ޚަބަރު

މަޖިލީހުގެ އިދާރާގައި ވެކްސިންދޭން ފަށައިފި


ކޯވިޑް-19އަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ރައްޔިތުންގެ މަޖިލީހުގައި އިދާރާގައި ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސައި ވެކްސިން ދޭން ފަށައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި، އޭޑީކޭ ގުޅިގެން ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ޕްރޮގްރާމް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށް ގެންދާއިރު، ވެކްސިން ދެމުން ގެންދަނީ އާންމުންނަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ، ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 08:00 އިން އިރުއޮއްސި 18:00 އާއި ހަމައަށްކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ އިދާރާގައި ވެކްސިން ދިނުން ކުރިއަށްދަނީ ވެކްސިން ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުންކަމަށެވެ. އަދި ރާއްޖޭގައި ކޮންމެ ދުވަހަކު 6،000 މީހުންނަށް ވެކްސިން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ގެންގުޅުއްވާ އަމާޒަށް ވާސިލްވުމަށް މަޖިލީހުން ދެވެން އޮތް އެއްބާރުލުން ދެއްވާނެކަމަށެވެ.

"އަޅުގަނޑުމެންގެ ގޯތި ތެރޭގައާއި އިދާރާގައި ޖާގަ އޮތުމާ އަދި މިއިދާރާ ތެރޭގައި ފިނިކޮށްފައިވާ، އެއަރ ކޮންޑިޝަންޑް ޖާގަ ބޮޑުވުމާއެކުވެސް، އަދި އަޅުގަނޑުމެންނަކީ ކަންކަން ހިންގޭ ބަޔަކަށް ވެސް ވާތީ މިތަނުން މި މަސައްކަތް ކުރިއަށް ގެންދަނީ."މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، މަޖިލީހުގެ އިދާރާގައި ވެކްސިން ދެމުން އަންނަނީ އެކި ކަހަލަ ބަލިތައް ހުންނަ މީހުންނަށްކަމަށާއި، ވެކްސިން ދެމުން އަންނަނީ އެޗްޕީއޭގެ ލިސްޓާ އެއްގޮތަށްކަމަށެވެ. އަދި ވަރަށް އަވަހަށް މަޖިލީހުގެ މެންބަރުންނަށްވެސް ވެކްސިން ދެވޭނެކަމަށް އުއްމީދު ކުރައްވާކަމަށާއި، މަޖިލީހުގެ މެންބަރުންގެ ތެރެއިން އެއްވެސް ބައްޔެއް ހުރި މެންބަރެއްނަމަ އެކަން ސިއްރު ނުކުރުމަށް އެދިވަޑައި ގަންނަވާކަމަށެވެ. އަދި އެއްވެސް ބައްޔެއް ހުރި މެންބަރެއްނަމަ އެކަން ޢަމީން ޢާންމުއަށް އަންގަވައިދެއްވުމަށްވެސް މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވިއެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. މިހާތަަނށް 16،000 ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ. މަޖިލީހުގައި ވެކްސިން ދޭންފަށާފައިވާއިރު، މާލެ ސަރަހައްދުގެ 6 ތަނެއްގައި ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދެއެވެ.