ކުޅިވަރު

ހުރިހާ ކުޅިވަރެއް ހިމެނި، މާލެ ސަރަހައްދަށް ބޮޑު ބަދަލެއް


ދިވެހި ކުޅިވަރުތައް ކުރި އަރުވައި ޒުވާން ކުޅުންތެރިން އުފެއްދުމަށް ބޭނުންވާ ވަސީލަތްތަކާއި ތަންތަން ޤާއިމުކުރުމުގެ މަޝްރޫއުތައް ރާއްޖޭގެ އެކި ހިސާބުގައި ހިނގަމުން އަންނަނީ ކުޅިވަރުގެ ޒުވާން ވަޒީރު މަހްލޫފުގެ ބަހުރުވައިން ނަމަ މެކުހަށް ޖަހާފައިވާ ބާރުމިނުގައެވެ. އެތައް ފުޓްސެލް ދަނޑަކާއި އެތައް ކޯތްތަކާއި ޒުވާނުންގެ މަރުކަޒުތައް ހަދާ ނިންމާ ޒުވާނުން އެތަންތަން ބޭނުން ކުރަމުން އަންނައިރި މަހްލޫފް ސިފަކުރައްވާ ގޮތުން މީ އަދި ކޯވަރެއްހާ ކުޑަ މިންވަރަކެވެ.

މާލޭ ސަރަހައްދުގެ ޒުވާނުންނަށް ކުޅިވަރު ކުޅުމަށް ހުރި ފުރުސަތުތައް އަތޮޅުތެެރޭގެ ރަށްތަކަށްވުރެ ގިނައިން ހުރި ނަމަވެސް ޒަމާނުންސުރެ ހުރި މިތަންތަން ޒަމާނާ އެކީ ތަރައްޤީވަމުން އައިސްފައެއް ނުވެއެވެ. އަދި ފުޓްބޯޅަ ނޫން ކުޅިވަރުތަކަށް އެކަށީގެންވާ ތަންތަނާއި ވަސީލަތްތައްވެސް ނެތްތާ އެތައް ޒަމާނެކެވެ. މީގެ 24 އަހަރު ކުރިން ދިވެހި އެތުލީޓުން ދުވަންފެށި ޓްރެކް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވި ސިންތެޓިކް ދަނޑަކަށް ބަދަލުކޮށް ހުޅުވީވެސް ދާދި އިހަކަށް ދުވަހުއެވެ.

މާލޭގެ ސަރަހައްދަށް އަމާޒުކޮށް ސްޕޯޓްސް މިނިސްޓްރީން މިހާރުވެސް އަންނަނީ 39 މަޝްރޫއެއް ހިންގަމުންނެވެ. އެތައް މިލިއަން ރުފިޔާގެ މި މަޝްރޫއުތަައް، ޒުވާން ކުޅިވަރު ވަޒީރު ސިފަކުރައްވަނީ މީއީ މާލޭ ސަރަހައްދަށް ކުޅިވަރުގެ ދާއިރާއިން މިހާތަނަށް ދުވަހަކުވެސް އައިސްފައި ނުވާ ބަދަލުތަކެއް އަންނާނެ މަޝްރޫއުތަކެއްގެ ގޮތުގައެވެ.

މާލޭ ސަރަހައްދުގައި ހިންގާ މަޝްރޫތަކުގެ ތެރެއިން އެންމެ ބާރަށް ކުރަމުން އަންނަ އެއް މަސައްކަތަކީ މާލޭގައި ޤާއިމުކުރާ ސްވިމިން ޕޫލުގެ މަސައްކަތެވެ. މި މަސައްކަތް މިހާރު އެ އޮތީ ކުރެހުން ފައިނަލްކުރުމާ ހިސާބުގައެވެ. މިހާރު އޮތް ކުރެހުމަށް ހުއްދަ ލިބުމާއެކު އަމަލީ މަސައްކަތް ފެށުމަށް މިނިސްޓްރީ މިހާރު އޮތީ ތައްޔާރަށެވެ.

ޑައިވްކުރަން ބޭނުންވާ ޒުވާނުނަށް ހާއްސަކޮށްގެން ހަދާ ޑައިވްޕްލެޓް ފޯމަކީ ޑައިވްކުރަން ފޯރި ޝައުގުވެރި ޒުވާނުން އިންތިޒާރުކުރަމުން އަންނަ އެއްތަނެވެ. ރާއްޖޭގައި ޒުވާން ޑައިވަރުން އުފެދެމުން އަންނަ އިރު މިހާތަނަށްވެސް މިކަމުގެ ތަމްރީނުތައް ހަދާނެ ތަނެއް ނެތެވެ. ކޮންމެ ފަހަރަކުވެސް ޖެހެނީ މީހުން ބައިބޯ ޓްރެކް ސަރަހައްދަށް ނޫނީ ކޮންމެވެސް އެހެން ސަރަހައްދަކަށް ފައިބާށެވެ. މިނިސްޓްރީގެ އަމާޒަކީ މާލޭގައި ހަދާ ޑައިވް ޕްލެޓް ފޯމްގެ ހުރިހާ މަސައްކަތެއް މިމަހުގެ 14ވަނަ ދުވަހުގެ ކުރިން ނިންމާލާ އެތަން ޒުވާނުންނަށް ހުޅުވާލުމެވެ.

ފުޓްބޯޅައިގެ އިތުރުން އެހެން ކުޅިވަރުތަކަށްވެސް ހައްޤު ދައުރު ހޯދައިދިނުމަށްވެސް މިނިސްޓްރީން އަންނަނީ ބުރަަަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ރާއްޖެއަށް ރީތި ނަން ހޯދައިދީ ބޮޑު ކާމިޔާބީއެއް ލިބުނު ޓީޓީއަށް ހާއްސަކޮށްގެން ނޭޝަނަލް ޓޭބަލް ޓެނިސް ސެންޓަރެއް އެޅުމަށް ނިންމާ އެކަމަށް ބޭނުންވާ ބިންވެސް މި ވަނީ ކަނޑައަޅާފައެވެ. އަދި އެތަނުގެ ކުރެހުން ނިންމާ ބިން ސާފުކޮށް މަސައްކަތް ފެށުމަށް ދެން މާ ގިނަދުވަހެއް ނެތެވެ.

ހޭންޑް ބޯޅައާއި ނެޓްބޯޅަ މިހާރު ކުޅެމުން އަންނަ ޗަކަ ބިމުގެ ބަދަލުގައި މި ދެ ކުޅިވަރަށްވެސް ހާއްސަކޮށްގެން ބައިނަލް އަގްވާމީ މިންގަނޑުތަކަށް ފެތޭ ކޯޓުތައް އެޅުމުގެ މަސައްކަތްވެސް ކުރިޔަށްދަނީ ބާރު ދުވެލީގައެވެ.

މީގެއިތުރުން ނޭޝަނަލް ވޮލީ އިންޑޯ ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް މި އަހަރު ފެށުމަށް ކުރަންޖެހޭ އެންމެހާ ކަންކަންވެސް އަންނަނީ ކުރަމުންނެވެ. އަދި ހަމަ ނޭޝަނަލް ބާސްކެޓް އިންޑޯ ކޯޓެއް އެޅުމަށް ބިން ދޫކޮށް އެތަނުގެ ކުރެހުން ނިންމުމުގެ މަސައަކަތްކުރަމުން އަންނަކަންވެސް މިނިސްޓަރ މަހްލޫފް ވަނީ ފާހަގަކުރައްވާފައެވެ.

މާލޭގެ ޒަމާންވީ އަދި ދިވެހިންގެ ރަސްމީ ފުޓްފުޅަ ދަނޑު އެހެން އޮންނަތާ އެތައް ދުވަހެއް ފަހުން އެ ދަނޑުވެސް ތަރައްޤީކުރުމުގެ މަސައްކަތް މި ވަނީ ފަށާފައެވެ. ފީފާގެ މަޝްރޫއެއްގެ ދަށުން މި މަސައްކަތް ކުރަމުން އަންނައިރު ގަލޮޅު ދަނޑާއެކު މަޝްހޫރު ހެންވޭރު ދަނޑުވެސް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ ޖުލައި މަހުގެ ތެރޭގައި ނިންމުމަށް ޔޫތް މިނިސްޓްރީން ވަނީ އަމާޒު ހިފާފައެވެ.

ކުޅިވަރު ކުޅުމަށް މާލޭގައި ތަރައްޤީކޮށްފައިވާ ތަންތަން ހުރިހާ ޒުވާނުންނަށް ހަމަހަމަ އުސޫލަކުން ހެޔޮ އަގެއްގައި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީވެސް މިނިސްޓްރީއަށް މަތިކުރެވިފައިވާ ޒިންމާއެކެވެ. މި މަސައްކަތުގެ ތެރެއިން މާލޭގައި ހަދާނިމިފައިވާ ފުޓްސެލް ދަނޑުތައް ހަމަހަމަ އުސޫލުން ލުއި އަގެއްގައި ހުރިހާ ޒުވާނުންނަށް ދޫކުރުމަށް އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ނިމުމަކާ ހިސާބުގައެވެ.

