ޚަބަރު

ކޯވިޑް-19 ދިފާޢު: ކިޔުތައް ދިގުވެ ވެކްސިންޖެހުމުގެ ފޯރި ގަދަވެއްޖެ


ކޯވިޑް-19އިން ރައްކާތެރިވުމަށް ދޭ ވެކްސިން، ވޭތުވެދިޔަ ދެ ދުވަހުވެސް ރިކޯޑު ޢަދަދަކަށް ރާއްޖޭގައި ޖަހާފައިވެއެވެ. މާލެއާއި އަތޮޅުތަކުގައި ވެކްސިން ޖެހުމަށް ޚާއްސަކޮށްފައިވާ ސެންޓަރުތަކުގެ ބޭރުގައި ބޮޑެތި ކިޔޫތައް ހަދާފައިވެއެވެ. ވެކްސިންޖަހަން ކިޔޫ ހަދަމުން އަންނަ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމުގެ ކަންކަން ކުރިއަށް އޮތް 2 ދުވަހުގެތެރޭގައި ނިންމާލުމަށް ސަރުކާރުންވަނީ ކަނަޑައަޅާފައެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިނަށް ދިވެހިން އިންތިޒާރުކުރާތާ އަހަރެއްފަހުން ރާއްޖެއަށް ވެކްސިން ލިބި ރާއްޖޭގައި ވެކްސިން ދޭންފެށިފަހުން މިހާ މިވަނީ މަހަކަށްވުރެ ގިނަ ދުވަސްވެފައެވެ. އެއްލައްކަ އައްޑިހަ ހާހަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ ވެކްސިން ޖަހާފައެވެ. މިއީ މިސަރަޙާއްދުގެ ޤައުމުތަކުގެ ވެކްސިން ޕްރޮގްރާމްތަކަށް ބަލާއިރުވެސް އާބާދީގެ ނިސްބަތުން ބޮޑު ކުރިއެރުމެއްކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ކޯވިޑް-19އަށް ރާއްޖޭގައި މިވަގުތު ދެމުން އަންނަނީ ކޯވިޝީލްޑް ވެކްސިނެވެ. މި ވެކްސިން ފުރިހަމަކުރުމަށް ކޮންމެ މީހަކަށްވެސް ވެކްސިންގެ 2 ޑޯޒް ދޭންޖެހެއެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމުގެ މަސައްކަތް ކުރިއަށްދާއިރު ސަރުކާރުންވަނީ މިމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަ ޑޯޒް ދިނުމުގެ ޕްރޮގްރާމް ކުރިއަށްގެންދިޔުމަށްފަހު މިބައި މަޑުޖައްސާލައި ދެވަނަ ޑޯޒް ދޭންފެށުމަށް ނިންމަވާފައެވެ.

ވޭތުވެދިޔަ ދެތިން ދުވަހެއްގެ ތަފާސްހިސާބަށްބަލާއިރު ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ފުރަތަމަ ޑޯޒް ޖެހުމަށް ކިޔުތައް ދިގުވެ ވެކްސިންޖެހި މީހުންގެ ޢަދަދުވެސްވަނީ ރިކޯޑު މިންވަރަކަށް އިތުރުވެފައެވެ. ރާއްޖޭގައި އެއްދުވަހެއްގައި ވެކްސިން ދެވޭ ކެޕޭސިޓީ ދިހަ ހާސްކަމަށް ހެލްތު މިނިސްޓްރީން ކުރިން ވިދާޅުވެފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހުވަނީ މިޢަދަދު ފަހަނައަޅައި އެގާރަ ހާހަށްވުރެ ގިނަ މީހުންނަށް ވެކްސިން ޖެހާފައެވެ.

ކޯވިޑް-19އިން ރައްކާތެރި ވުމަށްޓަކައި ވެކްސިން ޖަހަން ބޭނުންވާ މީހުން ތިބިކަން އެނގި ހާމަވީއިރު މިއީ ވެކްސިންއަށް އޮތް އިތުބާރުކަން ހާމަވެއެވެ. އެހެންނަމަވެސް ކުރިއަށް އޮތީ 2 ދުވަހެވެ. މިދެދުވަހުގެ ތެރޭގައި ވެކްސިން ޖެހުމަށް ބޭނުންވާ މީހުން ވެކްސިން ސެންޓަރުތަކަށް ލަސްނުކޮށް ދިޔުމަކީ މުހިންމުކަމެކެވެ. އެޗްޕީއޭއިން މިހާރު ކަނޑައަޅާފައިވަނީ ކޯވިޑް-19އަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން އަންނަ ހޯމަ ދުވަހު މެދުކަނޑާލުމާއެކު މިޑޯޒް ދެން ދެމުންގެންދާނީ ޚާއްސ ޙާލަތްތަކުގައި ވެކްސިން ނުދެވި ތިބި މީހުންނަށް އެކަންޏެވެ. އެހެންކަމުން މިދެދުވަހު ވެކްސިން ނުޖަހާ މީހުން އެއީ އެޗްޕީއޭއިން ޤަބޫލުކުރާ އުޒުރެއް އޮތް މީހުންކަމުގައި ނުވާނަމަ ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖެހިދާނެކަމަށް މިވަނީ ބެލެވިފައެވެ.

މާލޭގެ 8 ސެންޓަރެއްގައި މިހާރުވެސް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާއިރު އަތޮޅުތަކުގައިވެސް 169 ސެންޓަރެއްގައި އަންނަނީ ވެކްސިން ދިނުމުގެ މަސައްކަތްކުރަމުންނެވެ. ވެކްސިންގެ 2ވަނަ ޑޯޒް ދިނުމަށްވާންޖެހޭ ތައްޔާރީތައް މިހާރުވަމުން އަންނައިރު މިޑޯޒް ދޭންފަށާނެކަމަށް ބެލެވެނީ އަންނަ އޭޕްރީލްމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ. ރާއްޖޭގައި ދެމުން އަންނަ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދިނުމަށް ނިންމާފައިވަނީ ފުރަތަމަ ޑޯޒް ދިންތާ 8 ހަފްތާފަހުންނެވެ.