ޅ. ފެލިވަރުން މިހާތަނަށް 66 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް މިފްކޯއިން ވިދާޅުވެއްޖެއެވެ.
މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން ފެލިވަރުވަނީ މޮނިޓަރިންގެ ޙާލަތަށް ލާފައެވެ.
ފެލިވަަރު ސެންޓަރުގައި ތިބި މުވައްޒުންގެ ޙާލަތު ދެނެގަތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ޓީމެއް އަންނަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެތަނުގައި މަސައްކަތް ކުރާ 104 މުވައްޒަފެއްގެ ސާމްޕަލް ވަނީ ނަގާފައެވެ.
މިފްކޯއިން ވިދާޅުވީ، ސާމްޕަލް ނެގި ސްޓާފުންގެ ތެރެއިން މިހާތަނަށް 66 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި އެ އެންމެންގެ ޙާލުވެސް ރަނގަޅުކަމަށް އެކުންފުނިން ވިދާޅުވެއެވެ. ބައްޔަށް ޕޮޒިޓިވްވި ހުރިހާ ސްޓާފުންނަށްވެސް އެރަށުގައި ޤާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާދެމުންދާކަމަށްވެސް މިފްކޯއިން ވިދާޅުވެއެވެ.
ޅ. ފެލިވަރު މޮނިޓަރިންއަށް ލާފައިވަނީ އެއަތޮޅު ނައިފަރުން ފެނުނު ކޯވިޑް-19އިގެ ޕޮޒިޓިވް ކޭސްއަކާ ގުޅިގެންނެވެ. ނައިފަރުން އެންމެ ފުރަތަމަ ކޯވިޑް-19އިގެ ކޭސްއެއް ފެނިފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. މިކަމާގުޅިގެން އެޗް.ޕީ.އޭއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން އެކުންފުނިން ދެމުންދާކަމަށްވެސް މިފްކޯއިން ވިދާޅުވެފައިވެއެވެ.
މިފްކޯގެ ހުރިހާ ސައިޓުތަކުގައިވެސް އަމަލުކުރަމުންދަނީ އެޗް.ޕީ.އޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެކުލަވާލާފައިވާ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސިޖަރތަކުގެ ދަށުންކަމަށް މިފްކޯއިން ވިދާޅުވެއެވެ. އަދި އެކުންފުނީގެ މުވަައްޒަފުންގެ ރައްކާތެރިކަން ދެމެހެއްޓުމަކީ އެކުންފުނިން އެންމެ އިސްކަންދީގެން ކުރާ މަސައްކަތްކަމަށްވެސް މިފްކޯއިން ވަނީ ފާހަގަކުރައްވާފައެވެ.
މިފްކޯއިން ވިދާޅުވީ، ކުރިއަށްއޮތީ ރަމަޟާން މަސްކަމަށްވެފައި، މިފަދަ ޙާލަތެއް މެދުވެރިވެދާނެކަމަށް އެކުންފުނިން ދުރާލާ ތައްޔާރުވެފައިވާކަމަށެވެ. އެހެންކަމުން މާލެއާއި މިފްކޯގެ އެހެނިހެން ސެންޓަރުތަކުންވެސް މިފްކޯގެ އުފެއްދުންތައް މެދުކެނޑުމެއްނެތި ކަސްޓަމަރުންނަށް ލިބެން ހުންނާނެކަމަށްވެސް އެކުންފުނިން ވިދާޅުވެފައިވެއެވެ.