ޚަބަރު

ކޯވިޑް-19ގައި އިތުރު މީހަކު ނިޔާވެ، ނިޔާވި މީހުންގެ އަދަދު 55އަށް


ކޯވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވެފައިވަނީ މިއަދު ހެނދުނު 11:07 ހާއިރުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއީ މިއަހަރު ފެށުނުފަހުން މިބަލީގައި ރާއްޖެއިން ނިޔާވި 7 ވަނަ މީހާއެވެ.

ކޯވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ ދިވެއްސެއް މިއަދު ނިޔާވެފައިވާއިރު، މިމަހުގެ 3 ވަނަ ދުވަހާއި 4 ވަނަ ދުވަހުވެސް މިބަލީގައި މީހަކު ނިޔާވެފައިވެއެވެ. މިދެދުވަހުވެސް ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ދިވެހި ދެ ފިރިހެނުންނެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު އަނެއްކާވެސް ގޯސްވާން ފަށާފައިވާއިރު، މި ބަލީގައި ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް 16،000 އަށްވުރެ ގިނަ މީހުންނަށް ވަނީ މި ބަލިޖެހިފައެވެ. އޭގެ ތެރެއިން 2000އަށްވުރެ ގިނަ މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 200އަށް ވުރެ ގިނަ މީހުންނަށް މިވަގުތުވެސް ދަނީ ފަރުވާ ދެމުންނެވެ. ރާއްޖޭގައި މި ބަލީގައި ނިޔާވި މީހުންގެ ޢަދަދު 55އަކަށް އަރާފައިވާއިރު، އޭގެ ތެރޭގަިއ ހިމެނެނީ 47 ދިވެހިންނާއި 8 ބިދޭސީންނެވެ.