ސާފިންއަށް ލޯބިކުރާ ޒުވާނުނަށް ނޭޝަނަލް ސާފިން ސްޓޭޑިއަމެއް ހެދުމަށް ވިސްނާ އެކަމުގެ މަޝްވަރާތައް މި ވަނީ ފަށާފައެވެ. މިގޮތުން ހެންވޭރުކޮޅު ރާޅު ގަނޑު ސަރަހައްދުގައި މިތަން ބިނާކުރުމަށް ރައީސް އޮފީހާއި މާލޭ ސިޓީ ކައުންސިލާއިއެކު މިނިސްޓަރ މަހްލޫފް ވަނީ މަޝްވަރާތައް ފަށާފައެވެ.

އަންހެންވެރިންގެ މެދުގައި އެންމެ ފޯރި ހިފާ އެއް ކުޅިވަރަކީ ބަށްޓެވެ. އެހެންމަވެސް މި ކުޅިވަރު ކުރިއަރުވާނެ ގޮތެއް ނެތްއިރު ބަށި ކުޅެލަން ބޭނުންވާ ކުޅުންތެރިންނަށް އެ ކުޅިވަރު ކުޅެލާނެ ކޯޓެއް ހިސާބުވެސް މާލޭގައި ނެތެވެ. މިކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ފަށައި، ބަށި ކޯޓެއް އެޅުމަށް ބިމެއް ހޯދުމަށް ސަރުކާރުގެ ކަމާއި ގުޅޭ އިދާރާތަކާއި އެކު ސްޕޯޓްސް މިނިސްޓްރީން މިވަނީ މަސައްކަތް ފަށާފައެވެ.

މީގެއިތުރުން ވިލި މާލޭގައި ހަދާ އައުޓްޑޯ ޖިމް ނިންމާ ވަރަށް އަވަހަށް ކައުންސިލާއި ހަވާލުކުރަން ތައްޔާރުވަމުން އަންނައިރު އެރަށުގައި އަޅާ ފުޓްސެލް ދަނޑުގެ މަސައްކަތް އަންނަ ހަފްތާގެ ކުރީކޮޅު ފެށޭނެއެވެ. އަދި ކުޑަކުދިންނަށް ވިލިމާލޭގައި އަޅާ ޕާކުގެ މަސައްކަތައް ބޭނުންވާ ފައިސާ ވަރަށް އަވަހަށް ކައުންސިލަށް ޖަމާކޮށްދޭނެކަމުގެ ޔަޤީންކަންވެސް މިނިސްޓަރ މަހްލޫފް މިވަނީ ދެއްވާފައެވެ.

ހުޅުމާލޭގައި ޓެނިސް ކޯޓްތައް އެޅުމުގެ މަސައްކަތްވެސް ހުއްޓުމެއް މަޑުޖެހުމެއް ނެތި އަންނަނީ ކުރަމުންނެވެ. މި ފަސްކޯޓްގެ މަސައްކަތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެއެވެ. ރޭސް ޖަހާ ޒުވާނުންނަށް ހާއްސަކޮށް ހުޅުމާލެ ފޭސް ޓޫގައި އެކަމަށް ހާއްސަ މަގުތަކެއް ހެދުމަށް އެޗްޑީސީއާއެކު މަޝްވަރާކުރަމުން އަންނަކަމަށްވެސް މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމެއް އެޅުމަށް މީހާރު އެ މަސައްކަތް އޮތީ ބިޑްކުރުމުގެ މަރުހަލާގައެވެ.

ކުޅިވަރުގެ ވަޒީރު ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް މުޅި ރާއްޖޭގައި ކުރަމުން އަންނަނީ ވަކި ރަށަކަށް ވަކި ދާއިރާއަކަށް ބެލުމެތްނެތިއެވެ. ރަށްރަށުން އެދޭ ގޮތަށް އެކަން ކޮށްދެވެން އޮތް އެންމެ ރަނގަޅަށް އެންމެ ފުރިހަމަކޮށެވެ. ވަކި ކުޅިވަރެއް ބާކީނުކޮށް ހުރިހާ ޒުވާނުންނަށްވެސް އެމީހުންގެ ހުނަރު އިތުރަށް ތަރައްޤީކުރުމަށް ފުރުސަތުތައް ތަނަވަސްކޮށްދެމުންނެވެ.