ޚަބަރު

ކުނީގެ ބޮޑެތި ފަރުބަދަތައް ހުސްވުން، ބޮޑު ހިތްހަމަޖެހުމެއް


ރަށްރަށުގައި ޖަމާވެފައިވާ ކުނީގެ ފަރުބަތައް ހުސްކުރުމުގެ މަސައްކަތް ވެމްކޯއިން ފަށައިފިއެވެ. އެކުންފުނިން ފުރަތަމަ ސައްކަތް ފަށާފައިވަނީ ކުޅުދުށްފުށީގައެވެ. ފުވައްމުލަކާއި މާލެ އަތޮޅު ގުރައިދޫގައި ޖަމާކޮށްފައި ހުރި ދުވަސްވީ ކުނުތައް ރަށުން ބޭރުކުރުމަށް ވެމްކޯގެ އުޅަނދުތައް ރޭ ވަނީ ދަތުރު ފަށާފައެވެ.

ރާއްޖޭގެ ރަށްރަށަކަށް ދިމާވެފައިވާ ކުނީގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ހާއްސަ މަސައްކަތަކެއް ފެއްޓެވިކަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ޢިއުލާންކުރެއްވީ އެމަނިކުފާނުގެ މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ. މިގޮތުން ގިނަ ރަށްރަށަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު މައްސަލައަކީ ކުނީގެ މައްސަލަކަށް ފާހަގަކުރައްވަމުން އެންމެ ގިނަ އަދަދެއްގެ ކުނި ޖަމާވެފައިވާ ހުރި 20 ރަށެއްގެ ކުނިތައް 7 މަސްދުވަހުގެ ތެރޭގައި ހުސްކުރަން ވެމްކޯއަށް ހަވާލުކުރިކަން ރައީސް އިުލާންކުރެއްވީ މިމަހުގެ 4 ވަނަދުވަހުއެވެ.

ކުނިމެނޭޖް ކުރާނެ ނިޒާމެއްނެތި ރަށްރަށުގައި ކުނީގެ މައްސަލަ ވަނީ އިންތިހާއަށް ބޮޑު މައްސަލައަކަށްވެފައެވެ. އެކު ކުނިތަކުން ފުރު ރަށުގެ ގޮނޑުދޮށްތަކުގައިވެސް ކުނި ޖަމާވެފައިވާ އެތައް ރަށެއް އެބައޮތެވެ. އަދި މެހިގިނަވުމާއި ކުނިކޮށިން ދުވާ ނުބައި ވަހުން މުޅި ސަރަހައްދު ތަޣައްޔަރުވެފައި އޮތް ރަށްތައްވެސް މަދެއް ނޫނެވެ.

ކުނިތައް ހުސްކުރުމަށް ސަރުކާރުން ނިންމެވުމާއި އެކު މި މަސައްކަތް އެންމެ ފުރަތަމަ ފެށި ހދ. ކުޅުދުއްފުށީގައެވެ. ގާތްގަނޑަކަށް ވިއްސަކަށް އަހަރުވެފައިވާ ކުޅުދުއްފުށީ ކުނިކޮށީގައި ގާތްގަނޑަކަށް 92000 ޓަނުގެ ކުނި ހުސްކުރަން އެބަހުއްޓެވެ.

ވެމްކޯއިން ވިދާޅުވީ ކުޅުދުއްފުށީގައި ޒަމާންތަކެއްވެފައިވާ ކުނި ފުނި ސާފުކުރުމަށް އެސިޓީގައި މަސައްކަތް ކުރަމުން އަންނަނީ ވެމްކޯގެ ވަގުތީ އޮފީހެއް ޤާއިމުކޮށް މުވައްޒަފުން ގޮސްގެންކަމަށެވެ. އަދި އެސިޓީގައި ހުރި 92 ހާސް ޓަނުގެ ކުނީގެ ތެރޭގައި ވެލީގެ ބޮޑު އިންސައްތައެއް ހިމެނޭކަމަށާއި ވެމްކޯއިން މަސައްކަތްކުރަނީ އެއްވެސް މިންވަރަކަށް ވެލި ރަށުން ބޭރުނުކޮށް މަސައްކަތް ކުރިއަށްގެންދިޔުމަށްކަމަށް ވެމްކޯއިން ވިދާޅުވެއެވެ. އެކަމަށްޓަކާ ގިނަ ޢަދަދެއްގެ ކުނި ފުރާނާނެ މެޝިނަރީޒް ފަރުމާކޮށް ކުޅުދުއްފުއްޓަށް މިހާރު ގެންގޮސްގެން އެ މަސައްކަތްކުރަމުން އަންނަކަމަށްވެސް ވެމްކޯއިން ވިދާޅުވެއެވެ.

