ސާކް ފިލްމު ފެސްޓިވަލުގައި ދިވެހި ފިލްމުތައް ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ސާކް ކަލްޗަރަލް ސެންޓަރުން އިންތިޒާމް ކުރާ މި ފެސްޓިވަލް މި ފަހަރު އޮންނާނީ އަންނަ މޭމަހުގެ 4 އިން 9 އަށް ސްރީލަންކާގައެވެ.
މި ފެސްޓިވަލްގައި ބައިވެރިކުރުމުގެ ފުރުސަތު ދިވެހި ޕްރޮޑިއުސަރުންނަށް ހުޅުވާލާފައިވަނީ 4 ދާއިރާއަކުން ނެވެ. މިގޮތުން ފެސްޓިވަލަށް ރާއްޖެއިން ހުށައެޅެނީ ކުރު 2 ފިލްމާއި ޕީޗަރ ފިލްމަކާއި ވެބް ބޭސްޑް ފިލްމަކާއި މާސްޓަރ ފިލްމެއްކަމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ވިދާޅުވެއެވެ.
އެ އިދާރާއިން ބުނީ މިފެސްޓިވަލްގައި ބައިވެރިކުރާ ފިލްމުތަކުގެ ޑައިރެކްޓަރުންނާއި އެހެނިހެން އާޓިސްޓުންގެ ތެރެއިން ގިނަވެގެން 04 ފަރާތަކަށް ފެސްޓިވަލަށް ދެވޭނެކަމަށެވެ. އަދި މި ފަރާތްތަކުގެ ފްލައިޓް ޓިކެޓްގެ އަގު ފިޔަވާ ދެން ހުރި ކަންކަން ސާކުން ހަމަޖައްސާދޭނެކަން އަންގާފައިވާކަމަށްވެސް ސެންޓަރ ފޮރ ދި އާޓްސް އިން ވިދާޅުވެއެވެ. އޭގެތެރޭގައި ލަންކާގެ އެތެރޭގެ ދަތުރުތަކާއި ހުރުމުގެ ހަރަދު ހިމެނޭކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
މި ފެސްޓިލަށް ފިލްމު ހުށައަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ އަންނަ މަހުގެ 1 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައެވެ. އަދި މި ފެސްޓިވަލްގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ކޮންސެޕްޓް ނޯޓް ސެންޓަރ ފޮރ ދި އާޓްސް ވެބްސައިޓް www.nca.gov.mv އަދި ރިސެޕްޝަނުން ލިބެން ހުންނާނެކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
2017 ވަނަ އަހަރު ސާކް ފިލްމު ފެސްޓިވަލުގައި ޔާރާ ޕްރޮޑަކްޝަން އުފެއްދި "ވިޝްކާ" ބައިވެރިކޮށް އެފަހަރުގެ އެންނެ މޮޅު ބަތަލާގެ އެވޯޑް ވަނީ ރާއްޖެއަށް ލިބިފައެވެ. ސާކު ސަރަހައްދުގެ އެންމެ މޮޅު ބަތަލާގެ އެވޯޑް އައިޝަތު ރިޝްމީ ހޯދީ އެ ފިލްމުގައި އޭނާ އަދާކުރި މޮޅު ރޯލުންނެވެ. މީގެއިތުރުން މި ފެސްޓިވަލުގައި ބައިވެރިކުރި ދިވެހި " އިނގިލި " ވަނީ ބްރޯންޒް މެޑެލް ހާސިލުކޮށްފައެވެ.