ޚަބަރު

ކޯވިޑް-19 : މިއަދު ޕޮޒިޓިވްވީ 166 މީހުން


ރާއްޖެއިން އިތުރު 166 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ފާއިތުވި 24 ގަޑިއިރުގެ ތަފާސްހިސާބުތައް ދައްކާގޮތުން މާލޭގެ އިތުރަށް އަތޮޅުތަކުންވެސް ވަނީ ގިނަ ޢަދަދެއްގެ މީހުން ޕޮޒިޓިވްވެފައެވެ.

އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ހުކުރު ދުވަހުގެ އިރުއޮއްސި 6:00އިން ފެށިގެން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އަލަށް 166 މީހަކުވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 91 މީހުން ހިމެނެއެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުން 52 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 11 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން ސަފާރީތަކުން 11 މީހުންނާއި ސިނާއީ މަސައްކަތްކުރާ ރަށަކުން މީހަކުވަނީ ޕޮޒިޓިވްވެފައެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 23،403އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 89 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 20،618މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،712 މީހުންނެވެ. އަދި 98 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް ޓެސްޓްކުރުމަށްޓަކައި 4،283 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިބަލި ދެނެގަތުމަށް ޖުމްލަ 635،503 ސާމްޕަލްވަނީ ނަގާފައެވެ. ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 66 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 8 ބިދޭސީންނެވެ.