ކޯވިޑް-19ގެ ޙާލަތު ކޮންޓްރޯލްކުރުމަށް އަޅާ ޚާއްސަ ފިޔަވަޅެއްގެގޮތުން، މާލެ ސަރަޙައްދުގައި އެއްފަހަރާ 5 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗަށް ނުކުމެ އެއްވެ އުޅުމަކީ މަނާކަމެއްކަމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމަވައިފިއެވެ.
ކޯވިޑް19ގެ ކޭސްތައް އިތުރުވަމުން އަންނާތީ ބަލިން ރައްކާތެރިވުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކަކީ މިހާރު ރާއްޖޭގައި ޢިއުލާންކޮށްފައިވާ ޢާންމު ސިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތުގެ ދަށުން އަޅަމުންދާ ފިޔަވަޅުތަކެކެވެ. އެގޮތުން މާލެ ސަރައްހަދުގައި 10 މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުމަކީ މަނާކަމެއްކަމަށް މިދިޔަމަހުގެ 12ވަނަ ދުވަހުންފެށިގެން މިހާތަނަށް އެޗްޕީއޭއިން އޮތީ މަނާކުރައްވާފައެވެ.
ކޯވިޑް-19 ފެތުރުން އިތުރުވަމުން އަންނާތީ ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅުތައް އަންގަވައި ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރެފައިވާ ބަޔާނުގައި ވަނީ މާލެ ސަރަޙައްދުގައި ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަން އަންގަވާފައެވެ.
އެގޮތުން ކުރިއަށް އޮތް ހަތްދުވަހަށް މާލެ ސަރަޙައްދުގައި ރޭގަނޑު 11:00އިން ފެށިގެން ފަތިހު 4:30އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. އަދި އެއްފަހަރާ 5 މީހުނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.
މި ފިޔަވަޅުތަކުގެ ތެރޭގައި ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓާލުމާއި ދުވުމަށް ޚާއްޞަ ކޮށްފައިވާ ޓްރެކުތައް ބަންދުކުރުމާއި ޕާކުތަކާއި މައިޒާންތައްވެސް ބަންދުކުރުމަށް ވަނީ އަންގަވާފައެވެ. އަދި އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ގެ ހަރަކާތްތައް ހުއްޓައިލުމަށްވެސް ވަނީ އަންގަވާފައެވެ. އަދި ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށްވެސް އެޗްޕީއޭއިން ވަނީ އަންގަވާފައެވެ.
މި ފިޔަވަޅުތަކުގެ އިތުރަށް އެޗްޕީއޭއިން ވަނީ އެ އެޖެންސީން ވަކިގޮތެއް އަންގަވަންދެއް އެޅުމަށް ނިންމާއިފައިވާ ފިޔަވަޅުތައްވެސް ހާމަކުރައްވާފައެވެ.
1 - ޖިމްތަކުގައި، ހަމައެކަނި، އެކަނި ކުރާ ކަސްރަތުތައް ކުރުމަށް ހަމަޖެއްސުން
2 - ޚާއްޞަ ހުއްދައިގެ ދަށުން ޟަރޫރީ ބޭނުންތަކަށް މާލެ ސަރަޙައްދުން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރުކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ހަދައިފައިވާ ނެގެޓިވް ޕީ.ސީ.އާރު ޓެސްޓު އޮތުން
3 - ޕްރީ ސްކޫލުތަކާއި ނާސަރީތަކުގައި ކިޔަވައިދިނުން ހުއްޓައިލުން
4 - ޑޭ ކެއަރގެ ޚިދުމަތް ދޭ ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ދިނުން ހުއްޓައިލުން
އެޗްޕީއޭއިން ވަނީ ސައި ހޮޓާ ކެފޭ ރެސްޓޯރެންޓްތަކުގައި ތިބެގެން ކެއިން ބުއިމުގެ ޚިދުމަތް ރޭގަނޑު 8އާ ހަމަޔަށް ދިނުމަށް އޮތް އޮތުން އިތުރު ހަފްތާއަކަށް އޮތަށް ބޭއްވުމަށް ނިންމަވާފައެވެ. އަދި ޓޭކްއަވޭގެ ޚިދުމަތްވެސް ރޭގަނޑު 10:30އާ ހަމަޔަށް ދިނުމަށް ވަނީ އަންގަވާފައެވެ.
ރާއްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ތަންފީޛު ކުރުމުގައި ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން އަޅަމުން ގެންދާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރާންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް އެންމެހައި ފަރާތްތަކަށް ވަނީ އަންގަވާފައެވެ.
ރާއްޖެއިން ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނުނުތާ އަހަރެއްވާން ކައިރިވެފައިވާއިރު މިހާރު މިވަނީ ބަލީގެ ނުރައްކާ އަނެއްކާވެސް ބޮޑުވެފައެވެ.