ކުޅިވަރު

ފަހު ވަގުތު އީގަލްސް ބަލިކޮށް ވިކްޓްރީ ފަސްވަނައަށް




      އީގަލްސްއިން ދެލަނޑު ޖަހާފައިވަނިކޮށް ފަހަތުންއަރާ
ތިން ލަނޑު ޖަހައިގެން އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ވިކްޓްރީ ކުޅުނު
މެޗް ކާމިޔާބުކޮށްފި.

މިއަދު ހަވީރު ޓަރފް ދަނޑުގައި ކުޅުނު މިމެޗް ވިކްޓްރީ
ކާމިޔާބުކުރީ ތިންލަނޑު ދެލަނޑުންނެވެ. މެޗްގެ ފުރަތަމަ ހާފްގެ ވަރަށް ކުރީކޮޅު
އީގަލްސްއިން ދެލަނޑު ޖަހާ ލީޑު ނެގިއެވެ. މިދެލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ
ކުޅުންތެރިޔާ ޖެރާޑޯ ރޭސްއާ އަންސަރު އިބްރާހިމްއެވެ.

މެޗްގެ ދެވަނަ ހާފްގައި
ވިކްޓްރީއިން ކައިރިކައިރީގައި ދެލަނޑު ޖަހާ ނަތީޖާ ހަމަހަމަކުރިއެވެ. މިދެލަނޑު ވިކްޓްރީއަށް
ކާމިޔާބުކޮށްދިނީ އޮމަޑޫ އަދި ޝާތިރުއެވެ. ވިކްޓްރީ މެޗުން މޮޅުކޮށްދިން ލަނޑު އޮމަޑޫ
ކާމިޔާބުކޮށްދިނީ މެޗްގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ
އެންމެ ފަހު މިނިޓްގައެވެ. މިނަތީޖާޔާއެކު ވިކްޓްރީ ތާވަލްގެ ފަސްވަނައަށް
ޖެހިލާފައިވަނީ 9 ޕޮއިންޓާއެކުއެވެ. 10 ޕޮއިންޓާއެކު އީގަލްސް އޮތީ ތާވަލްގެ
ހަތަރުވަނައިގައެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މާދަމާ ކުޅޭނީ ފުރަތަމަ
ބުރުގެ ފަހު މެޗެވެ. މިމެޗްގައި ބައްދަލްކުރާނީ ތާވަލްގެ އެއްވަނައިގައިވާ
ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބާ، ތިންވަނައިގައިވާ މާޒިޔާ ސްޕޯޓްސް އެންޑް
ރިކްރިއޭޝަންއެވެ. މިމެޗް މާޒިޔާ ކާމިޔާބުކޮށްފިނަމަ އެޓީމަށް ތާވަލްގެ އެއްވަނަ
ލިބޭނެއެވެ.