ރާއްޖޭގައި ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މިއަދު ނިޔާވެއްޖެއެވެ.
އެޗްޕީއޭއިން ވިދާޅުވި ގޮތުގައި ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުންގެންދިޔަ ޢުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވީ ފަތިހު 05:06ހާއިރު ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. މިއީ މިމަހުގެ ތެރޭގައި ކޯވިޑް ބަލީގައި ނިޔާވި 10 ވަނަ މީހާއެވެ. މިއީ މިހާތަނަށް އެއް މަހެއްގައި އެންމެ ގިނަ މީހުން ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވީ މަހެވެ.
މިއަދު ނިޔާވި މީހާއާއެކު ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދުވަނީ 62 އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 54 ދިވެހިންނާއި 8 ބިދޭސީންނެވެ.
ރާއްޖޭގައި ކޯވިޑް-19އިގެ ތިންވަނަ ރާޅެއް މިހާރު އޮތްއިރު މިވަގުތަކީ މިބަލީގައި ރާއްޖޭގެ އެންމެ ނުރައްކާތެރި ދަނޑިވަޅުކަމަށް އެޗްޕީއޭއިން ފާހަގަކުރައްވައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އައިއިރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު 100އަށްވުރެ މަތީގައި ހުރިއިރު އެޑްމިޓްކޮށްގެން ފަރުވާ ދޭމީހުންގެ ޢަދަދުވެސް ވަނީ މައްޗަށް ގޮސްފައެވެ. އެނދުތައް ފުރެމުން އަންނާތީ އެޑްމިޓްކޮށްގެން ފަރުވާދޭ މިންގަނޑުވެސް ބަދަލުކުރަން ޖެހިފައިވާކަމަށް އެޗްއީއޯސީއިން ހާމަކުރައްވައެވެ. މިބަލީގައި މިހާތަނަށް އެންމެ ގިނަ މީހުން ނިޔާވީ މިމަހުގެ ތެރޭގައެވެ. ބަލީގެ ނުރައްކާ އަދިވެސް ބޮޑުއިރު ބައްޔާމެދު ފަރުވާ ކުޑަ ނުކުރުމަށް އެޗްއީއޯސީއިން އިލްތިމާސްކުރައްވައެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޢަދަދުވަނީ 19479 އަށް އަރާފައެވެ.
އެޗްޕީއޭއިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޢަދަދުވަނީ 19479 އަށް އަރާފައެވެ. ބަލިޖެހުނު މީހުންގެ ތެރެއިން 17002 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 2410 މީހަކު ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނައިރު، 162 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.