ފާއިތުވި އަހަރެއްހާ ދުވަހު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ބަލިމަޑުކަމަށް ކުރިއަށް އޮތްތަނުގައި އަންނާނެކަމަށް ބެލެވޭ ބަދަލުތަކާމެދު ދެކޭގޮތް ބަދަލުކުރަން ޖެހިދާނެކަމަށް ސައިންސްވެރިން ބުނެފިއެވެ.
ކޯވިޑާއި ދެކޮޅަށް ވެކްސިން އުފައްދާ ޤައުމުތަކުގައި ބޭނުންކުރަން ފެށުމުން ބަލިމަޑުކަމުގެ ޙާލަތުން އަރައިގަނެވިދާނެކަމަށް ކުރެވޭ އުއްމީދުތައް ގިނައެވެ. އެގޮތުން ހަރޑް އިމިއުނިޓީ ޤާއިމްކުރުމާއި، ބަލިޖެހުމުން ވައިރަހާ ދެކޮޅަށް އުފެދޭ ދިފާޢީ ބާރާއި ވެކްސިން ދިނުމުން ހަށިގަނޑަށް ލިބޭ ރައްކާތެރިކަމާއެކު ބަލިން ސަލާމަތްވުމަށް ކޮންމެވެސް ވަރެއްގެ އަލިމަގެއްވެސް އަންނަނީ ފެންނަމުންނެވެ.
ނަމަވެސް ވައިރަހުގެ އެކި ވޭރިއަންޓުތައް ދުނިޔޭގެ އެކި ސަރަޙައްދުތަކުން ފެނުމާއެކު މިކަމުގައި ބައެއް ދަތިތައް ހުރިކަން ސައިންސްވެރިން އަންނަނީ ފާހަގަކުރަމުންނެވެ. އެގޮތުން އައު ވޭރިއެންޓް އަސްލު އަދިވެސް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނާތީ ބައެއް މީހުންނަށް ވެކްސިންގެ އަސަރު އެންމެ ރަނގަޅަށް ނުކުރާކަމަށްވެސް ސައިންސްވެރިން ދެކެއެވެ.
ބައެއް ސައިންސްވެރިން ބުނީ ކޯވިޑް ޖައްސާ ސާސް-ކޮވް-2 ވައިރަސް މުޖުތަމަޢުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ދެމި ހުންނާނެކަމަށް ބެލެވޭކަމަށެވެ އަދި ވެކްސިން ދިންނަމަވެސް ޑޯޒްތައް ފުރިހަމަ ނުވަނީސް ރައްކާތެރިކަމުގެ ރަނގަޅު ހަރުކަށި ފިޔަވަޅުތަކެއް ނޭޅިއްްޖެނަމަ މި އަހަރުގެ ތެރޭގައިވެސް ގިނަ ޢަދަދެއްގެ މީހުން ބަލިވެ މަރުވުން އެކަށީގެންވެއެވެ. އެހެންކަމުން މާސްކު އެޅުމާއި ގައިދުރުކުރުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި އާންމުން ދެމިތިބެންޖެހޭކަމަށްވެސް ސައިންސްވެރިން ބުނެއެވެ.
ރެކޯޑު ދުވެއްޔެއްގައި ބައްޔާއި ދެކޮޅަށް ވެކްސިން ތައްޔާރުކޮށް ޢާންމުންނަށް ދެމުންދާކަން ފާހަގަކުރަމުން އެ ސައިންސުވެރިން ބުނީ ބަލީގެ ސަބަބުން ޙާލު ދެރަވާ މީހުންގެ ޢަދަދާއި މަރުވާ މީހުންގެ ޢަދަދު ދަށަށް ގޮސްފައިވާކަމަށެވެ. ވެކްސިން ތައްޔާރުކުރާ ފަރާތްތަކުން ވެކްސިންގެ ބާރު އިތުރަށް ގަދަކުރުމަށް ބޫސްޓަރުތައް ތައްޔާރުކޮށް ވޭރިއަންޓުތަކާއި ދެކޮޅަށް ރަނގަޅަށް މަސައްކަތްކުރާ އައު ވެކްސިންތައް އުފެއްދުމުގެ މަސައްކަތްވެސްދަނީ ކުރަމުންކަމަށް ސައިންވެރިން ފާހަގަކުރިއެވެ. ހަމައެއާއިއެކު އިންސާނުންގެ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވައިރަހާ ދެކޮޅަށް މަސައްކަތްކުރާ ގޮތާ ގުޅޭގޮތުން ނޭނގޭ ގިނަ ކަންތައްތަކެއް އަދިވެސް ހުރިކަމަށްވެސް ސައިންސްވެރިން ބުނެއެވެ.