ޚަބަރު

ކުނިނުވާ ކުނީގެ މައްސަލަ ބޮޑުވެ އިތުރު ސަމާލުކަމެއް ދޭން ޖެހިފައި


ރާއްޖޭގައި ކުނީގެ މައްސަލަ ބޮޑުވެފައިވަނީ ކުނިނުވާ ޒާތުގެ ކުނި އިތުރުވަމުންދިއުމާއި އެބާވަތުގެ ކުނި މޫދަށް އަޅާ މިންވަރު އިތުރުވެފައިވާތީކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ޙުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ޕްރިވެންޝަން އޮފް މެރިން ލިޓަރ އިން ދަ ލަކްޝަދީޕް ސީ ޕްރޮޖެކްޓް ރަސްމީކޮށް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޕްރިވެންޝަން އޮފް މެރިން ލިޓަރ އިން ދަ ލަކްޝަދީޕް ސީ ޕްރޮޖެކްޓް (ޕްރޮމިސް) އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ޙުސެއިން ރަޝީދު ޙަސަން ވިދާޅުވީ މީގެ ފަންސާހަކަށް އަހަރުކުރިއަށް ބަލާއިރު ކުނީގެ މައްސަލަ ރާއްޖޭގައި ބޮޑު މައްސަލައެއްގެ ގޮތުގައި ނެތްކަމަށެވެ. ސަބަބަކީ އޭރު ކުނީގެ ގޮތުގައި ހުރީ ކުނިވާ ޒާތުގެ ނުވަތަ އަމިއްލަ ޒާތުގައި ނެތިފަނާވެދާފަދަ ކުނީގެ ބާވަތްތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް ވޭތުވެދިޔަ މާޒީގައި ޕްލާސްޓިކް ފަދަ ގިނަ ދުވަހުން ފަނާވާ ޒާތުގެ ކުނި އިތުރުވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ކުރީގަ މޫދަށް ކުނި އެޅުމަކީ މައްސަލައަކަށް ނުވޭ. އޭރު ކުންޏޭ ކިޔަމުން އައީ ކުނިވާ ކުންޏަށް. ހޭޅިފަށަށް ކުނި އެޅުމަކީ މައްސަލައެއް ނޫން އޭރު. އޭރު ކިޔަނީވެސް ގޮނޑުދޮށް. އެއީ އެތަނުގައި ގޮނޑު އޮންނާތީ. އެހެންނަމަވެސް މިކަން މައްސަލައަކަށް މިއަދުވެގެން މިއުޅެނީ ކުނިނުވާ ކުނި ކުންޏަށް ވީ ހިސާބުން.އެފަދަ ކުނި މޫދަށް އަޅަންފެށި ހިސާބުން" މިނިސްޓަރ ވިދާޅުވިއެވެ.

ކުނީގެ މައްސަލައާއި ޕްލާސްޓިކް ކުނީގެ ގެއްލުން ފާހަގަކުރައްވައި މިނިސްޓަރ ވަނީ ރާއްޖޭގެ ކަނޑުފަޅުތަކަށް ޕްލާސްޓިކުގެ ނުރައްކާ އޮތް މިންވަރަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދިވެހިންގެ އަސްލަކީ މުރަކަ ކަމަށް މިނިސްޓަރވަނީ ވިދާޅުވެފައެވެ. އެގޮތުން ދިވެހިރާއްޖެ އުފެދިފައިވަނީ މުރަކައިގެ ޖަޒީރާއެއްގެ މަތީގައިކަމަށާއި މިއަދު ޕްލާސްޓިކްގެ ސަބަބުން ދިވެހިންގެ އަސްލަށް ނުރައްކާވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ކަނޑުފަޅުގެ މަޢުލޫމާތު ހޯދައި އެތަންތަނަށް ގަދަރުކުރާ ޖީލެއް ބިނާކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މުރަކައާއި ކަނޑުގެ ދިރުންތަކަށް އިޙްތިރާމްކުރަން ދަސްކޮށްދޭން އެބަޖެހޭ ސްކޫލް ދައުރުން ފެށިގެން. ތަޢުލީމީ މަންހަޖުގައި މިބައި ހިމެނެން އެބަޖެހޭ. ކުދިންނަށް ދަސްކޮށްދީ މިއީ ތަޢުލީމީ ދާއިރާ ހިއްސާވާ ކަމަކަށް ހަދަންޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ.

ކަނޑުފަޅަށް ކުނި އެޅުމުގެ ނުރައްކާ ސީދާ އައިސް ގުޅޭނީ ރާއްޖޭގެ ދުޅަހެޔޮކަމާއި އިޤްތިޞާދާއެވެ. އެގޮތުން ދިވެހިންގެ ކެއުމުގައި ބޭނުންކުރާ 75 އިންސައްތަ ޕްރޮޓީން ހިއްސާކުރަނީ ކަނޑުގެ ދިރުންތަކާއެވެ. އަދި ވަޒީފާގެ 71 އިންސައްތަ ފުރުސަތު ކަނޑުފަޅުތަކާއި ސީދާވަނީ ގުޅިފައެވެ. ރާއްޖެއަށް ބޭރުފައިސާ ލިބޭ މައިގަނޑު ދެ ސިނާޢަތުން ދައުރުވާ ބޭރުފައިސާގެ 62 އިންސައްތަ ގުޅެނީ ސީދާ ކަނޑުފަޅާއެވެ. އަދި ޤައުމަށް އެތެރެވާ ޢާމްދަނީ ގެ 50 އިންސައްތަ ސީދާ ގުޅެނީ ކަނޑާއި ކަނޑުގެ ދިރުންތަކާއެވެ.

ޕްރޮމިސް ޕްރޮޖެކްޓަކީ ޔޫރަޕިއަން ޔޫނިއަންއިން އިސްނަންގަވައިގެން އޭޝިޔާގެ ޤައުމުތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް ކުރިޔަށްގެންދާ ސްވިޗް އޭޝިޔާ ޕްރޮގްރާމުގެ ދަށުން އެކުލަވާލެވުނު ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓް މެނޭޖްކުރުމަށް ޔޫރަޕިއަން ޔޫނިއަން ހަވާލުކޮށްފައިވަނީ ޤައުމީ ޔުނިވަރސިޓީއާއެވެ. މީގެ ދަށުން ސަރަހައްދީ ޤައުމުތަކާ ގުޅިގެން ތިންހާހަށްވުރެ ގިނަ ޕްރޮގްރާމް ހިންގުމަށްވަނީ ރާވާފައެވެ.