ކުޅުދުއްފުށިން މިހާތަނަށް 400 ޓަނުގެ ކުނި ނަގާ އެ ސިޓީން ވަނީ ބޭރުކޮށްފައެވެ.

ކުޅުދުއްފުށީ ސިޓީގެ އިތުރުން ވެމްކޯއިންވަނީ މިހާރު ފުވައްމުލަކު ސިޓީއާއި ކ.ގުރައިދޫއިންވެސް ކުނި ބޭރުކުރުމުގެ މަސައްކަތް ފަށާފައެވެ. ވެމްކޯއިން ވިދާޅުވީ މިހާރުވެސް ފުވައްމުލަކުގައި ކުނި މެނޭޖްކުރަމުން އަންނަނީ ވެމްކޯއިން ކަމަށެވެ. އެހެންކަމުން ކުނި ބޭރުކުރުން އެހެން ރަށްރަށަށްވުރެ ފަސޭހަވާނެކަމަށް ވެމްކޯއިން ވިދާޅުވެއެވެ. އެސިޓީއަށް ދިމާވެފައިވަނީ ކުނި ގޮނޑު ފުރުމުގެ މައްސަލައެއްކަމަށާއި މަދު ދުވަސްކޮޅެއްގެ ތެރޭގައި އެސިޓީގެ ކުނި ގޮނޑު ހުސްކޮށްނިމޭނެކަމަށް ވެމްކޯއިން ވިދާޅުވެއެވެ. މިމަޝްރޫޢުގެ ދަށުން ފުވައްމުލަކު ސިޓީން ގާތްގަނޑަކަށް 25 ހާސްޓަނުގެ ކުނި ބޭރުކުރެވޭނެކަމަށް ވެމްކޯއިން ލަފާކުރެއެވެ.

ކ.ގުރައިދޫގައި ހުރި ކުނި ފުނި ނަގާ ކުނި ގޮނޑު ސާފުކޮށް ތިން ހަތަރު ދުވަހެއްގެ ތެރޭގައި ނިމޭނެކަމަށް ވެމްކޯއިން ލަފާކުރެއެވެ. ގުރައިދޫއިން ކުނީގެ ގޮތުގައި ބޭރުކޮށްފައިވަނީ ބާދަގަނޑުގެ ބާވަތްތައްކަމަށާއި މި މަސައްކަތުގެ ދަށުން އެރަށުންވެސް 400 ޓަނުގެ ކުނި އެރަށުން ނަގާ ބޭރުން ކުރަންޖެހޭކަމަށް ވެމްކޯއިން ވިދާޅުވެއެވެ.

ކޯވިޑް-19ގެ ސަބަބުން އެޗްޕީއޭއިން ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވެމްކޯގެ މަސައްކަތް ބައްޓަންކުރެވިފައިވަނީ އެޗްޕީއޭގެ ހުއްދަތައް ލިބެމުންދާ ގޮތަކަށްކަމަށް ވެމްކޯއިން ވިދާޅުވެއެވެ. މީގެ ސަބަބުން މަސައްކަތަށް ކޮންމެވެސް ވަރެއްގެ ލަސްތަކެއް މެދުވެރވީނަމަވެސް ވެމްކޯގެ އަމާޒަކީ ސަރުކާރުން ކަނޑައަޅާފައިވާ މުއްދަތުގައި މަސައްކަތް ނިންމުމެވެ.

ކުނީގެ މައްސަލައަކީ ރަށްރަށުގެ ރައްޔިތުން ވަރަށް ކަންބޮޑުވެ ގޮތް ހުސްވެފައިވާ މައްސަލައަކަށްވުމުން ކުނިކޮށި ހުސްކުރަން ފެށުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަާއި ކުރިއެރުމެއް ކަމަށް މި ރަށްރަށުގެ ރައްޔިތުން ދެކެއެވެ. އަދި ކުނިކޮށި ހުސްކޮށް ބިން ލެވެލް ކުރުމަށްފަހު ކުނިކޮށި މެނޭޖްކޮށް ރަނގަޅަށް ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަމަށް ރައްޔިތުން ޤަބޫލުކުރެއެވެ.

މުސްލިމް

ކޮންތަނަކުންބާ ކުނި ހުސްވީ ބޮޑެތި ހުރިހާރަށެއްގައި ފަރުބަދަތަކެއްފަދަ ކުނިފުނިތަށް އެބަހުރި ހުރިގޮތަށް، ވެދާނެ ތި ވިދާޅުވަނީ ވ ތިނަދޫގެ ވާހަކަ ކަމަށް، މި ކޮމެންޓް ނުޖަހާނެކަމަށް ހީވޭ