ޚަބަރު

ކަނޑުގައި ދުއްވާ އުޅަނދުފަހަރު އިންޝުއާ ކުރުން ލާޒިމްކުރަނީ


އަންނަ އަހަރުން ފެށިގެން ކަނޑުގައި ދުއްވާ ހުރިހާ އުޅަނދުފަހަރެއެް އިންޝުއަރެސް ހަދަން ޖެހޭ ގޮތަށް ކަނޑައަޅާ ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދެއް އެކުލަވާލާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީއިން ހާމަކޮށްފިއެވެ. މިއަދު ވެލާނާ ބިލްޑިންގުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ޓްރާންސްޕޯޓް އޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓަރ ހުސެއިން ނަޒީރު ވިދާޅުވީ މި ގަވާއިދު ވަރަށް އަވަހަށް ގެޒެޓް ކުރެވިގެންދާނެ ކަމަށާއި މި ގަވާއިދު ވަރަށް އަވަހަށް ގެޒެޓް ކުރެވި އަމަލް ކުރަން ފަށާނެ ކަމަށެވެ.މި ގަވާއިދާއި އެކު ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުފަހަރުގެ ސަލާމަތީ ކަންތައްތަކަށް ބޮޑެތި ބަދަލްތަކެއް އަންނާނެ ކަމަށްވެސް ނަޒީރު ވިދާޅުވިއެވެ. މި ނޫސްވެރިންގެ ބައްދަލްވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް އަބްދުލް ލަތީފް މުހައްމަދު ވިދާޅުވީ މި ގަވާއިދުގެ ތަށުން ކެޕްޓަނުންނާއި ފަޅުވެރިންނަށް ތަމްރީން ދިނުންވެސް ހިމެނޭ ކަމަށެވެ.