ކޯވިޑް-19އިން އަރައިގަތުމަށް ބޭނުންވާ ވެކްސިންގެ އިތުރު 5000 ޑޯޒް ރާއްޖެއަށް ލިބިއްޖެއެވެ.
ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީއިން ވިދާޅުވީ މިފަހަރު ރާއްޖެއަށް ލިބިފައިވަނީ ޗައިނާގެ ސިނޮފާމްގެ ވެކްސިންކަމަށެވެ. އަދި ރާއްޖެއަށް ލިބުނު ޗައިނާގެ ސިނޮފާމް ވެކްސިންއާއި ގުޅޭގޮތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ލިބެންޖެހޭ ހުއްދަތައް ލިބުމާއެކު ޢާއްމުނަށް ދޭން ފަށާނެކަމަށް އެޗްއީއޯސީއިން މައުލޫމާތު ދެއްވައެވެ.
ރާއްޖެއަށް ލިބުނު ވެކްސިން ޑޯޒްތަކަކީ ޗައިނާ ސަރުކާރުން ދިވެހި ރައްޔިތުންނަށް އެހީގެ ގޮތުގައި ދީފައިވާ ވެކްސިންގެ ޑޯޒްތަކެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. ޗައިނާ ސަރުކާރުން ވަނީ އެހީގެ ގޮތުގައި އެއްލައްކަ ވެކްސިން ޑޯޒް ރާއްޖެއަށް ދިނުމަށް ނިންމާފައެވެ.
ދިވެހި ސަރުކާރުން ރާއްޖެއަށް ބެނުންވާ ވެކްސިން ހޯދުމަށް އެކި ޤައުމުތަކާއި ގުޅިގެން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ކޯވެކްސް މެދުވެރިކޮށް ހިލޭ ވެކްސިން ހޯދުމުގެ މަސައްކަތްކުރަމުން އަންނައިރު ވެކްސިން ގަތުމުގެ މަސައްކަތްވެސް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އަދި ވެކްސިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ވަރަށް ކާމިޔާބުކަމަށް ސަރުކާރުން ވިދާޅުވެއެވެ.
"މިހާރުވެސް ރާއްޖެއަށް 5000 ޑޯޒްގެ ވެކްސިންވަނީ ލިބިފަ. އަދި މިމަހުގެ ތެރޭގައި އިތުރު ވެކްސިން ލިބޭނެކަމަށް ބެލެވޭ. މީގެ ތަފްސީލުތައް އެޗްއީއޯސީއިންވެސް އަދި މިފަދަ ޕްރެސްތަކުގައިވެސް ކުރިއަށް އޮތް ތަނުގައި ލިބިގެންދާނެ." ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވިއެވެ.
ޗައިނާގެ ސިނޮފާމް ވެކްސިންއަކީ ބެއިޖިން އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްޓްސްއިން ބީބީއައިބީޕީ-ކޯރ-ވީގެ ނަމުގައި މިދިޔަ އަހަރު އުފައްދާފައިވާ ވެކްސިންއެކެވެ. އެއިންސްޓިޓުޓްއިން އުފައްދާފައިވާ މިވެކްސިންގެ ކްލިނިކަލް ޓްރައިލްތައް ނުވަތަ ދިރާސާގެ އެކި މަރުޙަލާތައް ކުރިއަށް ގެންގޮސްފައިވަނީ ޗައިނާ ސަރުކާރުގެ މައި ފާމަސޫޓިކަލްކަމަށްވާ ސިނޮފާމްގައެވެ.
ކޯވިޑް-19ބަލިން އަރައިގަތުމުގައި ވެކްސިން 79 އިންސައްތަ އިފެކްޓިވްކަމަށް ވެކްސިންގެ 3 ވަނަ ޓްރައިލްގައި ވަނީ ހާމަވެފައެވެ. އަދި މިވަގުތު ދުނިޔޭގެ އެކި ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ޗައިނާ ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. ޗައިނާއަކީ ޑަބްލިއުއެޗްއޯގެ ވެކްސިން ޕްރޮގްރާމް ކޯވެކްސްގެ ދަށުން ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ ޤައުމެކެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި މުޅި އާބާދީއަށް ވެކްސިން ދިނުމެވެ. އެއަމާޒަށް ވާސިލުވުމަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 6000 ވެކްސިން ދިނުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. އަދި ދުވާލެއްގެ މައްޗަށް 8000 ޑޯޒް ވެކްސިންދެވޭނެ ކެޕޭސިޓީ މިވަގުތުވެސް އެބަހުރިކަމަށް ސަރުކާރުން ހާމަކުރައްވައެވެ. ރާއްޖޭގައި މިވަގުތު ވެކްސިން ދެމުންގެންދަނީ މާލޭގެ 7 ސެންޓަރަކާއި އަތޮޅުތެރޭގެ 38 ސެންޓަރަކުންނެވެ.