ކުޅިވަރު

ޕާކުތަކާއި ދުވާ ޓްރެކްތައް ބަންދުކޮށްފި


މާލޭ ސަރަހައްދުގައި ކޯވިޑް ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ދުވާ ޓްރެކް ބަންދުކުރުމަށް ނިންމައިފިއެވެ.

ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ދިން ބައެއް ލުއިތަކާއެކު ޕާކުތަކާއި އާއްމު ތަންތަން އާއްމުކޮށް ހުޅުވާލިއެވެ. އެހެންމަވެސް މިއަހަރު ފެށުނުތަނާ ރާއްޖޭގައި ކޯވިޑް ކޭސްތައް އިތުރުވެ 100 އިން މައްޗަށް އިތުރުވުމާއިގުޅިގެން ކުރިން ދިން ބައެއް ލުއިތަކަށް އަނެއްކާވެސް މި ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ޕާކުތަކާއި އާއްމު މައިޒާންތަކަށް އާއްމުން އެއްވެ އުޅުން މިދިޔަ މަހުގެ ތިންވަނަ ދުވަހުން ފެށިގެން މަނާކުރިއެވެ. އެހެންނަމަވެސް ދުވުމާއި ކަސްރަތުކުރަން ބޭނުންވާ މީހުންނަށް ވަކި ވަގުތުތަކެއްގައި ނުކުމެ އުޅުމަށް މިހާތަނަށް އޮތީ ހުއްދަދީފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ރޭ މިވަނީ އަނެއްކާވެސް މި ސަރަހައްދުތައް އާއްމުކޮށް ބަންދުކުރިކަން އިއުލާންކޮށްފައެވެ. މިގޮތުން ރެއިން ފެށިގެން 7 ދުވަހުގެ މުއްދަތަށް ދުވާ ޓްރެކްވެސް މިވަނީ ބަންދުކޮށްފައެވެ. ޒަމާނީ ފެންވަރަށް ޓްރެކް ދަނޑު ތަރައްޤީކޮށް މިދިޔަ ޖެނުއަރީ މަހު ހުޅުވާލުމުން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އެތަން ބޭނުންކުރަމުންނެވެ. އެގޮތުން ކަސްރަތަށް ދާ މީހުންނާއި، އެކެޑެމީތަކުން ހިންގާ ހަރާކާތްތައް އެއް ގަޑިއަކަށް ދިމާވުމުން ހަވީރާއި ރޭގަނޑުގެ ވަގުތުތަކުގައި ޓްރެކް ދަނޑު އޮންނަނީ މީހުން ތޮއްޖެހި ބާރު ބޮޑުވެފައެވެ.

ރާއްޖޭގައި ކޯވިޑް ކޭސްތައް 50 ދަށުގައި ހުރުމަށްފަހު މިއަހަރު ފެށުނު ފަހުން އެ އަދަދުތައް މިވަނީ އިތުރުވެފައެވެ. އެގޮތުން ރާއްޖެއިން ދުވާލަކު މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ސަތޭކައިން މަތީގައި ހުންނަތާ މިވަނީ ދެ މަހަށްވުރެ ގިނަ ދުވަސްވެފައެވެ.

ކޯވިޑް ކޭސްތައް އިތުރުވުމުން ބައެއް ކުޅިވަރު މުބާރާތްތައްވެސް ހުއްޓާލުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އަދި ބައެއް ކްލަބްތަކާއި ޓީމުތަކުގެ ފަރިތަކުރުންތައް ބާއްވަން ވަކި ގައިޑްލައިނެއް އެކުލަވާލާ އެ އިދާރާއިން ވަނީ އާއްމުކޮށްފައެވެ. އެއާއެކު ކްލަބްތަކުން ފަރިތަކުރުންތައް މިހާރު ބާއްވަމުން އަންނަނީ މި ގައިޑްލައިންތަކާއި އެގޮތަށެވެ. އަދި އެ އުސޫލްތަކާއި ކުޅުންތެރިން ހިލާފުވޭތޯ ކްލަބްތަކުންވެސް އަންނަނީ ބަލަމުންނެވެ.