އޭއެފްސީ ކަޕް ގޫރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ ލީގް ހުއްޓާލާފައި އޮތުންކަމަށް ކުލަބް އީގަލްސްއިން ބުނެފިއެވެ.
ދޭހާހުގެ އަހަރުތަކުން ފެށިގެން އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖްގައި ރާއްޖޭގެ ކުލަބްތަކުން އަންނަނީ ރަގަނޅު ކުޅުމެއް ދައްކަމުންނެވެ. ކުލަބްތަކުގެ ކޯޗުންވެސްވަނީ މިހާރު ރާއްޖޭގެ ޓީމުތަކުން އޭއެފްސީ ކަޕްގައި ވާދަކުރަނީ އަބަދުވެސް ދެވަނަ ބުރަށް ނުވަތަ އެއަށްވުރެއް ދުރަށް ދިއުމުގެ އަޒުމްގައިކަމަށް މީގެ ކުރިން އެތަށް ފަހަރަކު ބުނެފައެވެ. ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްވަނީ 2005ވަނަ އަހަރު އޭއެފްސީ ކަޕްގެ ސެމީ ފައިނަލްގައި ކުޅެފައެވެ. އަދި 2013ވަނަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްވަނީ އެމުބާރުގެ ކުއާޓަރ ފައިނަލްގައި ކުޅެފައެވެ.
ކުލަބް އީގަލްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި މިއަންނަ މަހުގެ 7ވަނަ ދުވަހު ބޫޓާންގެ ޗެންޕިއަން ތިންޕޫ ސިޓީއާއި ވާދަކުރާ މެޗްގެ ކުރިން ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީބުނީ ލީގް ފެށޭނެ ދުވަހެއް ނޭންގި ފަރިތަކުރުންތަށް ކުރިއަށް ގެންދިއުމަކީ ވަރަށް އުދަގޫކަމެއްކަމަށާއި އޭއެފްސީ ކަޕަށް ޓީމް ތައްޔާރުކުރާއިރުވެސް ވާދަވެރި މެޗްތަކެއް ނުކުޅެ ތިބުމަކީ ޓީމަށް ލިބިގެންދާނެ ވަރަށް ބޮޑު އުނިކަމެއް ކަމަށެވެ. އޭއެފްސީ ކަޕަކީ އެހެންލެވެލްއެއްގެ މުބާރާތަކަށްވުން ރާއްޖޭގެ ލީގަށް ވުރެއް ބޮޑަށް އެމުބާރާތްތަށް ތައްޔާރުވެވޭނީވެސް ވާދަވެރި މެޗުތަކެއް ކުޅެގެންކަމަށް ޝާޒްލީ ބުންޏެވެ. އަދި ވީހާވެސް އަވަހަކަށް ލީގް ފަށާ، މިކަމަށް ހައްލެއް ހޯދުމަކީ ކުލަބް އީގަލްސްގެ އިތުރުން ދިވެހި ފުޓްބޯޅައިގެ ކުރިމަގާ ވެސް ގުޅިފައިވާކަމެއްކަމަށް ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުންޏެވެ.
އޭއެފްސީ ކަޕްގައި މުޅިން އަލަށް ވާދަކުރާ ކުލަބް އީގަލްސް އާއި ބޫޓާންގެ ޗެންޕިއަން ތިމްޕޫ ސިޓީ ވާދަކުރާ މެޗް މިއަންނަ މަހުގެ ހަތްވަނަ ދވަހު ކުޅުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ.
ތިންޕޫ ސީޓީއާ ވާދަކުރާ މިމެޗުން ކުލަބް އީގަލްސް މޮޅުވެއްޖެނަމަ، އެޓީމް ޕްރިލިމިނަރީ ދެވަނަ ބުރުގައި ވާދަކުރާނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް. އަދި މިމެޗުން ކުލަބް އީގަލްސް ކުރި ހޯދައިފިނަމަ، ޕްލޭއޯފް ބުރުގައި އީގަލްސް ވާދަކުރާނެކަމަށް އެންމެ ބޮޑަށް ލާފާކުރެވެނީ އިންޑިޔާގެ ބެންގަލޫރު އެފްސީއާއެވެ.
ރާއްޖޭގެ އެންމެ ފަހުގެ ލީގް ޗެންޕިއަނުންގެ ގޮތުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންވަނީ ގުރޫޕް ސްޓޭޖުން ޖާގައެއް ކަށަވަރުކޮށްފައެވެ. މިގުރޫޕްގައި ދެން ހިމެނެނީ އިންޑިޔާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސްއެވެ. ގުރޫޕް ސްޓޭޖުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 14 އިން 20 އަށެވެ.