ޚަބަރު

ކުޅިވަރު ތަރައްޤީ ކުރުމަށް އިންޑިޔާއިން 40 މިލިއަން ޑޮލަރުގެ އެހީއެއް


ރާއްޖޭގެ ކުޅިވަރު ތަރައްޤީކުރުމަށް އިންޑިއާއިން 40 މިލިއަން ޑޮލަރު ދިނުމަށް ހަމަޖެހިފައިވާކަމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ކުޅިވަރު ތަރައްޤީކުރުމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ވަރަށް ގާތް އެކުވެރި ޤައުމެކެވެ. އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު މިހެން ވިދާޅުވީ އިންޑިޔާއާއި ދިވެހިރާއްޖެއާ ދެމުދުގައި އޮންނަ އެކުވެރިކަމުގެ ގުޅުން ފާހަގަކުރުމަށް އެކުވެނި ސިންތަޓިކް ޓްރެކްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖެއާއި އިންޑިޔާއާ ދެމެދުގައި އޮންނަ ގާތް ގުޅުމަށް 56 އަހަރަށްވުރެއް ގިނަދުވަސް ވެފައިވާއިރު، ފާއިތުވެގެންދިޔަ ދެ އަހަރުގައި އިންޑިޔާއިންވަނީ ކުޅިވަރުގެ ދާއިރާއިން ހިންގާފައިވާ އެންމެ ބިޔަބޮޑު މަޝްޢޫތަކުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މިހާރުވެސް އިންޑިޔާއިން 61 އައުޓް ޑޯ ޖިމާއި 67 ޕާކްއެޅުމަށް ބޭނުންވާ ސާމާނުވަނީ ހަދިޔާކޮށްފައެވެ. މީގެ ތެރެއިން ބައެއް ޖިމް އަދި ޕާކްތަށް ހަދާ ނިމިފައިވާއިރު އަނެއްބައި ތަންތަންވަނީ ނިމުމުގެ މަރުހަލާގައެވެ.

އިންޑިޔާގެ އެހީގައި އަޅާފައިވާ ސިންތަޓިކް ޓެރެކްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވީ އިންޑިޔާއިން އަބަދުވެސް ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އެހީތެރިވެދޭނެކަމަށާއި ރާއްޖޭގެ ގައުމީ ޓީމްތަށް ތަމްރީން ކުރުމުގެ ފުރުސަތުގެ އިތުރުން ކުޅުންތެރިން ކުރިއެރުވުމަށްވެސް އިންޑިޔާއިން އެހީތެރިވެދެމުން އަންނަކަމަށެވެ.

"އިންޑިޔާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިވެދޭނަން. އަހަރެން އުފަލާއެކު ފާހަގަކޮށްލަން، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުވެސް އައިއޯއައިޖީއަށް ދިއުމުގެ ކުރިން އިންޑިޔާގައި ތަމްރީން ހަދާފައިވާކަން. އަދި މީގެ އިތުރުންވެސް އިންޑިޔާއިންވަނީ ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމް އަންހެން 30 ކުޅުންތެރިންނާއި ފިރިހެން 30 ކުޅުންތެރިންނަށް ތަމްރީން ކުރުމުގެ ފުރުސަތު ހުޅުވާލާފައި. އަދި ކޯޗުންނާއި އޮފިޝަލުން ތަމްރީން ކުރުމުގެ ފުރުސަތުވެސް އިންޑިޔާއިންވަނީ ހުޅުވާލާފަ. ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިޔާއިން 40 މިލިއަން ޑޮލަރުގެ އެހީއެއް ވުމަށް މިހާރުވަނީ ނިންމާފައި. އިންޑިޔާގެ ކްރެޓިޑް ފެސިލިޓީގެ ދަށުން މިދޭ އެހީގެ ކަންތަށްތަށް ހަމަޖެހުނުހާ އަވަހަކަށް އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެ." އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޔޫތް މިނިސްޓަރ އަޙްމަދު މަހުލޫފް ވިދާޅުވީ އަބަދުވެސް އިންޑިޔާއިން ރާއްޖެއަށް ވެދެމުން އަންނަ އެހީތެރިކަން އުފަލާއެކު ރާއްޖެއިން ބަލައިގަންނަކަމަށާ މިހާރުވެސް އިންޑިޔާއިން ކުޅުންތެރިން ތަމްރީން ކުރުމަށް ވެފައިވާ އެއްބަސްވުން މަޑުޖެހިފައިވަނީ ކޮވިޑް-19ގެ ސަބަބުންކަމަށެވެ. އަދި ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމާއެކު އިންޑިޔާއަށް ޓީމްތަށް ތަމްރީން ކުރުމަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށްވެސް ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވިއެވެ.

"މިދިޔަ އަހަރުގައި ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ކުޅުންތެރިން ފޮނުވުމަށްވަނީ ހަމަޖެހިފައި. މިހާރުވެސް އެކަން ހުއްޓިފައިވަނީ ކޮވިޑް-19ގެ ޙާލަތުން އަރައިނުގަނެވޭތީ. އިންޑިޔާއިން މިހާރު ކުޅިވަރު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުން އިންޑިޔާ ކަރިއި މުސްތަގްބަލެއްގެ ތެރޭގައި ކުޅިވަރުގެ ގަދަބާރަކަށް ވާނެ. އެއާއެކު އިންޑިޔާގައި އެހީތެރިކަމާއެކު ރާއްޖެއަށްވެސް ވަރަށް ބޮޑެތި ފައިދާ ކުރާނެ. މިހާރުވެސް އިންޑިޔާއިން ވަރަށް ބޮޑެތި އެހީތެރިކަން ފޯރުކޮށްދޭ." ޔޫތް މިނިސްޓަރ އަޙްމަދު މަހުލޫފް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖްލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ އިންޑިޔާއާއި ރާއްޖޭގެ ގާތް ގުޅުމާއި ބެހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. މިދިޔައަހަރުގެ ފަހުކޮޅުގައިވެސްވަނީ ކުޅިވަރު ކުރިއެރުވުމަށް އިންޑިޔާއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. ހުޅުމާލޭގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ބައިނަލަގްވާމީ ކްރިކެޓް ސެޓޭޑިއަމްގެ މަސައްކަތް މިހާރު އޮތީ ބިޑިންގެ މަރުހަލާފައެވެ. އަދި މީގެ އިތުރުންވެސް ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމަށްވެސް އިންޑިޔާއިން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.