ތިމާވެށި

އިޔާދަނުކުރަނިވި ހަކަތައިގެ ވަސީލަތްތަކާއި ގުޅޭ ސެމިނާރ ފަށައިފި


އިޔާދަކުރަނިވި ހަކަތަ
ޤާއިމްކުރުމަަށް ބޭނުންވާ ވަސީލަތްތައް ހެޔޮއަގުގައި ފަސޭހައިން ބޭނުންކުރެވިދާނެ
ގޮތްތަކާއި ގުޅޭ ގޮތުން މަޢުލޫމާތު ދީ މަޝްވަރާކުރުމަށް އެންވަޔަރަމަންޓް
މިނިސްޓްރީއާއި ޖަޕާން ސަރުކާރު ގުޅިގެން ސެމިނާއެއް ފަށައިފި އެވެ.



''ޖޮއިންޓް ކްރެޑިޓިންގ
މެކޭނިޒަމް ޕްރޮމޯޝަން ސެމިނާރ'' ފައްޓަވައި ދެއްވުމަށް ޝީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި
ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާޙީމް ވިދާޅުވީ، އިޔާދަކުރަނިވި
ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުމަށް މަގުފަހި ކުރުމަކީ ސަރުކާރުގެ އަމާޒު
ކަމަށެވެ. އަދި މިއަދު ބޭއްވޭ ސެމިނާގައި ޕްރޮމޯޓް ކުރެވޭ ''ޖޮއިންޓް ކްރެޑިޓިންގ މެކޭނިޒަމް''
އަކީ މި ވަސީލަތްތައް ހެޔޮއަގުގައި ފަސޭހައިން ރާއްޖޭގައި ބޭނުންކުރުމަށް މަގުފަހި
ކުުރުމަށް ތައްޔާރުކުރެވިފައިވާ މެކޭނިޒަމެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި މީގެ ދަށުން އެކިއެކި
ވިޔަފާރިތަކަށާއި އަަމިއްލަ ބޭނުންތަކަށް ބޭނުންވާ ހަކަތަ އުފެއްދުމަށް ކާބަން
މަދުން ބޭނުންކުރާ އިޔާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން ކުރެވިދާނެ މަޝްރޫޢުތަށް
އެނގިގެންދާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައި އެވެ.



މިނިސްޓަރ ތާރިޤް ވިދާޅުވީ، މިއީ
ކާބަން މަދު އިޤްތިސާދުތަކެއް އުފެއްދުމަށް ޖަޕާން ސަރުކާރާއި ދިވެހި ސަރުކާރާ
ގުޅިގެން ހިންގޭ މެކޭނިޒަމެއް ކަމަށެވެ.

މި މެކޭނިޒަމްގައި 2013 ވަނަ އަަހަރު
ރާއްޖެއިން ބައިވެރިވެފައިވާއިރު، ފާއިތުވި ދެ އަހަރުގެ ތެރޭގައި ދެ މަޝްރޫޢުއެއް
ވަނީ ފަށާފައެވެ.

އޭގެ ތެރޭގައި ވިލާ ކޮލެޖުގައި 185 ކިލޯވޮޓުގެ ސޯލާ ޕެނަލް ހަރުކޮށް މިއަހަރުގެ
ނިޔަލަށް ނިންމާލުމަށް ރޭވިފައިވާއިރު އައްޑޫ ސިޓީގައި 1.7 މެގަވޮޓުގެ
ސޯލާޕީވީ  އަދި ބެޓްރީ ސިސްޓަމް އަކާ އެކު
ހަރުކޮށް އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް ރޭވިފައިވާ ކަމަށް މިނިސްޓްރީން
މަޢުލޫމާތު ދެއްވިއެވެ. 

މިއަދު ފެށި ސެމިނަރާގައި ރާއްޖޭގެ ބޭންކުތަކާއި، އަމިއްލަ
ކުންފުނިތަކާއި އެކި އިދާރާތަކުން ވަނީ ބައިވެރިވެފައި އެވެ.