ޚަބަރު

ކެފޭ ރެސްޓޯރެންޓްތަކަށް އެޅި ފިޔަވަޅުތައް އަނެއްކާވެސް އިތުރު ހަފްތާއަކަށް ދަންމާލައިފި


ކެފޭތަކާއި ރެސްޓޯރެންޓްތަކުން ރޭގަނޑު 8:00ގެ ފަހުން ކެއިންބުއިމުގެ ޚިދުމަތް ނުދޭވޭ އުސޫލު އަނެއްކާވެސް އިތުރު ހަފްތާއަކަށް ދަންމާލައިފިއެވެ. މި އުޞޫލާ އެއްގޮތަށް މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް އަމަލުކުރުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، މާލެ، ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅުގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރެންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެނިހެން ޚިދުމަތް ދިނުން ރޭގަނޑު 8:00 އިން ފެށިގެން އިތުރު ހަފްތާއަކަށް ހުއްޓާލުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އަދި ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތްވެސް ރޭގަނޑު 10:30 އިން ފެށިގެން ހުއްޓާލުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

މާލެ ސަރަޙައްދުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު ހަވީރު 6:00 އިން ހެނދުނު ހަޔަކަށް އިންޖީނުލީ އުޅަނދު ދުއްވުންވެސް ވަނީ މަނާކޮށްފައެވެ. އަދި ފިހާރަތައް ރޭގަނޑު 10:30 ގައި ބަންދުކުރަންޖެހެއެވެ.

ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އަޅަމުން އަންނަ އިރު އަދިވެސް މާލެ ސަރަޙައްދުން ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ދަށަށްނުދެއެވެ. ބަލި ކޮންޓްރޯލް ކުރުމަށް މާލެ ސަރަޙައްދުގައި އަޅަފާއިވާ ފިޔަވަޅުތައްވެސްވަނީ އިތުރު ހަފްތާއަކަށް އިތުރުކޮށްފައެވެ. އެގޮތުން މިފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަޙައްދުގައި އެއްފަހަރާ 5 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗަށް ނުކުމެ އެއްވެ އުޅުންވަނީ މަނާކޮށްފައެވެ. އަދި މާލެ ސަރަޙައްދުގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ.