ޚަބަރު

ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ސަރވޭކުރަނީ


ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ފަށާފައިވާ ”ސްޓެޕް ސަރވޭ"އަށް މާލެ ސަރަޙައްދުގެ ރައްޔިތުންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްފެށުމަށް ތައްޔާރުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިސަރވޭގައި މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ ގޭބިސީތަކުގެ ތެރެއިން ގުރުއަތުން ނެގިފައިވާ ގޭބިސީތަކަށް މަޢުލޫމާތު އެއްކުރުމަށް ޒިޔާރަތްކުރަމުންގެންދާނެކަމަށެވެ. މިއީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި ޤައުމީ ޔުނިވަރސިޓީއާއި އެޗްޕީއޭ ގުޅިގެން ކުރިއަށްގެންދާ ދިރާސާއެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މި ސަރވޭގައި މަޢުލޫމާތު އެއްކުރުމަށް ދާފަރާތްތަކުން ތިބޭނީ ޤައުމީ ޔުނިވަރސިޓީއިން އެކަމަށް ދޫކޮށްފައިވާ ޚާއްސަ ފާހެއް އަޅައިގެންކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މިސަރވޭއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގައި ޢާއްމުންގެ އެއްބާރުލުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

"ސްޓެޕް ސަރވޭއަކީ ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅިފައިވާ އަދި ދިގު މުއްދަތަކަށް ބޭސް ބޭނުންކުރަންޖެހޭ ފަދަ ބަލި ނުވަތަ ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމަށް މަގުފަހިވާ ކަންކަން ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް ކުރިއަށްގެންދާ ދިރާސާއެކެވެ. މިއީ ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމާ ގުޅޭ އުސޫލުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް މުހިންމު ސަރވޭއެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން އަންނައިރު މިފަދަ ބަލިތަކަށް ފަރުވާ ކުރުމަށް ދައުލަތުން ކުރާ ޚަރަދު އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން ބަލިތަކުން ރައްކާތެރި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން އަންނަނީ ކަމާ ގުޅުންހުރި އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރައްވަމުންނެވެ.