ކޯވިޑް ޖެހިގެން ހަސްފަތާލުގައި ފަރުވާ ހޯދަންޖެހޭ މީހުންގެ ތެރެއިން ހަތަރުބައި ކުޅަ ތިންބައި މީހުންގެ ކިބައިން ބަލިން ފަސޭހަވުމުގެ ހަ މަސް ދުވަސް ފަހުންވެސް ބަލީގެ އަލާމާތްތައް ފެންނަކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ލޭންސްޓް މެޑިކަލް ޖާނަލްގައި ޝާޢިއުކޮށްފައިވާ ދިރާސާގައިވަނީ ކޯވިޑް އެންމެ ފުރަތަމަ ފެތުރެން ފެށި ޗައިނާގެ ވުހާން ސިޓީގައި ބަލިޖެހުނު އެތައް ސަތޭކަ މީހުންގެ މަޢުލޫމާތު އެއްކޮށްފައެވެ. އެ ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި ބަލިން ފަސޭހަވުމަށްފަހުގައިވެސް ކޯވިޑް ޖެހުނު މީހުންގެ ފަރާތުން ފެންނަ އަލާމާތަކީ ވަރުބަލިކަން އިޙުސާސްވުމާއި މަސްގަނޑުގެ ބާރުދެރަވުމެވެ. އޭގެ އިތުރުން ނިދުމުގައި އުނދަގޫތައް ކުރިމަތިވުންވެސް ހިމެނެއެވެ.
ޗައިނާގައި ކުރި ދިރާސާ ބިނާކޮށްފައިވަނީ ވުހާންގެ ހޮސްޕިޓަލެއްގައި މިދިޔަ އަހަރުގެ ޖަނަވަރީ މަހާއި މެއި މަހާއި ދެމެދު ކޯވިޑަށް ފަރުވާ ހޯދާފައިވާ 1،733 މީހުންގެ މަޢުލޫމާތުގެ މައްޗަށެވެ. ދިރާސާގައި ހިމަނާފައިވާ ބަލިމީހުންގެ އެވަރެޖު އުމުރަކީ 57 އަހަރެވެ. ދިރާސާކުރި ފަރާތުންވަނީ މިދިޔަ ޖޫން މަހާއި ސެޕްޓެމްބަރު މަހާއި ދެމެދު އެމީހުންނަށް ޒިޔާރަތްކޮށް އެމީހުންގެ އަލާމާތްތަކާއި ޞިއްޙަތާއިގު ޅޭގޮތުން ގިނަ ސުވާލުކޮށްފައެވެ. އަދި އެމީހުންގެ ޖިސްމާނީ ދުޅަހެޔޮކަންވެސް ވަނީ ބަލައިފައެވެ.
ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި އެ ދިރަސާގައި ބައިވެރިވި މީހުންގެ ތެރެއިން 76 އިންސައްތަ މީހުންނަށް އަދިވެސް ބައްޔާއިގުޅޭ އުނދަގޫތައްދަނީ ކުރިމަތިވަމުންނެވެ. އެގޮތުން 63 އިންސައްތަ މީހުންވަނީ އަދިވެސް ވަރުބަލިކަން އިޙުސާސުކުރެވޭކަމަށާއި ހަށިގަނޑުގެ މަސްތަކުގެ ވަރު ދޫވެފައިވާކަމަށް ބުނެފައެވެ. 26 އިންސައްތަ މީހުންވަނީ ނިދުމުގައި އުނދަގޫތަކެއް ކުރިމަތިވާކަމަށް ބުނެފައެވެ.
މި ދިރާސާގައިވަނީ އެންމެ ބަލި ބޮޑުވީ ދުވަސްވަރު ހަށިގަނޑުގައި އެންޓިބޮޑީ ހުރި ބައެއް މީހުންގެ މިހާރުގެ ހާލަތުވެސް ބަލާފައެވެ. މިގޮތުން 94 މީހެއްގެ ލޭ ހަ މަސް ދުވަސް ފަހުން ތަހުލީލުކުރި އިރު ހަށިގަނޑުގައި އެންޓިބޮޑީ ހުރި މިންވަރުވަނީ 52.5 އިންސައްތަ ދަށަށް ގޮސްފައެވެ. ދިރާސާކުރި ފަރާތުން ބުނީ އެ ހޯދުމާއިއެކު ބަލިޖެހިފައި ފަސޭހަވާ މީހުންނަށް އަނެއްކާވެސް ކޯވިޑް ޖެހުމުގެ ފުރުޞަތު އޮތްކަމަށް ބާރުދޭކަމަށެވެ. ނަމަވެސް އެކަން ޔަޤީންކުރުމަށް އިތުރު ތަހުލީލުތައް ކުރަންޖެހޭކަމަށް އެފަރާތުން ބުނެއެވެ.
ކޯވިޑް ދާއިމީ އަސަރުތަކާއި ގުޅޭގޮތުން މިހާތަނަށް ކޮށްފައިވަނީ މަދު ދިރާސާއެކެވެ. ޗައިނާގައި ކުރި ދިރާސާއާއި ގުޅޭގޮތުން ސައިންސްވެރިން ބުނީ އެ ދިރާސާއިން ކޯވިޑްގެ ސަބަބުން ހަށިގަނޑުން ނުފިލާ ހުންނަ އަސަރުތަކާއި ގުޅޭ އިތުރު ދިރާސާތައް ކުރަންޖެހޭކަން ހާމަކޮށްދޭކަމަށެވެ.
ދިރާސާކުރުމުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންނެވި ޗައިނާގެ ނޭޝަނަލް ސެންޓަރ ފޮރ ރެސްޕިރޭޓަރީ މެޑިސިން، ބިން ކާއޯ ވިދާޅުވީ ކޯވިޑަކީ މުޅިން އައު ބައްޔެއްކަމުން އެ ބަލީގެ ސަބަބުން ބަލިޖެހޭ މީހުންގެ ޞިއްޙަތަށް ދިގު މުއްދަތަށްކުރާ އަސަރުތައް ދެނެގަނެވެން ފަށައިފައިވަނީ އަދި ކިރިޔާ ކަމަށެވެ. އޭނާ ވިދާޅުވީ ބަލިޖެހޭ މީހުން ބަލިން ފަސޭހަވެ ހަސްފަތާލުން ދޫކޮށްލުމަށްފަހުގައިވެސް އެ މީހުންނަށް ފަރުވާ ދިނުމުގެ މުހިންމުކަން ދިރާސާގެ ނަތީޖާއިން ހާމަކޮށްދީފައިވާކަމަށެވެ. އަދި ބަލީގެ ސަބަބުން ޙާލު ދެރަވާ މީހުންނަށް ބަލިން ފަސޭހަ ވުމުންވެސް އިތުރަށް ބެލުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.