ޚަބަރު

ކޯވިޑް-19 ދިފާޢު: ވެކްސިން ޖެހުމުގައި މިއަދު ރެކޯޑެއް، ޢަދަދު 10،000 މައްޗަށް


ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ރާއްޖޭގައި ދޭން ފެށިފަހުން އެންމެ ގިނަ ޢަދަދަކަށް ވެކްސިންޖެހި ދުވަހަކަށް މިއަދު ވެއްޖެއެވެ. ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ވެކްސިން ޕްރޮގްރާމް ރާއްޖޭގައި ފަށާފައިވާއިރު އިއްޔެއާއި މިއަދަކީ އެންމެ ގިނަ މީހުން ވެކްސިން ޖެހި 2 ދުވަހެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއާއި އަތޮޅުތައް ހިމެނޭހެން މިއަދުވަނީ 11،474 މީހުންވަނީ ވެކްސިންޖަހާފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖެހި 6،015 މީހުންނާއި އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ވެކްސިން ސެންޓަރުތަކުގައި ވެކްސިންޖެހި 5،459 މީހުންނެވެ.

ރާއްޖޭގައި މިއަދު ރިކޯޑު ޢަދަދަކަށް ވެކްސިންޖެހުމާއެކު މުޅި ރާއްޖެއިން ވެކްސިންޖެހި މީހުންގެ ޖުމްލަވަނީ 186،930 އަށް އަރާފައެވެ. މާލެ ސަރަހައްދުން ވެކްސިން ޖެހިމީހުންގެ ޖުމުލަ ޢަދަދުވަނީ 105،836އަށް ރާފައެވެ. އަދި އަތޮޅުތަކުން ވެކްސިންޖެހި މީހުންގެ ޖުމުލަ ޢަދަދުވަނީ 81،094އަށް އަރާފައެވެ.


ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ 8 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ. އަދި މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި 2 މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުން އާދެއެވެ.

ރާއްޖޭގައި މިހާރުވަނީ ޢުމުރުން 18 އަހަރުން މަތީގެ ހުރިހާ އުމުރުފުރާތަކަށް ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މިއާއިއެކު ކޮވިޝީލްޑް ވެކްސިން ދިނުމުގެ ހުއްދަ އޮންނަ ހުރިހާ އުމުރުފުރާތަކަށް މިހާރު މިވަނީ ރާއްޖޭގައި ވެކްސިން ދޭން ފަށާފައެވެ. ރާއްޖޭގައި މިވަގުތު ދެމުންދަނީ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒްއެވެ.

މިމަހުގެ 15ވަނަ ދުވަހާ ހަމައަށް ކޯވިޑް-19ގެ ފުރަތަމަ ޑޯޒް ޖެހުން މަޑުޖައްސާލައި، ދެވަނަ ޑޯޒް ޖަހަން ފެށުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އެހެންނަމަވެސް މަޤުބޫލު އުޒުރަކާއި ލައިގެން ވެކްސިންގެ ފުރަތަމަ ޑޯޒް ނުނެގި ތިބި ފަރާތްތަކަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވެކްސިންދޭނެކަމަށް އެޗްއީއޯސީއިން ވިދާޅުވެއެވެ.