ގދ ތިނަދޫ ބަރާސީލް
ސަރަހައްދުގެ ގޮނޑުދޮށް، ބޮޑުހިލަޖަހާ ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ
ހަވާލުކޮށްފިއެވެ.
މި މަސައްކަތް
އެމްޓީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެއްވުމަށްފަހު
މީޑިޔާއަށް މައުލޫމާތުދެއްވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޠޯރިގު އިބްރާހިމް
ވިދާޅުވީ ތިނަދޫގެ ބަރާސީލް ސަރަހައްދަކީ އާންމުގޮތެއްގައިވެސް އުދައެރުމުގެ
މައްސަލަ ދިމާވާ ސަރަހައްދެއްކަމަށާ ރާޅުބޮޑުވެ އުދައެރުމުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެތައް
ތަކްލީފްތަކެއް އުފުލަންޖެކޭކަމަށެވެ.
އެހެންކަމުން މިމަޝްރޫއު ވެގެންދާނީ އެސަރަހައްދުގައި
ދިރިއުޅޭ ފަރާތްތަކުން އަހަރުތަކެއް ވަންދެން ތަހައްމަލުކުރަމުންދިޔަ ދަތިއުދަގޫ
މައްސަލަތަކަކަށް ހައްލު ލިބިގެންދާނެ މަޝްރޫއެއްކަމަށް މިނިސްޓަރ ޠޯރިގު
ފާހަގަކުރެއްވިއެވެ.
ބަރާސީލް ސަރަހައްދުގެ
ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ ޖުމްލަ ވިހި ޕޮއިންޓް އަށެއް މިލިޔަން
ރުފިޔާއަށް، ދުއިސައްތަ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ހަވާލުކުރެވުނު
މަޝްރޫއެއްކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.
މިމަޝްރޫއުގެ ދަށުން ތިނަދޫގެ އިރުދެކުނު ސަރަހައްދުގައި ހަތަރު ސަތޭކަ ބައްތިރީސް
މީޓަރު ދިގުމިނަށް ބޮޑުހިލައިގެ ތޮށިގަނޑެއް ލެވޭނެކަމަށް އެމިނިސްޓްރީން
މައުލޫމާތުދެއްވައެވެ.
އެންވަޔަރަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި
ރަސްމިއްޔާތުގައި މިމަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އެންވަޔަރަމެންޓް
މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޠޯރިޤް އިބްރާހިމެވެ. އެމްޓީސީސީގެ
ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު އިބްރާހިމް
އަބުދުއްރައްޒާޤު ހަލީމެވެ.