެވެ.

އިންޑިޔާގެ ސްޓޭޓުތަކުގެ ތެރެއިން އެންމެ ޙާލަތު ގޯހީ ހުޅަނގުގެ ސްޓޭޓެއްކަމަށްވާ މުމްބާއީގައެވެ. އެ ސްޓޭޓުގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު ހުރީ 1.68 މިލިއަނަށްވުރެ މަތީގައެވެ. އެއީ ސްޕެއިނާއި އިޓަލީވިލާތާއި އިނގިރޭސިވިލާތުގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދަށްވުރެވެސް އިތުރު ޢަދަދެކެވެ.