މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 24 ރަބަރު ޕެކެޓާއި 35 ސެލޯފިންކޮޅާ އެކު 02 މީހަކު ގއ. ކޫއްޑޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެެއްކަމަށާއި، މި ދެ މީހުންނަކީވެސް ދިވެހިންކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މިމީހުންގެ ތެރެއިން 24 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެއިން ކޫއްޑޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ގއ.ވިލިގިނލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ ހެނދުނު 07:15 ހާއިރު ކޫއްޑޫއިންކަމަށް ފުލުހުން ބުނެއެވެ.
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 24 ރަބަރު ޕެކެޓް ފެނިފައިވަނީ މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާ ގެންގުޅުނު ދަބަހެއްގެ ތެރޭގައި އޮތް ކުޑަކުދިން ކުޅުމަށް ބޭނުން ކުރާ ކުޅޭ އެއްޗެއްގެ ތެރެއިންކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
27 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކޫއްޑޫ ބަނދަރުގައި އޮތް ބޯޓެއްގައި މަސްތުވާތަކެތި ހުރިކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ގއ.ވިލިގިނލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ ހެނދުނު 09:45 ހާއިރު ކޫއްޑޫ ބަނދަރުގައި އޮތް ބޯޓަކުންކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 35 ސެލޯފިންކޮޅު ފެނިފައިވަނީ މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބޯޓު ބަލައިފާސްކުރިއިރު އެބޯޓު ތެރެއިންކަމަށްވެސް ފުލުުހުން ބުނެއެވެ.
މި މައްސަލަ ގއ.ވިލިގިނލީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީގް ކުރަމުންކަމަށް ފުލުުހުން މައުލޫމާތުދެއެވެ.