ހއ.އަތޮޅުން ފެށިގެން ތ.އަތޮޅާހަމައަށް ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
އެސަރަޙައްދަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވައިޓް އެލަރޓްވެސް ނެރެފައެވެ. އެއިދާރާއިން ހއ.އަތޮޅުން ފެށިގެން ތ.އަތޮޅާހަމައަށް ވައިޓް އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން ހަވީރު 16:00 ޖެހުމާ ހަމައަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ހއ.އަތޮޅާއި ތ.އަތޮޅުތަކުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށާއި އަދި ގާތްގަނޑަކަށް 40 މޭލަށް ވައި ބާރުވާނެކަމަށެވެ.
Alert White for heavy rain, thunderstorms and gusts of 40 mph. pic.twitter.com/bEMc58t4w6
— Maldives Meteorology (@MetMaldives) December 20, 2020
މެޓު އޮފީހުން ވިދާޅުވީ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ.
މެޓު އޮފީހުން ވިދާޅުވީ އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ވާނެކަމަށެވެ. ރާއްޖޭގެ ކަނޑުތަކުގައި ރާޅު އުސްމިނުގައި އުތުރާއި މެދުރާއްޖެތެރޭގައި 3 ފޫޓާ 6 ފޫޓާ އަދި ދެކުނު އަތޮޅުތަކުގައި 2 ފޫޓާ 5 ފޫޓާ ދެމެދުގެ އުސްމިނުގައި ރާޅުގެ އުސްމިން ހުންނާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްކުން މޫސުމަށް ސަމާލުވުމަށް އެއިދާރާއިން ވިދާޅުވެއެވެ.