ޚަބަރު

ޑީސީޕީ އަރީފް ފުލުހުންގެ މެނޭޖްމަންޓް ބޯޑާއި ބައްދަލުކުރައްވައިފި


މޯލްޑިވްސް ޕޮލިސް ސަރވިސް ހިންގެވުމާއި  ޙަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް، ފުލުހުންގެ މެނޭޖްމަންޓް ބޯޑާ ބައްދަލު ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު އިސްކަންދަރު ކޮށީގައި އޮތް މިބައްދަލުވުމުގައި އަޙްމަދު ޢަރީފް ވަނީ ފުލުހުންގެ މުއައްސަސާގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ހޯދުމަށް ގުޅިގެން މަސައްކަތް ކުރެއްވުމަށް މެނޭޖްމަންޓް ބޯޑުގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. 

މިއާއެކު ފުލުހުންގެ ސަފުތަކުގެ ބަދަހިކަން ވަރުގަދަކޮށް ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ޤާނޫނީ ޒިންމާ އަދާކުރުންމަތީ ހުރިހާ ފުލުހުން ދެމި ތިބުމަށް ބާރު އަޅައިގެން ހުރިހާ ފުލުހުން ލައްވައި މަސައްކަތް ކޮށްދެއްވުމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މެނޭޖްމަންޓް ބޯޑުގެ މެމްބަރުންގެ ކިބައިން އެދިވަޑައިގަތެވެ.

މިއަދުގެ ބައްދަލުވުމުގައި ޑެޕިއުޓީ  ކޮމިޝަނަރ އަޙްމަދު ޢަރީފް ވިދާޅުވީ ރަށުތެރޭގައި އަމާންކަން ޤާއިމްކޮށް މަޞްލަޙަތު ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ހުއްޓިނެތި ކުރުންމަތީ ފުލުހުން ދެމިތިބެން ޖެހޭނެ ކަމަށާއި އެކަމަށް މެނޭޖްމަންޓް ބޯޑުގެ ހުރިހާ މެމްބަރުން އެކަތިގަނޑަކަށްވެ މަސައްކަތް ކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ފުލުހުންގެ މެނޭޖްމަންޓް ބޯޑުގެ މެމްބަރުން ބައިވެރިވެވަޑައިގަތެވެ.