ވިޔަފާރި

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ


މިއަހަރުގެ އޮގަސްޓްމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އޮގަސްޓްމަހާ އަޅާބަލާއި އިރު %5.7 އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީއިން އާއްމުކޮށްފައިވާ އެއްމެ ފަހުގެ ތަފާސް ހިސާބްތައް ދައްކާގޮތުން މި އަހަރުގެ އޮގަސްޓްމަހު ރާއްޖެއަށް 110،144 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

އަދި މިއަހަރުގެ ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިންގެ އަަދަދު ދަށަށް ގޮސްފައިވީ ނަމަވެސް އޮގަސްޓްމަހު ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާގެ ފަތުރުވެރިންގެ އަދަދު ވަނީ %7.8 އިތުރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބްތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 823،766 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %2.2 އިތުރު އަދަދެކެވެ.

އޮގަސްޓްމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވީ ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓްމަހާއި އަޅާ ބަލާއިރު މި އަހަރުގެ އޮގަސްޓްމަހު، މެދު އިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ ދަަަށަށް ގޮސްފައެވެ. އަދި ވަކި ވަކި ޤައުމްތަކަށް ބަލާ އިރު ރަޝީއާ، ފްރާންސް އަދި ޤަތަރު ފަދަ ޤައުމްތަކުން އޮގަސްޓްމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އޮގަސްޓްމަހާއި އަޅާ ބަލާ އިރު ދަށަށް ގޮސްފައިވާ ކަންވެސް ފާހަގަކޮށްލެވެއެވެ.   

އޮގަސްޓްމަހު ރާއްޖެއަށް އެއްމެ ގިނައިން ފަތުވެރިން ޒިޔާރަތްކޮށްފައިވާ ޤައުމްތަކަކީ ޗައިނާ، އިޓަލީ، އިގިރޭސިވިލާތް އަދި ޖަރުމަނީއެވެ.