ޚަބަރު

ވެކްސިންގެ 2ވަނަ ޑޯޒަށްފަހު ބޭރަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުންނަށް ފުރުޞަތެއް


ކޯވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރުމަށްފަހު ރާއްޖެއިން ބޭރަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުން އެކަން އެންގުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އެދިއްޖެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މިވަގުތު ރާއްޖޭގައި ތިބި ދަރިވަރުން އެނބުރި ކިޔަވަން ދިޔުމުގެ ކުރިން ކޯވިޑް-19 ވެކްސިންގެ 2ޑޯޒް ފުރިހަމަ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެ މިނިސްޓްރީގައި އެދެމުން އަންނަ ކަމަށެވެ.

އެ ފުރުސަތު ބޭނުންވާ ދަރިވަރުންގެ ތެރެއިން ރާއްޖެއިން ބޭރަށް ކިޔަވަން ދިޔުމުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު 4 ހަފްތާއާއި 6 ހަފުތާ ހަމަކޮށް ދެވަނަ ޑޯޒް ޖެހޭނެ މުއްދަތު އޮތް ދަރިވަރުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓާވުމަށް ވަނީ ހުޅުވާލާފައެވެ.

ހަޔަރ އެޑިއުކޭޝަނުން އެ ފުރުޞަތު ހުޅުވާލާފައިވާއިރު ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް ވެކްސިން ޖެހުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހެލްތް އެމެޖަންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭގައި ކޯވިޑް ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. މިވެކްސިންގެ 2ވަނަ ޑޯޒެއް ދޭން ޖެހޭނީ ފުރަތަމަ ޑޯޒް ދިންތާ 4 ހަފްތާ ފަހުންނެވެ. އެހެންކަމުން 2ވަނަ ޑޯޒްގެ ވެކްސިންތައް ފަށާނެ ދުވަހެއް ކަނޑައެޅުމުގެ މަސައްކަތް އެޗްއޯއީސީން އަންނަނީ ކުރަމުންނެވެ

ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް 2ވަނަ ޑޯޒް ޖެހުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާއިރު ރާއްޖެއަށް ލިބިފައިވާ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް ފުރަތަމަ ބުރުގައި ޖަހާ ހުސް ކުރަން ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތް ދެމަހެއްހާދުވަހުގެ ތެރޭގައި ސީދާ އެސްޓްރާޒެނެކާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އިތުރު ހަތްލައްކަ ޑޯޒްގެ ވެކްސިން ލިބޭނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ. އެހެންކަމުން ވެކްސިންގެ ފުރަތަމަ ޑޯޒް މިހާރު ދީފައިވާ މީހުންނަށް ދެވަނަ ޑޯޒް ދޭންޖެހޭ މުއްދަތުގެ ތެރޭގައި ރާއްޖެއަށް އިތުރު ވެކްސިން ލިބިގެންދާނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވައެވެ.