ފުލުހުންގެ މުއައްސަސާ ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް، ފުލުހުންގެ އެގްޒެކްޓިވް ބޯޑުގެ މެމްބަރުންނާއި ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުމުގައި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންގެ އިތުބާރާ އިޙްތިރާމް މިހާރަށްވުރެ ބޮޑަށް
ލިބިގެންވާ ޚިދުމަތެއްގެ ގޮތުގައި ހަދައި، ދެމެހެއްޓެނިވި ޚިދުމަތަކަށް ހެދުމަށް
ކުރަންޖެހޭ ކަންކަން މިހާރަށްވުރެ އިތުރުކޮށް، އިތުރު މަސައްކަތްތަކެއް
ފަށައިގަތުމަށް ފުލުހުންގެ ޑައިރެކްޓްރޭޓްތަކާ ކޮމާންޑްތަކަށް އަދި
ޑިޕާޓްމަންޓުތަކަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް އެންގެވިއެވެ.
އަދި ފުލުހުންގެ ތަޞައްވުރު ރަނގަޅުކޮށް
ރައްޔިތުންގެ އިތުބާރާ ޔަޤީންކަން ލިބިގެންވާ ޚިދުމަތެއް ދެވޭނީ ފުލުހުންނަށް
ބޭނުންވާ ތަޢުލީމާ ތަމްރީނުގެ ތެރެއިން އަދި ތަޖުރިބާގެ ތެރެއިން ކަމަށް ޑީސީޕީ ވިދާޅުވިއެވެ. އެހެންކަމުން
ކޮންމެ ފުލުހަކީވެސް އެފަދަ ތަޢުލީމާ ތަމްރީނު ލިބިގެންވާ ފުލުހަކަށް ހެދުމަށް
އެގްޒެކެޓިވް ބޯޑުގެ ކޮންމެ މެމްބަރަކުވެސް މަސައްކަތް ކުރެއްވުމަކީ މުހިއްމު
ކަމެއްކަން ޑީސީޕީ ފާހަގަކުރެއްވިއެވެ.
ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް
ބިލްޑިންގުގައި އޮތް މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑީސީޕީ
އަޙްމަދު ޢަރީފް ވިދާޅުވީ ދިވެހި ފުލުހުންގެ ތަޞައްވުރު މިހާރަށްވުރެ ރަނގަޅުކޮށް
ފުލުހުންގެ ޤާބިލްކަން އިތުރުކޮށް މި ޚިދުމަތަކީ މިހާރެކޭވެސް އެއްގޮތަށް ރައްޔިތުންނާއެކު
ގުޅިގެން ދެވޭ ޚިދުމަތަކަށް ހެދުމުގެ ޤާބިލްކަމާއި ކުޅަދާނަކަން ފުލުހުންގެ
މުއައްސަސާގައި އެބަހުރި ކަމަށެވެ. އެހެންކަމުން ފުލުހުންގެ މަސައްކަތު އަޚްލާޤު
ދަމަހައްޓައި ރައްޔިތުންނާ މުޢާމަލާތު ކުރުމުގައި އަދަބުވެރި އަދި އިޙްތިރާމް
ލިބެނިވި ބަސްމަގު މިހާރަށްވުރެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށް ބާރު އަޅައި
ފުލުހުންގެ ޢަމަލުތައް އެގޮތުގެ މަތީގައި ހުރޭތޯ ބައްލަވައި ދެއްވުމަށް އިސް
އޮފިސަރުން މަސައްކަތް ކޮށްދެއްވަންވެސް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު
ޢަރީފް އެގްޒެކެޓިވް ބޯޑުގެ މެމްބަރުންގެ ކިބައިން އެދިވަޑައިގަތެވެ.
ފުލުހުންގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް
ކުރިޔަށް ގެންދަން ކުރެވެން ހުރި މަސައްކަތްތަކާ މިހާރުން މިހާރަށް ކުރަން ފަށާނެ
މަސައްކަތްތަކާބެހޭގޮތުން މިބައްދަލުވުމުގައި އެގްޒެކެޓިވް ބޯޑުގައި ވަނީ
މަޝްވަރާ ކޮށްފައިވާކަމަށް ޕޮލިސް ސަރވިސަސްއިން މައުލޫމާތުދެއެވެ.