އިތުރު 145 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޢަދަދު 22،292އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00އިން ހުކުރު ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އަލަށް ކޯވިޑް-19އަށް ޕޮޒިޓިވްވީ 145މީހުންނެވެ.
މީގެތެރޭގައި ގިނައީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. 104 މީހުން މާލެ ސަރަޙައްދުން ޕޮޒިޓިވްވެފައިވެއެވެ. ދެން ހިމެނެނީ މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 21 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 14 މީހުންނައި ސަފާރީތަކުން ޕޮޒިޓިވްވި 5 މީހުންނާއި ހަދަމުންދާ ރިސޯޓަކުން ޕޮޒިޓިވްވި މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 22،292އަށް އިތުރުވެފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރު 131 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު މިހާތަނަށް މި ބަލިޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 19،773އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،447 މީހުންނެވެ. ބަލީގައި އެޑްމިޓްކޮށްގެން 120 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިގެން 65 މީހުން ނިޔާވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 57 ދިވެހިންނާއި 8 ބިދޭސީންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި4،460 ސާމްޕަލް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލްގެ އަދަދު މިހާރު ވަނީ 598،676އަށް އަރާފައެވެ.