ޚަބަރު

ކޯވިޑް-19 ދިފާޢު: "ރައްކާތެރިކަން ކަށަވަރުވާނީ ވެކްސިންގެ 2 ޑޯޒަށްފަހު"


ކޯވިޑް-19ގެ ވެކްސިންގެ ދެޑޯޒްދިނުމަށްފަހު އެންމެ ރަނގަޅަށް ދިފާޢީ ނިޒާމު މަސައްކަތްކުރުމަށް ދެހަފްތާގެ މުއްދަތެއް ނަގާނެކަމަށާ، އެއާއެކު މުޖުތަމަޢުގެ ތެރޭގައި ބަލީގެ ނުރައްކާ ކުޑަވަމުންދާނެކަމަށް ޤަބޫލުކުރައްވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ. ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ރާއްޖޭގައި ރަސްމީކޮށް ވެކްސިން ދޭން ފެށިފަހުން މިހާތަނަށް ހަތްދިހަ ހާހަށްވުރެ މީހުނަށް ވަނީ ވެކްސިންދީފައެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޯވިޑް ވެކްސިން ޕްރޮގްރާމްގެ ޑޮކްޓަރ ޑރ.އަޙްމަދު ފައިސަލް ވިދާޅުވީ މިވަގުތު ގިނަ ބަޔަކަށް ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލާފައިވިޔަސް ވެކްސިންގެ ސަބަބުން ރައްކާތެރިކަން ލިބުމަށް އަދި ވަގުތު ނަގާނެކަމަށެވެ. ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރުމަށްފަހު 2 ހަފްތާގެ މުއްދަތެއް ވައިރަހާ ދެކޮޅަށް ދިފާޢީ ނިޒާމު ރަނގަޅަށް މަސައްކަތްކުރުމަށް ނަގާކަމަށާ، އެހިސާބަށް ދިޔުމަށްޓަކައި ބަލީގެ ނުރައްކާ ކުޑަކުރުމަށް ސަމާލުކަން ދޭންޖެހޭކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ. އަދި ވެކްސިނާއެކުވެސް މުޅި މުޖުތަމަޢަށް މީގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ ވެކްސިން ޖަހާ މީހުންގެ ނިސްބަތް އިތުރުވުމުންކަމަށްވެސް ޑރ.ފައިސަލް ވިދާޅުވިއެވެ.

"ވެކްސިންގެ މައިގަނޑު މަޤުސަދަކީ ބަލީގައި ބޮޑުވަރުވެގެން އެނދުމަތިކޮށް އައިސީޔޫއަށް ލާ މީހުންނާއި ވެންޓިލޭޓަރަށް ލާމީހުން މަދުކޮށް މިބަލީގައި ދުނިޔެދޫކުރާ މީހުންގެ ޢަދަދު މަދުކުރުން. ދިރާސާތަކުން ދައްކާގޮތުގައި ވެކްސިން ރަނގަޅަށް މަސައްކަތްކުރަން ފެށުމުން އެޢަދަދު ސުމަކަށް ދާނެ." ޑރ.ފައިސަލް ވިދާޅުވިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ނުދެވޭ ދެކެޓަގަރީއެއް ހިމެނެއެވެ. އެއީ ޢުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންނާއި މާބަނޑު އަންހެނުންނެވެ. ޑރ.ފައިސަލް ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މާބަނޑު އަންހެނުން ވިހާފައިވާކަމަށާއި ތުއްތު ދަރިފުޅުގެ ސަލާމަތަށް މައިމީހާއާއި ދުރުގައި ދަރިފުޅު ބާއްވަންޖެހުމުގެ ސަބަބުން މައިމީހާއަށް އެތައް ތަކުލީފެއް އުފުލަންޖެހޭކަން ޑރ.ފައިސަލް ފާހަގަކުރެއްވިއެވެ. އެކަން އެހެން މެދުވެރިވިޔަ ނުދިނުމަށް މާބަނޑު އަންހެނުންނާއެކު އުޅޭ މީހުން ވެކްސިން ޖެހުމަށް އިސްކަން ދިނުމަށްވެސް ޑރ.ފައިސަލްވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު ހަތްދިހަހާހުން މައްޗަށް އަރާފައިވާއިރު އެމީހުންވެސް ރައްކާތެރިކަމަށްޓަކައި މާސްކު އެޅުމަށާއި ގައިދުރުކަން އިސްކުރުމަށް އަދިވެސް އިސްކަންދިނުމަށް އެޗްއީއޯސީއިން އިލްތިމާސްކުރައްވައެވެ. ސަބަބަކީ ވައިރަހުން ސަތޭކަ އިންސައްތަ ރައްކާތެރިކަން ކަށަވަރުކޮށްދެނީ ވެކްސިންގެ ދެޑޯޒަށްފަހުކަމަށްވާތީއެވެ. އަދި މުޅި މުޖުތަމަޢުން ބަލި ނައްތާލުމަށް މުޅި މުޖުތަމަޢުގެ %75އަށްވުރެ ބޮޑު ބަޔަކަށް ވެކްސިން ދެޑޯޒު ދޭންޖެހެއެވެ.