މިއަދުން ފެށިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކު އެޅުމަކީ މަޖުބޫރުކަމެއްގެ ގޮތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އެއެޖެންސީން މިގޮތަށް ނިންމާފައިވަނީ ކޯވިޑް-19 ގެ ހާލަތު ގޯސްވަމުންދާތީއާއި ބައެއް ރަށްރަށުންވެސް މިހާރު ކޭސްތައް ފެންނަމުން އަންނާތީ މި ބަލި ކޮންޓްރޯލްކުރުމަށްޓަކާ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި މިމަހުގެ ދެވަނަ ދުވަހު ނެރުއްވާފައިވާ އިއުލާނުގައިވާ ގޮތުން، 7 ފެބްރުއަރީން ފެށިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގެއިން ބޭރުގައާއި އާންމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ. އެހެންނަމަވެސް 2 އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތުކުރާ ވަގުތުތަކުގައި މާސްކް އެޅުމުން އިސްތިސްނާވާނެއެވެ. މީގެ އިތުރުން އެހެން މީހެއްގެ އެހީއާ ނުލައި މާސްކު އަޅައި މާސްކު ނުނެގޭ މީހުންނާއި ހޮޓާ،ކެފޭ، ރެސްޓޯރަންޓް، ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ހޯދާ ފަރާތްތައް، ޚިދުމަތް ހޯދާ ވަގުތު ތަކުގައި މާސްކް އެޅުމުން އިސްތިސްނާވާނެ ކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.
ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރުކޮށްފައިވާއިރު މާސްކު ނާޅާ އުޅޭނަމަ މާލެއެކޭ އެއްގޮތަށް ރަށްރަށުގައިވެސް 1000 ރުފިޔާއިން ޖޫރިމަނާކުރަމުންދާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ ވިދާޅުވެފައެވެ. އެގޮތުން ފުލުހުން ނެތް ރަށްރަށުގައިވެސް ކޮންމެ ރަށެއްގައިވެސް އޮންނަ ކޯވިޑް ޓާސްކް ފޯހުން އެކަން ބަލަމުން ދާނެކަމަށް ފުލުހުން ވިދާޅުވެއެވެ.
އަތޮޅުތަކޭ އެއްގޮތަށް މާލޭގައިވެސް މަގުމަތީގައި މާސްކު ނާޅާ އުޅޭ މީހުންނަށް ނަސޭހަތް ދިނުމަކާއި ނުލާ ޖޫރިމަނާ ކުރާނެކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
މީގެ ކުރިންވެސް އެޗްޕީއޭިން ވަނީ ރާއްޖޭގައި ކޯވިޑް-19 ފެތުރުން އިތުރުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށްރަށުގައިވެސް ބޭރަށް ނުކުމެ އުޅޭއިރު މާސްކުއަޅަން އިލްތިމާސްކޮށްފައެވެ. އޭރުވެސް ސިއްޙީ ޚިދުމަތް ހޯދުމަށް ހޮސްޕިޓަލްތަކާއި ސިއްޚީ މަރުކަޒަށް ދާއިރު މާސްކް އެޅުމަކީ މަޖުބޫރުކަމެކެވެ. އަދި ސްކޫލްގައި އުޅޭ ވަގުތުތަކުގައިވެސް ޖެހެނީ މާސްކް އަޅައިގެން އުޅޭށެވެ. ނަމަވެސް މިފަހަރު ހުރިހާ ރަށެއްގައި ބޭރުގައި އުޅޭ ވަގުތު ތަކުގައިވެސް މާސްކް އެޅުން މަޖުބޫރު ކޮށްފައި މިވަނީ ފަހަކަށް އައިސް މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގެ ރަށްރަށުންވެސް ކޯވިޑުގެ ޕޮޒިޓިވް ކޭސްތަކެއް ފެންނަމުން އަންނާތީ ރަށްރަށުގައި ދިރިއުޅޭ މީހުން މި ބަލިން ރައްކާތެރިކުރުމުގެ ގޮތުންނެވެ.
މާސްކް އެޅުމަކީ ކޯވިޑް-19 ޖެހުމުން ރައްކާތެރި ކޮށްދޭ ކަމަކަށް ވާއިރު މަގުމަތީގައާއި މީހުން ގިނަ ތަންތާނގައި ރަނގަޅަށް މާސްކް ބޭނުންކުރުން މުހިންމެވެ. ނަމަވެސް ބައެއް މީހުން މާސްކް ތިރިކޮށް ނުވަތަ މާސްކް ނާޅާ މިފަދަ ތަންތާނގައި އުޅޭ މަންޒަރު ފެނެއެވެ. މާސްކް އެޅުމަކީ ހަމައެކަނި ތިމާގެ ރައްކާތެރިކަމަށް ކުރާ ކަމެއް ނޫނެވެ. އެއީ ތިމާއާއި ތިމާއާއެކު މުޖުތަމައުގައި އުޅެމުން އަންނަ އެހެން މީހުންގެ ވެސް ރައްކާތެރިކަމަށް ކުރެވޭ ކަމެކެވެ.
މާސްކް އެޅުމުގެ ފައިދާ ނުވަތަ ބޭނުން ފުދޭނީ އެކަމުގެ އުސޫލުތަކަށް ރަނގަޅަށް ތަބާވެވިގެންނެވެ. މިގޮތުން ބަލާއިރު މާސްކް ބޭނުން ކުރުމުގެ ކުރިން އަތް ދޮވުން ނުވަތަ ސާފުކުރުމާއި، އަނގައާ ނޭފަތް ރަނގަޅަށް ނިވާވާނެހެން މާސްކް އެޅުން ހިމެނެއެވެ. އަދި މާސްކް އެޅުމާއެކުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަމުގައިވާ ގައިދުރުކަން ބެހެއްޓުމާއި، ގިނަގިނައިން އަތްދޮވުމާއި، ކެއްސާ ކިނބިހި އަޅާއިރު އަނގައާ ނޭފަތް ނިވާކުރުމާއި އަދި މޫނުގައި އަތްލުންފަދަ ކަންކަން ނުކުރުން ހިމެނެއެވެ.
މާސްކް ރަނގަޅަށް ބޭނުންނުކުރެވޭނަމަ ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑެވެ. ފަރުދީ ޒިންމާ އަދާނުކޮށް ފަރުވާ ކުޑަ ކުރާނަމަ އަމިއްލަ ނަފްސުގެ އިތުރުން ތިމާ ކައިރީގައި އުޅޭ އެންމެންވެސް ނުރައްކަލަކަށް ހުށަހެޅިގެންދާ ކަން ހަނދާން ކުރަންޖެހެއެވެ. ގައިން ގަޔަށް އަރާ މި ބަލިން ރައްކާތެރިވެވޭނީ އަމިއްލައަށް ރައްކާތެރިވެ އަނެކުންވެސް ރައްކާތެރިކުރުމުންނެވެ.