ޚަބަރު

ޒަރޫރީ ބޭނުންތަކަށް، ފުލުހުންގެ ހުއްދައަށް އެދުމަށް ހުޅުވާލައިފި


ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުންނައިރު ބޭނުންކުރުމަށް ފުލުހުންގެ ހުއްދައަށް އެދެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ފުލުހުން ވިދާޅުވީ، މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުމާއި މީހުން ނުކުމެ އުޅުން މަނާ ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ވެހިކަލް ބޭނުން ކުރުމަށް ނުވަތަ ބޭރަށް ނުކުތުމަށް ފުލުހުންގެ ޚާއްސަ ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދެވޭނެ އިންތިޒާމު މިހާރުވާނީ ހަމަޖެހިފައިވާކަމަށެވެ. ހުއްދަ ދެވޭނެ ކަންކަމަކީ އެމަރޖެންސީ ނުވަތަ ޒަރޫރީ ކަންކަމުގައެވެ. އެގޮތުން ޑިއުޓީ ނުވަތަ މަސައްކަތަށް ދިއުމާއި އައުމަށާއި، އެއަރޕޯޓް ޓްރާންސްފަރއާއި، ކާބޯތަކެތި ޑެލިވަރކުރުމަށް ކެފޭ، ރެސްޓޯރެންޓުތަކަށް ހުއްދަ ދޫކުރާނެކަމަށް ފުލުހުން ވިދާޅުވިއެވެ.

ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައާއި ކާފިއު ވަގުތު ޒަރޫރީ ބޭނުންތަކަށް ވެހިކަލް ބޭނުން ކުރުމަށް ނުވަތަ ބޭރަށް ނުކުތުމަށް ޕޮލިސް ޕާރމީޓަށް އެދުމަށް ކަނޑައަޅަފައިވާ ޕޯޓަލްއަކީ police.gov.mv/permit އެވެ. އަދި ޕޮލިސް ޕަރމިޓް ސެންޓަރ އަށް ގުޅޭނެ ނަންބަރެއްގެ ގޮތުގައި 1665އަށް ގުޅޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުންނައިރު ޕޮލިސް ޕާރމިޓް ބޭނުންކުރާގޮތަށް ހަމަޖައްސާފައިވާއިރު، މާލޭ ސަރަހައްދުގައި ކޯވިޑް-19 ފެތުރުން އިތުރުވުމާއި ގުޅިގެން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން އިރުއޮއްސި 6 ފެށިގެން ފަތިހު 6 ކަށް އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ. މަގުމަތީގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުގެ އިތުރުން މާލޭ ސަރަހައްދުގައި ވަނީ ކާފިއުވެސް އިއުލާންކޮށްފައެވެ. މިގޮތުން ރޭގަނޑު 11:30އިން ފަތިހު 04:00އަށް މަގުމައްޗަށް ނުކުމެ އުޅުމަކީ މަނާކަމެކެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބޭރަށް ނުކުމެ އުޅޭ އިރު މާސްކު އެޅުމަކީ މަޖްބޫރުކަމެއްގެ ގޮތުގައި މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ވަނީ ކަނޑައަޅާފައެވެ.

ފުލުހުން ވިދާޅުވީ، އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލްތަކާއި ހިލާފުވާ ފަރާތަކާއި ދެކޮޅަށް އެއްވެސް އިންޒާރެއް ނަސޭހަތެއް ދިނުމެއް ނެތި ފިޔަވަޅު އަޅަމުން ގެންދާނެކަމަށެވެ. ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ ކޭސްތައް 100 ދަށުގައި ހުރުމަށްފަހު މިއަހަރު ފެށުނު ފަހުން މިއަދަދުތައް އިތުރުވަމުން އައިސް 200 ވުރެ މައްޗަށްވެސް ވަނީ އަރާފައެވެ. އަދި މި އަދަދުތައް 100 ދަށަށް ނުދާތާ މިހާރު މިވަނީ މަހެއް ވާން ގާތްވެފައެވެ. 

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ރާއްޖޭގައި އިތުރުވެފައިވާއިރު، ބައްޔަށް ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދުވެސް2300އަށް ވުރެ މައްޗަށް އަރައެވެ. ރާއްޖޭގައި ބަލިޖެހޭ މީހުންގެ ޢަދަދު މައްޗަށް އަރާފައިވަނީ ކޯވިޑްގެ އައު ވޭރިއަންޓްގެ ސަބަބުންކަމަށް އެޗްއީއޯސީން ބުނެފައިވެއެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ރާޅު ކަމަށްވެސް އެޗްއީއޯސީން ބުނެއެވެ.

ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަކީ ފަސޭހަ ފިޔަވަޅުތަކެއްކަމަށާއި މިބަލިން ރައްކާތެރިވުމަށް މިހާރުވެސް އަޅަމުންދާ ފިޔަވަޅުތައް މަތީގައި ދެމިތިބުމަށް އެޗްއީއޯސީން އިލްތިމާސްކުރެއެވެ.