ބޭރުފައިސާގެ ޤާނޫނުން މާރުކުރަން ލާޒިމްކުރާ މިންވަރު މާރުނުކޮށް އޮޅުވާލުމުގެ ފުރުސަތު ނުލިބޭނެހެން ޤާއިމްކުރެވޭ ނިޒާމު 1 މަސް ދުވަހުގެ ތެރޭގައި ޤާއިމްކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ 7 ބިލެއް ތަސްދީޤުކުރެއްވުމަށް ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރުން ޤާނޫނު ތަންފީޒު ކުރުމުގައި ދެމިތިބޭނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ބޭރުފައިސާގެ ޤާނޫނު ގެނެވުނު ދެވަނަ އިސްލާހުގައި ރިސޯޓުތަކަށް ލިބޭ ބޭރުފައިސާގެ ޖުމްލަ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގައި ޤާއިމްކުރެވިފައިވާ ބޭންކް އެކައުންޓަކަށް ޖަމާކޮށް މާރުކުރުން ލާޒިމް ކުރެއެވެ. މިކަމާއި ގުޅިގެން ބައެއް ރިސޯޓު ވިޔަފާރިތަކުން މިކަން ކުރާނަމަ ރިސޯޓުތަކުގެ ޚަރަދުތައް ބެލެހެއްޓުމާއި އާމްދަނީއަށް ދަތިވާނެކަން ފާހަގަކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިބަދަލަކީ ތަފާސްހިސާބުތަކަށް ބައްލަވައި، ކަމާއި ގުޅޭ ގިނަ ދިރާސާތަކެއް ކުރެއްވުމަށްފަހު ގެންނެވި ބަދަލެއްކަމަށެވެ. އަދި 40 އިންސައްތަ މާރުނުކުރެވޭނެ އެއްވެސް ރިސޯޓެއް ރާއްޖޭގައި ނުހިންގާކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބޭރުފައިސާގެ މާރުކުރުން ލާޒިމް ކުރުމަށް ޤާނޫނަށް ބަދަލު ގެންނެވި ސަބަބުތައް ހާމަކުރައްވަމުން އެމަނިކުފާނު ވަނީ ބައެއް ތަފާސް ހިސާބުތައްވެސް ހިއްސާކޮށްދެއްވާފައެވެ.
ފަތުރުވެރިކަމުގެ ސިނާޢަތުން ރާއްޖެއަށް އަހަރެއްގެ މައްޗަށް 5.6 ބިލިޔަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބޭއިރު، ރާއްޖޭގެ ބޭންކިންގ ނިޒާމަށް ވަދެފައިވާ ކަމަށް އަންދާޒާކުރެވެނީ 3.8 ބިލިއަން ޑޮލަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މީގެ ތެރެއިންވެސް ބޭންކުތަކަށް މާރުކޮށްފައިވަނީ އެންމެ 21 އިންސައްތަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ބޭރުފައިސާއާބެހޭ ޤާނޫނު އައުމުގެ ކުރިން މާރުކުރަމުން ދިޔައީ އަހަރެއްގެ ތެރޭގައި އެންމެ 10 އިންސައްތައެވެ.
"މީގެ ކުރީގެ ދުވަސްތަކެއް އޮވެދާނެ ރާއްޖޭގައި މަކަރު ހަދައިގެން ސަލާމަތްވެވޭނެ ގޮތް. އެކަމަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން. ރާއްޖެއަށް ފަތުރުވެރިއަކު އެތެރެވާ ހިސާބުން އެ ފަތުރުވެރިއަކު ދިޔަތަނާއި، އެދިޔަ ހިސާބާއި، އޭނާ ނިދީ ކޮންތަނެއްގައި ކަމާއި އޭނަ ފުރައިފި ކަމާއި އެނގޭނެ ނިޒާމު މީގެ އެއް މަސް ފަހުން ރަސްމީކޮށް އަޅުގަނޑުމެން ސިސްޓަމްތަކުގެ ތެރޭގައި ޤާއިމްވެފައި ހުންނާނެ. މަކަރެއް ނެހެދޭނެ. އެފުރަސަތެއް ނުލިބޭނެ." ރައީސުލްޖުމްރީއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ބޭރުފައިސާގެ ޤާނޫނުގައިވާ ކަންކަން ތަންފީޒުކޮށް ރައްޔިތުންނަށް ހައްޤުތައް ހޯދައިދިނުމުގައި ސަރުކާރުން އެއްވެސް ވަރަކަށް ފަސް ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ނިންމުތަކުގައި ދެމިތިބެ ރައްޔިތުންގެ ހައްޤުގައި މަސައްކަތްކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ބޭންކިން ނިޒާމަށް ފައިސާ ނުވަދެ، ނުވަތަ ވަންނަ ފައިސާ ބޭންކުތައް ނިޒާމުތަކުގެ ބޭރުން ކަޅު ބާޒާރުގައި މާރުކުރުމުގެ ސަބަބުން ބޭންކުތަކުން ބޭރުފައިސާ މިންވަރު ވަނީ ދަށްވެފައެވެ. މިކަމުގެ ސަބަބުން ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާ ކަޅު ބާޒާރުން ގަތުމުން މުދަލުގެ އަގު އުފުލިގެންދެއެވެ. އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރުފައިސާ ވަކި މިންވަރަކަށް ހިފެހެއްޓިގެންދެއެވެ. ސަރުކާރުގެ އަމާޒަކީ ޤާނޫނުތަކަށް ގެނެވޭ އިސްލާހުތަކާއި އެކު މިމައްސަލައަށް ހައްލުތަކެއް ގެނެވި ރައްޔިތުންނަށް ކަނޑައެޅިފައިވާ ރޭޓުގައި ބޭރުފައިސާ ލިބޭނެ ގޮތް ހެދުމެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ އާމްދަނީގެ ތެރެއިންވެސް ބޭންކިން ނިޒާމަށް ނުވަންނަ ފައިސާ ވެއްދުމަށް ޤާނޫނަށް އިސްލާހުތަކެއް ސަރުކާރުން ދަނީ ގެންނަމުންނެވެ. މިގޮތުން ރާއްޖޭގައި ޚިދުމަތެއްދޭނަމަ އެ ޚިދުމަތަކަށް އަގު ނަގަންވާނީ ރާއްޖޭގައި ޤާއިމްކުރެވިފައި ހުރި ބޭންކެއްގެ ޕީއޯއެސް މެޝިނަކުން ކަމަށް ޕޭމެންޓް ސިސްޓަމްގެ ޤާނޫނަށް ގެނެވުނު އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ރާއްޖެއިން ބޭރުގައި ރަޖިސްޓްރީ ވެފައިވާ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވެލް އޭޖެންޓުން އަދި އެހެނިހެން ބުކިން ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމަށް މުދަލާއި ޚިދުމަތުން ޓެކްސް ނެގުމުގެ ޤާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ.