'ސޭވަ ދަ ބީޗް'ގެ ފަރާތުން ކުރިއަށްގެންދާ މުރަކަ އާލާކޮށް ފަރުތައް
ހިމާޔަތްކުރުމުގެ މަޝްރޫއު ވަރަށް ކާމިޔާބް ކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފިއެވެ.
ސޭވަ ދަ ބީޗް ޖަމިއްޔާގެ ފަރާތުން ވަނީ މި އަހަރުގެ ޖޫން
މަހުގެ ތެރޭގައި ވިލި މާލެ އިރުމަތީ ފަރުގައި 300 އަކަ ފޫޓޫގެ
ޖާގައެއްގައި މުރަކަ އިންދާފައި، އެތަނުގައި އިންދާފައިވާ މުރަކަ ތަކަކީ،
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކަންވެގެން، އެ ސަރަޙައްދުގެ މޫދުން
ނެގި މުރަކަ އާއި އުތުރު ތިލަ ފަޅު ހިއްކަންވެގެން، އެ ފަޅުން ނެގި މުރަކައެވެ.
ސޭވް ދަ ބީޗް އިން ކުރިއަށް ގެންދާ ރީފް
މޮނިޓަރިންގ އެންޑް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ޕްރޮޖެކްޓްގެ މެނޭޖަރ، ފާތުމަތު
ތަންޒީލާ ފާހަގަކުރެއްވިގޮތުގައި މި ޕްރޮޖެކްޓަށް އާއްމުންގެ ވަރަށް ބޮޑު
ތަރުހީބެއް ލިބެމުންދޭ. އަދި ހާއްސަ ކޮށް ޒުވާން ކުދިން އަމަލީ ގޮތުން މުރަކަ
އިންދުމުގައި ބައިވެރިވާ ކަން ތަމްޒީލާ ފާހަގަކުރެއްވިއެވެ.
ސޭވްދަ ބީޗްގެ ޗީފް އެގްޒެކެޓިވް ހަސަން އަހުމަދު ވިދާޅުވީ
މި ޕްރޮޖެކްޓް މިއަށް ވުރެއް ފުޅާކޮށް ކުރިއަށް ގެންދިޔުމަށް މުރަކަ ފަދަ މޫދުގެ
ދިރުންތައް ދިރާސާކުރުމަށް 'ރިސަރޗް ސެންޓަރއެއް ރާއްޖޭގައި ޤާއިމްވެގެން ދިޔުން
މުހިއްމު ކަމަށެވެ.
ދުނިޔޭގައިވާ މުރަކައިގެ އެންމެ ބޮޑު ގުދުރަތީ ދެއަތޮޅު
ހިމެނެނީ ދިވެހިރާއްޖޭގައެވެ. އެއީ ބޮޑުތިލަދުންމައްޗާއި ހުވަދޫ
އަތޮޅެވެ. ދިވެހިރާއްޖޭގެ
ފަރުތަކުގެ ނިޒާމަކީ ދުނިޔޭގެ ނިސްބަތުން ހަތްވަނައަށް އެންމެބޮޑު ފަރުގެ ނިޒާމެވެ.
އެއީ، ދުނިޔޭގެ ފަރުތަކުގެ ނިޒާމުގެ %3.14 އެވެ. މުޅިއެކު 2041 ފަރު
ދިވެހިރާއްޖޭގައިވާއިރު، މިފަރުތަކުގެ ސަބަބުން ދިވެހިރާއްޖެ ގުނާލެވެނީ ދުނިޔޭގެ
އެންމެ މުއްސަނދި މެރިން ބަޔޯޑައިވާސިޓީ ހިމެނޭ އެއްތަނުގެ ގޮތުގައިކަން
ފާހަގަކޮށްލެވެއެވެ.