ޚަބަރު

މީގެފަހުން އެމްބިއުލާންސްއާއެކު ފަރުވާދެވޭވަރުގެ މީހަކު ދާނެ: އައިޖީއެމްއެޗް


ކުއްލި ޙާލަތުގައި އެންމެ ފުރަތަމަ ފަރުވާދޭ ޕެރަމަޑިކް ޚިދުމަތް އައިޖީއެމްއެޗުގައި ތަޢާރަފްކޮށްފިއެވެ.

އައިޖީއެމްއެޗްގައި ޕެރަމެޑިކް ޚިދުމަތުގައި އިސްކޮށް އުޅުއްވާ ޑރ. އަޙްމަދު ޒިޔާން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ކުއްލި ޙާލަތުގައި އެމްބިއުލަންސް ދާއިރު ފަރުވާ ދެވޭނެ ފަދަ މީހަކު ނުދާކަމުގެ ޝަކުވާއަކީ ޢާއްމުންގެ ފަރާތުން ލިބޭ ޝަކުވާއެއްކަމަށެވެ. އެހެންނަމަވެސް ޕެރަމެޑިކްސްގެ ޚިދުމަތާއެކު އެމްބިއުލާންސްގައި ފުރިހަމަ ވަޞީލަތާއެކު މެޑިކަލް ފަރުވާ ދެވޭނެފަދަ ޕެރަމެޑިކް ސްޓާފަކު ދާނެކަމަށް ޑރ. ޒިޔާން ވިދާޅުވިއެވެ.

ޑރ. ޒިޔާން ވިދާޅުވީ މީގެ ފަހުން އައިޖީއެމްއެޗްގެ އެމްބިއުލާންސް ނަމްބަރަށް ގުޅާލުމުން ފޯނަށް ޖަވާބުދޭނީވެސް ޕެރަމެޑިކް ސްޓާފުންކަމަށެވެ. އެހެންކަމުން ފޯނުންވެސް ވަގުތުން ވަގުތުން ޢަމަލުކުރަން ވީގޮތުގެ އިރުޝާދު ގުޅާ ފަރާތަކަށް އަރުވާނެކަމަށް އޭނާ ވިދާޅުވިއެވެ. ޒިޔާން ވިދާޅުވީ ޕެރަމެޑިކްސްއަށް ނުދެވުނުނަމަވެސް ފޯން ކޯލްއިން މަޢުލޫމާތު ސާފުކުރުމަށްފަހު ޕެރަމެޑިކް ސްޓާފް ދާންޖެހޭފަދަ ކުއްލި ޙާލަތެއްނަމަ މީގެ ފަހުން އައިޖީއެމްއެޗުން ދާނީ ޚާއްސަ ޕެރަމެޑިކް އެމްބިއުލާންސްކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

އައިޖީއެމްއެޗުގައި ޕެރަމެޑިކްގެ ޚިދުމަތް ފަށާއިގަތީ އެކަމަށް ޚާއްސަ 3 އެމްބިއުލާންސާއި 12 މުވައްޒަފުންނާއެކުގައެވެ. މިކަމަށް އިތުރު މުވައްޒަފުން ނެގުމުގެ މަސައްކަތް މަޑުޖެހިފައިވަނީ ކޯވިޑް-19ގެ ސަބަބުންކަމަށާއި އަންނަ ޖެނުއަރީމަހު ޕެރަމަޑިކް ޓީމަށް ބޭނުންވާ އިތުރު ފަރާތްތައް ހޯދުމުގެ މަސައްކަތް ފަށައިގަނެވޭނެކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

އައިޖީއެމްއެޗުގައި އަލަށް ތަޢާރަފްކުރި މިޚިދުމަތާއެކު ކުރިއަށް އޮތްތަނުގައި ކުއްލި ފަރުވާ ދިނުމަށް އެހޮސްޕިޓަލުންދާ ޓީމު ވަރުގަދަވާނެކަމަށް ވިދާޅުވެއެވެ.

ޕެރަމެޑިކް ޚިދުމަތަކީ ކުއްލި ފަރުވާ ދިނުމަށް ތައްޔާރީ ޙާލަތުގައި އަބަދުވެސް ތިބޭ ބަޔަކަށްވާއިރު މިޚިދުމަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އެފަދަ ޙާލަތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޚާއްސަ ތަމްރީނުތަކެއް ދޭނެއެވެ. އެހެންކަމުން ކުއްލި ފަރުވާގެ ޚިދުމަތް ރަނގަޅު ކުރެވުމުން އެފަދަ ޙާލަތުގައި ފަރުވާ ލަސްވެގެން ގެއްލޭ ފުރާނަތައް މަދުވެގެންދާނެކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއެވެ.