މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުންތައް އިސްތިއުނާފުން ބެލުމުގެ އިހްތިސާސް ހައިކޯޓަށް ލިބިގެންނުވާކަމަށް އެކޯޓުން ކަނޑައަޅައިފިއެވެ.
ހައިކޯޓުން މިގޮތަށް ކަނޑައެޅީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޤާނޫނުގެ ދަށުން އެމްޑަބްލިޔުއެސްސީގެ މައްޗަށް އިންފޯމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި އެންގުމެއް އެމްޑަބްލިޔުއެސްސީން ހައިކޯޓުގައި އިސްތިއުނާފްކުރުމުންނެވެ
އެމްޑަބްލިޔުއެސްސީން ހައިކޯޓުގައި އިސްތިއުނާފްކުރީ އެކުންފުނީގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ހަވާލާދީފައިވާ އޮޑިޓް ރިޕޯޓް ހޯދުމަށް އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމެވި ނިންމެވުމެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެމްޑަބްލިޔުއެސްސީއަށް އަންގާފައިވަނީ މައްސަލައިގައި ބަޔާންކުރާ އޮޑިޓް ރިޕޯޓް ހޯދަން އެދުނު ގޮތަށް އެ ރިޕޯޓް ދޫކުރުމަށެވެ.
އެނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ހައިކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ވަނީ ވަރަށް ގިނަ ކަންކަމަށް ބައްލަވާފައެވެ.
ހައިކޯޓުގެ ހުކުމުގައި ބުނީ ހައިކޯޓަށް ލިބިދީފައިވާ އިސްތިއުނާފީ އިޚްތިސާސް ލިބިދީފައިވަނީ ދަށު ކޯޓުތަކުންނާއި ޓްރައިބިއުނަލުން ނިންމާ ނިންމުންތަކުގެ މައްޗަށް އެކަނިކަމަށެވެ. އަދި އިސްތިއުނާފަށް ހުށަހެޅި ނިންމުން ނިންމާފައިވަނީ ދަށު ކޯޓަކުންތޯ ނުވަތަ ޓްރައިބިއުނަލަކުންތޯ ބަލަންޖެހޭކަމަށް ހައިކޯޓުގެ ނިންމުމުގައިވެއެވެ. އަދި އިސްތިއުނާފްކުރެވުނު ނިންމުމަކީ ދަށު ކޯޓުން ނިންމި ނިންމުމެއް ނޫންކަމަށާއި އަދި އެއީ ޓްރައިބިއުނަލަކުން ނިންމި ނިންމުމެއްކަމަށްވެސް ބެލޭނޭ ޖާގައެއް ނެތްކަމަށް ހައިކޯޓުގެ ހުކުމްގައިވެއެވެ.
އެހެންކަމުން އެމްޑަބްލިޔުއެސްސީން ހައިކޯޓަށް އިލްތިމާސްކޮށްފައިވާ މައްސަލައަކީ، އެމައްސަލަ އިސްތިއުނާފުން ބެލުމުގެ އިޚްތިސާސް ޤާނޫނުން ހައިކޯޓަށް ލިބިދީފައި ނެތް މައްސަލައެއްކަމަށާއި، އަދި އެމައްސަލައަކީ ހައިކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމަށް ހައިކޯޓުގެ 3 ފަނޑިޔާރުންގެ ބެންޗުން ބެއްލެވި މައްސަލައިގައި ބުނެފައިވެއެވެ. ނަމަވެސް ހައިކޯޓަށް ބެލުމުގެ އިޚްތިސާސް ނެތްކަމަށް ބަޔާންކޮށް ނިންމާ މި ބަވާތުގެ މައްސަލައެއް ސުޕްރީމްކޯޓުގައި އިސްތިއުނާފް ކުރުމުގެ ޤާނޫނީ ހުރަހެއް ނެތްކަމަށްވެސް ހައިކޯޓުގެ ހުކުމްގައިވެއެވެ.
އިންފޮރމޭޝަން ކޮމިޝަނަރު ނިންމާ ނިންމުންތައް އިސްތިއުނާފުން ބެލުމުގެ އިހްތިސާސް ހައިކޯޓަށް ލިބިގެންނުވާކަމަށް ހައިކޯޓުން ނިންމުމާއި ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ ވިދާޅުވީ ހައިކޯޓުގެ ނިންމުމުން އެނގެނީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ހުށަހަޅާ މައްސަލަތަކުގައި އެންމެ ފަހުގެ ނިންމުމަކީ އިންފޯރމޭޝަން ކޮމިޝަނަރުގެ ނިންމުންކަމަށެވެ.