ދުވާލެއްގެ މައްޗަށް އަށްހާސް ޑޯޒް ވެކްސިން ދެވޭ މިންވަރަށް ރާއްޖޭގައި ކެޕޭސިޓީ އެބަހުރިކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ކޯވިޑް-19އަށް ވެކްސިން ރަސްމީކޮށް ދޭންފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގައެވެ.
ރިޔާސީ ބަޔާނުގައި ހިމެނޭކަންކަމަށް ތަފްސީލީ ނަޒަރަކުން ބެލުމަށް ޕީއެސްއެމްނިއުސްއިން ގެނެސްދިން ރިޔާސީބަޔާން ކަވަރޭޖްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެކްސިން ދިނުމުގެ އިންތިޒާމު ހަމަޖެހިގެންދިޔުމާއެކު ދުވާލެއްގެ މައްޗަށް ވެކްސިން ދެވޭ މީހުންގެ ނިސްބަތް އިތުރުވެގެންދާނެކަމަށެވެ. އެގޮތުން މިވަގުތުވެސް ދުވާލެއްގެ މައްޗަށް 8000 ވެކްސިން ޑޯޒް ދެވޭނެ ކެޕޭސިޓީ އެބަހުރިކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރ ވިދާޅުވީ ދުވާލެއްގެ މައްޗަށް އެރޭޓުގައި ވެކްސިން ދެވެން ފެށުމުން ގާތްގަނޑަކަށް 5 މަސްދުވަހުގެ ތެރޭގައި އާބާދީގައި ވެކްސިން ދޭންޖެހޭ ހުރިހާ ފަރާތަކަށް ވެކްސިންދީ ނިމޭނެކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ ވެކްސިން މެދުކެނޑުމެއްނެތި ލިބެމުންދާނެކަމަށްވެސް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވިއެވެ.
" އޮތް އުފާވެރި ޚަބަރަކީ އަޅުގަނޑުމެންނަށް އެއްވެސް މެދުކެނޑުމެއްނެތި ވެކްސިން ލިބޭނެކަން އިރާދަކުރެއްވިއްޔާ. އަދި ކުރިއަށް އޮތް 5 މަހުގެ ތެރޭގައި މުޅި އާބާދީއަށް ވެކްސިން ދެވޭނެ. އަޅުގަނޑުމެންގެ ކެޕޭސިޓީ އެބަހުރި ދުވާލެއްގެ މައްޗަށް 8000 ޑޯޒްގެ ވެކްސިންދޭނެހާ."ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވިއެވެ.
ކޯވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް ބޭނުންކުރަމުން އަންނަނީ ވެކްސިންނެވެ. މިބަލިމަޑުކަމުން އަރައިގަތުމަށް ޤައުމުތައް ގުޅިގެން މަސައްކަތްކުރަމުން އަންނައިރު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި ގުޅިގެން މުޅި އާބާދީއަށް ވެކްސިންދޭ ޤައުމަކަށް ރާއްޖެ ހެދުމަށް ދިވެހި ސަރުކާރުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. އެގޮތުން ކުރިއަށް އޮތް ހަވަރަކަށް މަސްދުވަހުގެ ތެރޭގައި މިއަމާޒަށް ވާސިލުވެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި މިވަގުތު ދެމުން އަންނަ ކޮވިޝީލްޑް ވެކްސިން މިމަހުގެ އެއްވަނަދުވަހު ދޭން ފެށިފަހުން މިހާތަނަށް ހަތަރުހާހަށްވުރެ ގިނަ މީހުންވަނީ ވެކްސިން ޖަހާފައެވެ. މީގެ ތެރޭގައި ކޯވިޑް-19އާއި ދެކޮޅަށް ކުރީސަފުގައި ޙަރަކާތްތެރިވާ މީހުންނާއި ސަރުކާރުގެ އިސްވެރިންނާއި ޢުމުރުން 55 އަހަރުން މަތީގެ މީހުން ހިމެނެއެވެ. މިވަގުތު ރާއްޖޭގައި ވެކްސިން ދެމުން އަންނަނީ މާލޭގެ 6 ސެންޓަރަކާއި އަތޮޅު ތެރޭގެ 7 ސެންޓަރެއްގައެވެ.