ޚަބަރު

މިމަހުގެ 2 ގެ ފަހުން އުނގޫފާރުން އެހެން ރަށްރަަށަށް ދިޔަ މީހުން ރިޕޯޓްކުރޭ


މިމަހުގެ 2 ވަނަ ދުވަހުގެ ފަހުން ރ. އުނގޫފާރުގައި އުޅުމަށްފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ މީހުން އެކަން އެންގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އެދިވަޑައިގެންފިއެވެ.

އެޗްޕީއޭއިން މިގޮތަށް އެދިވަޑައިގަތީ އުނގޫފާރުން ނެގި ރެންޑަމް ސާމްޕަލެއް ޕޮޒިޓިވްވުމުން އެރަށް މޮނިޓަރިންއަށް ލުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން އެޗްޕީއޭއިން ވަނީ މިމަހުގެ 2 ވަނަދުވަހުންފެށިގެން އުނގޫފާރަށް ގޮސްފައިވާ އަތޮޅުތެރޭގެ މީހުން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރަށް އެންގުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި މިތާރީޚްގެ ފަހުން އުނގޫފާރަށް ގޮސްފައިވާ ފަރާތެއްވާނަމަ، އުނގޫފާރުން އަނބުރާ ރަށަށް ދިޔަ ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށް އެޗްޕީއޭއިން ވަނީ އަންގަވާފައެވެ. އެޗްޕީއޭއިން ވިދާޅުވީ އުނގޫފާރަށް ގޮސްފައިވާ މީހުންގެ ސާމްޕަލް ނެގުމުގެ އިންތިޒާމްތައް އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން ހަމަޖައްސަވާނެކަމަށެވެ.

މީގެ އިތުރުން މި މުއްދަތުގައި އުނގޫފާރުން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެގުމަށް ވަނީ އަންގަވާފައެވެ. އަދި ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް އުނގޫފާރުން އަނބުރާ ރަށަށް ދިޔަ ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށާއި، އެރަށަށް ކުރި ދަތުރުގެ މައުލޫމާތު 1676އަށް ހިއްސާކުރެއްވުމަށް އެޗްޕީއޭއިން އެދިވަޑައިގަންނަވައެވެ.

އުނގޫފަރުން ޕޮޒިޓިވްވެފައިވަނީ އެރަށުން މާލެ ދަތުރުކުރާ ބޯޓެއްގެ މީހެއްގެ އަންހެނުންނެވެ. މިއާއެކު މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ.