ދުނިޔެ

ވަކި ވެކްސިނަކަށް މަޑުނުކޮށް ލިބެންހުރި ވެކްސިނެއް ޖަހާ


މިވަގުތު ލިބެންހުރި ވެކްސިންތައް ތެރެއިން ކޮންމެވެސް އެއް ވެކްސިނެއް ލަސްނުކޮށް ޖެހުމަށް އެމެރިކާގެ ގައިން ގަޔަށް އަރާބަލިތަކާއި ބެހޭ އެންމެ އިސް މާހިރު، ޑރ. އެންތޮނީ ފައުޗީ ގޮވައިލައްވައިފިއެވެ. ޑރ. ފައުޗީ އެހެން ވިދާޅުވެފައިވަނީ އެމެރިކާގައި ކުއްލި ޙާލަތުގައި ޖޮންސަން އެންޑް ޖޮންސަނުން އުފައްދާފައިވާ ކޯވިޑް ވެކްސިން ބޭނުންކުރުމުގެ ޙުއްދަ ދިނުމާއިއެކުގައެވެ. އެ ވެކްސިނަކީ އެމެރިކާގައި މިހާތަނަށް ޙުއްދަ ދީފައިވާ ކޯވިޑްގެ ތިންވަނަ ވެކްސިނެވެ.

ސީއެންއެންއާއި ވާހަކަދައްކަވަމުން ޑރ. ފައުޗީ ވިދާޅުވީ އެމެރިކާގައި މިހާތަނަށް ޙުއްދަދީފައިވާ ތިން ވެކްސިނަކީވެސް ކޯވިޑުން އާންމުން ރައްކާތެރިކޮށްދިނުމުގައި ކާމިޔާބު ވެކްސިންތަކެއްކަމަށެވެ. ޑރ. ފައުޗީ ވިދާޅުވީ އޭނާވެސް ކޯވިޑް ވެކްސިންގެ ޑޯޒް ޖައްސަވާފައިވާ ކަމަށާއި އޭނާ ޖެއްސެވީ މޮޑާނާގެ ވެކްސިންކަމަށެވެ. އަދި މޮޑާނާގެ ވެކްސިން އިޚްތިޔާރުކުރެއްވީ އެ ވެކްސިނަކީ އެވަގުތު ލިބެންހުރި ވެކްސިންކަމަށްވުމުންކަމަށްވެސް ޑރ. ފައުޗީ ވިދާޅުވިއެވެ.

ޑރ. ފައުޗީ ވިދާޅުވީ އޭނާ ހުންނެވީ ވެކްސިން ނުޖައްސަވާނަމަ، ވަކި ވެކްސިނަކަށް އިންތިޒާރުކުރުމުގެ ބަދަލުގައި އިޚްތިޔާރުކުރައްވާނީ އެވަގުތަކު ލިބެންހުރި ވެކްސިނެއް ވީ އެންމެ އަވަހަކަށް ޖެހުމަށްކަމަށެވެ. މިވަގުތު އެންމެ މުހިންމީ ވީހާވެސް އަވަހަށް ވީހާވެސް ގިނަ ޢަދަދެއްގެ މީހުންނަށް ވެކްސިން ދިނުންކަމަށްވެސް ޑރ. ފައުޗީ ވިދާޅުވިއެވެ.

ޖޮންސަން އެންޑް ޖޮންސަން ވެކްސިން މިހާތަނަށް ތައްޔާރުކޮށްފައިވާ ކޯވިޑް ވެކްސިންތަކުގެ ތެރެއިން އެންމެ ޑޯޒެއް ހިމެނޭ ހަމައެކަނި ވެކްސިނެވެ. އެ ވެކްސިންވަނީ 44،000 މީހުންގެ މެދުގައި ތަހުލީލުކޮށްފައެވެ. އެގޮތުން އެމެރިކާގައި ކުރިއަށްގެންދިޔަ ތަހުލީލުތަކުގެ ނަތީޖާއިން ދެއްކިގޮތުގައި އެ ވެކްސިން ކާމިޔާބުވެފައިވަނީ 72 އިންސައްތައެވެ. ނަމަވެސް ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައި ކުރިއަށް ގެންގޮސްފައިވާ ތަހުލީލުތަކަށް ބަލާނަމަ ބަލިޖެހުމުން ހާލު ދެރަވިޔަ ނުދިނުމުގައި ވެކްސިންގެ އެވަރެޖު ކާމިޔާބީގެ ނިސްބަތަކީ 66.1 އިންސައްތައެވެ. އެ ނިސްބަތަށް ވެކްސިން މަސައްކަތްކުރަނީ ވެކްސިން ޖެހުމުގެ ހަތަރު ހަފުތާ ފަހުންނެވެ.

ކޯވިޑާއި ދެކޮޅަށް ޖޮންސަން އެންޑް ޖޮންސަންގެ ވެކްސިނަކީ ކާމިޔާބު ވެކްސިނެއްކަމަށް ޑރ. ފައުޗީއާއި އެހެނިހެން ޞިއްޙީ މާހިރުން ބުނަމުން ދިޔަ ނަމަވެސް މީގެ ކުރިން އެމެރިކާއިން ޙުއްދަދީފައިވާ ފައިޒާއާއި މޮޑާނާ ވެކްސިނަށްވުރެ ޖޮންސަން އެންޑް ޖޮންސަންގެ ކާމިޔާބީގެ ނިސްބަތް ދަށްވުމުން އެމެރިކާގެ ބައެއް ރައްޔިތުންވަނީ ކަންބޮޑުވެފައެވެ. ފައިޒާއާއި މޮޑާނާގެ ވެކްސިންގެ ކާމިޔާބީގެ ނިސްބަތަކީ ގާތްގަނޑަކަށް 95 އިންސައްތައެވެ.

ޑރ. ފައުޗީ ވިދާޅުވީ އެފަދަ ކަންކަމާއި ގުޅޭ ކަންބޮޑުވުންތައް ހުންނާނެކަން ޤަބޫލުކުރައްވާކަމަށެވެ. ނަމަވެސް އެއް ވެކްސިން އަނެއް ވެކްސިނާއި އަޅާ ކިޔާއިރު އެ ވެކްސިނެއް އަޅާކިޔަން ޖެހޭނީ ދެ ވެކްސިންގެ ތަފާތުތައް ވަކިން ތަހުލީލުކޮށްގެންކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ހުއްދަދީފައިވާ ވެކްސިންތައް އަޅާކިޔަނީ އެގޮތަށް ނޫންކަމަށް ފައުޗީ ވިދާޅުވިއެވެ.