ޚަބަރު

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މެމްބަރުންގެ މުސާރަ ފާސްކޮށްފި


ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން، އެންއައިސީގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް
ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. 

އެންއައިސީގެ ރައީސްގެ މުސާރައިގެ ގޮތުގައި މަޖިލީހުން ފާސްކުރީ ފަންސަވީސް ހާސް ރުފިޔާއެވެ. ލިވިން އެލަވަންސާއި އެކު
އެ ކޮމިޝަންގެ ރައީސަކަށް ތިރީސް ހަތް ހާސް ރުފިޔާ ލިބޭނެއެވެ. 

އެންއައިސީގެ ނައިބު
ރައީސަކަށް އައްޔަން ކުރައްވާ ބޭފުޅަކަށް މަޖިލީހުން ފާސްކުރި މުސާރައަކީ ތޭވީސް
ހާސް ފަސް ސަތޭކަ ރުފިޔާއެވެ. ލިވިން އެލަވަންސާއި އެކު އެ ކޮމިޝަންގެ ނައިބު ރައީސަކަށް
ތިރީސް ފަސްހާސް ފަސްސަތޭކަ ރުފިޔާ ލިބޭނެއެވެ.  

އެންއައިސީގެ ބޯޑުގައި ދެން ހިމެނިވަޑައިގެންނަވާ މެންބަރުންނަށް މަޖިލީހުން
ފާސްކުރި މުސާރައަކީ ވިހި ހާސް ފަސްސަތޭކަ ރުފިޔާއެވެ. ލިވިން އެލަވަންސާއި އެކު އެ
ކޮމިޝަންގެ މެމްބަރަކަށް ތިރީސް ދެހާސް ފަސްސަތޭކަ ރުފިޔާ ލިބޭނެއެވެ. 

އެންއައިސީގެ
ރައީސާއި ނައިބު ރައީސްގެ އިތުރުން އެ ކޮމިޝަންގެ ކޮންމެ މެންބަރަކަށް މުސާރައިގެ
އިތުރުން ބާރަ ހާސް ރުފިޔާގެ ލިވިން އެލަވަންސެއް ލިބޭނެއެވެ. 



 އެންއައިސީ ގާނޫނުގައި ބުނެފައި ގޮތަށް އެކޮމިޝަނުގެ މެމްބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ފަސް މެމްބަރަކު ރައީސް އައްޔަންކުރެއްވީ މިމަހުގެ ފަނަރަވަނަ ދުވަހުއެވެ.

ނޭޝަނަލް އިންޓަގްރިޓީ ގާނޫނު ހިނގާ ދައުލަތުގެ ހަތަރު
މުއައްސަސާއަކީ، މޯލްޑިވްސް ޕޮލިސް ސާވިސްއާއި ޑިޕާޓްމަންޓު އޮފް އިމިގްރޭޝަން
އެންޑް އެމިގްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިތުރުން މޯލްޑިވްސް
ކަސްޓަމްސް ސާވިސްއެވެ.