ޚަބަރު

ލޮނުޒިޔާތް ޕާކުގައި އެއްވެސް ސިޔާސީ ޙަރަކާތެއް ނުހިންގޭނެ


ލޮނުޒިޔާރަތް ޕާކުގައި އެއްވެސް ސިޔާސީ ޙަރަކާތެއް ނުހިންގޭގޮތަށް ނިންމާ އެހެން ބޭނުންތަކަށް ޕާކު ކުއްޔަށް ދޭ އަގުތަކާއި ގަޑިތައް ސިޓީ ކައުންސިލުން ހާމަކުރައްވައިފިއެވެ. މިގޮތަށް ނިންމަވާފައިވާއިރު އިވެންޓުތައް ބޭއްވުމަށްވެސް ލޮނުޒިޔާރަތް ޕާކު ހުކުރު ދުވަހު ހަވީރު ކުއްޔަށް ދޫނުކުރަން މާލެ ސިޓީކައުންސިލުންވަނީ ނިންމަވާފައެވެ. ސިޓީ ކައުންސިލުންވަނީ ހުކުރު ދުވަހުގެ މެންދުރު 14:00އިން އިރުއޮއްސި 19:00ޖެހުމާހަމައަށް ޕާކުގެ އެއްވެސް ސަރަޙައްދެއް ކުއްޔަށް ދޫނުކުރަން ނިންމަވާފައެވެ.

މާލޭގައި ދިރިއުޅޭ މީހުން ހިތްހަމަޖައްސާލާ އުފާކޮށްލުމަށް ހިތްފަސޭހަ ސަރަޙައްދެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާ ލޮނުޒިޔާރަތް ޕާކު ކުއްޔަށް ދިނުމަށް މާލެ ސިޓީކައުންސިލުންވަނީ ނިންމަވާފައެވެ. ޕާކު ކުއްޔަށް ދޫކުރަން ނިންމެވިނަމަވެސް ލޮނުޒިޔާރަތް ޕާކުގައި ސިޔާސީ އެއްވެސް ޙަރަކާތެއް ހިންގުމަށް ފުރުސަތެއް ނުދޭނެ ކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތުދެއްވައެވެ. އަދި ޕާކުގެ އެއްވެސް ތަނެއްގައި ސިއްޙަތަށް ގެއްލުންވާ ބާވަތްތައް ޕްރޮމޯޓްކުރުމުގެ ޙަރަކާތެއްވެސް ނުހިންގޭނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ޕާކު ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ އަގުތައް ސިޓީ ކައުންސިލްގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާއިރު ތަންތަން ދޫކުރާ ވަގުތުވެސްވަނީ ޢާއްމުކުރައްވާފައެވެ. އެގޮތުން ފެނާރު ނުވަތަ ޕާކުގައި ހިމެނޭ ވޯޓަރފޯލް ހިމެނޭ ސަރަޙައްދު ކުއްޔަށް ދޫކުރާނީ ގިނަވެގެން 2 ގަޑިއިރަށް ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި ޕާކުގައި ހިންގާ ޙަރަކާތްތަކަށް ކަރަންޓު ބޭނުންކުރާނަމަ އިތުރު 500 ރުފިޔާގެ ޗާޖެއްނެގުމަށްވެސްވަނީ ނިންމަވާފައެވެ. މީގެ އިތުރުން ޕާކުގައި ބާއްވާ އެކި ބާވަތުގެ ޙަފްލާތަކާއި ބައްދަލުވުންތަކުގައިވެސް އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތައް ބޭނުންނުކުރުމަށް ކައުންސިލުން ބާރުއަޅުއްވާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ލޮނުޒިޔާރަތް ޕާކުކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އެކަމަށް ޚާއްސަ ފޯމެއް ފުރަންޖެހޭ ގޮތަށް ސިޓީކައުންސިލުންވަނީ ހަމަޖައްސަވާފައެވެ. އެޕާކުގައި ޙަފްލާތަކާއި ޖަލްސާތަކާއި އެކި ބައްދަލުވުންތައް ބޭއްވުމަށް ޕާކުގެ 9 ސަރަޙައްދެއް ދޫކުރުމަށް ނިންމަވާ އެތަންތަން ކުއްޔަށް ދޭ ގަޑިތަކާއި އަގުތައްވަނީ ހާމަކުރައްވާފައެވެ. އެގޮތުން ޕާކުގެ އެންމެ ބޮޑު 2 ސަރަޙައްދުކަމަށްވާ މާމެލާމެލިއާއި ކަސްރަތު ފެހި ދޫކުރުމަށް ނިންމާފައިވަނީ ގަޑިއިރަކަށް 1000 ރުފިޔާއަށެވެ. މީގެ އިތުރުން އުސްބަގީޗާއާއި މެދު ބަގީޗާއާއި ފާލަން އައްސޭރި ކުއްޔަށް ދެނީ ގަޑިއިރަކަށް 800 ރުފިޔާއަށެވެ. އިތުރު ސަރަޙައްދުތަކެއްވެސް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާއިރު މިތަންތަނުގެ އަގުތައް އުޅެނީ ގަޑިއިރަކަށް 300 ރުފިޔާއާއި 600 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. އާއްމު އިވެންޓުތަކަށް މިއަގުތައް ކަނޑައަޅާފައިވީނަމަވެސް އިތުރުވާ ގަޑިތަކަށް އިތުރަށް ޗާޖުކޮށް ވިޔަފާރި ބޭނުންތަކަށް ޕާކު ކުއްޔަށް ނަގާ ފަރާތްތަކަށް އިތުރު 8 އިންސައްތަ ޗާޖުކުރުމަށްވަނީ ނިންމާފައެވެ.

ލޮނުޒިޔާރަތް ޕާކަކީ 2.5 ހެކްޓަރުގެ ބިމެއްގައި ސަރުކާރުން ތަރައްޤީކޮށްފައިވާ ޕާކެކެވެ. ހިތްފަސޭހަ މައިޒާންތަކާއެކު ތަރައްޤީކޮށްފައިވާ މިޕާކު ބެލެހެއްޓުމުގެ މަސައްކަތް ވަކި އުސޫލެއްގެ މަތިން ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ. ލޮނުޒިޔާރަތް ޕާކަށް ޢާއްމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުން އަންނައިރު މިތަނުގައި އެކި އިވެންޓުތައް ބާއްވަން ޝައުގުވެރިވާ މީހުންގެ ޢަދަދުވެސް އިތުރުވަމުން އަންނަކަން މާލެ ސިޓީ ކައުންސިލުން ފާހަގަކުރައްވައެވެ.