ލީގް މެދުކަޑާލައި ބޮޑު ބްރޭކެއް އައުމާއި ގުޅިގެން ޓީމް މިވަގުތު އޮތް ހާލަތު ބުނަން ނޭންގޭކަމަށް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބްގެ ކޯޗް އިސްމާއީލް މަހުފޫޒް (އިންމަ) ބުނެފިއެވެ.
މާލޭގައި ކޯވިޑްގެ ކޭސްތައް އިތުރުވުމާއި ގުޅިގެން މިދިޔަ މަހުގެ ތިންވަނަ ދުވަހު ލީގްގެ ކުޅުން ހުއްޓާލިއިރު، ޓީމުތަކަށް ފަރިތަކުރުންތައް ވެސް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. ދަ ގްރާންޑޭ އާއި ކުލަބް އީގަލްސް ވާދަކުރާ މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ދަ ގްރާންޑޭ ސްޕޯޓްސް ކުލަބްގެ ކޯޗް އިސްމާއީލް މަހުފޫޒް (އިންމަ) ބުނީ މިވަގުތު ޓީމު އޮތް ހާލަތު އެއްވެސް ކޯޗަކަށް ބުނެދޭން ނޭނގޭނެކަމަށާއި މިއީ އެހެން ފަހަރުތަކަށް ވުރެއް ތަފާތުކޮށް އައި ބޮޑު ބްރޭކެއްކަމަށެވެ. ބްރޭކް އައުމުގެ އިތުރުން ކުރިއަށް ވާންވީ ގޮތް ނޭނގުމަކީވެސް ޓީމު ސެޓް ކުރުމަށް ދިމާވި ވަރަށް ބޮޑު އުނދަގުލެއްކަމަށާއި ލީގުގައި މަދުވެގެން 2 މެޗް ނުވަތަ 3 މެޗެއް ވަރު ކުޅެލުމުން ނޫނީ ޓީމް މިވަގުތު އޮތް ފެންވަރު ބުނަން އުދަގޫވާނެކަމަށްވެސް މިހާތަނަށް ރަގަނޅު ކުޅުމެއް ދައްކަމުން އަންނަ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބްގެ ކޯޗް އިސްމާއީލް މަހުފޫޒް (އިންމަ) ބުންޏެވެ.
މިހާ ބޮޑު ބްރޭކްއެއް އައުމުން ޓީމްގެ ތައްޔާރު ކުރުމުގައި އުދަގޫތަކެއް އެބަހުރިކަމަށާއި ނަމަވެސް ކުލަބް އީގަލްސް މެޗަށް ނިކުންނާނީ ރަގަނޅު ކުޅުމެއް ދައްކައިގެން ރަގަނޅު ނަތީޖާއެއް ނެރެންކަމަށް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބްގެ ކޯޗް އިސްމާއީލް މަހުފޫޒް (އިންމަ) ބުންޏެވެ. ކުލަބް އީގަލްސްއާއި ދެކޮޅަށް ނިކުންނައިރު، އެޓީމް މިހާރު ލީގުގައި އެއް މެޗް ކުޅެފައި އޮތުމުން، މެޗް ފިޓްނަސް ދަ ގްރާންޑޭއަށް ވުރެއް އީގަލްސް ރަގަނޅުވާނެމަކަށްވެސް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބްގެ ކޯޗް އިސްމާއީލް މަހުފޫޒް (އިންމަ) ބުންޏެވެ.
ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީބުނީ ކައިރި ކައިރީގައި މެޗްތައް ކުޅެން ޖެހުމުން ޓީމުގެ ކުޅުންތެރިންގެ ކިބައިން ވަރުބަލިކަން ފެންފާނެކަމަށާއި މިމެޗަށް ނިކުންނައިރު ދަ ގްރާންޑޭގެ ފުރަތަމަ މެޗަށް ވުމުން އެޓީމް ނިކުންނާނީ ވަރަށް ތާޒާކޮށްކަމަށްވެސް ޝާޒްލީ ބުންޏެވެ. މިމެޗަށް ނިކުންނައިރު ކުލަބް އީގަލްސްއަށް ފައިދާ ކުރި ކަންތައްތަކެއް ވެސް އަބަހުރިކަމަށާއި ނިމިގެންދިޔަ ޓްރާންސްފަރގައި ދަ ގްރާންޑޭއަށް ބަދަލެއް އައިސްފައިނުވާތީ، އެޓީމުގެ ކުޅުމުގެ ވައްޓަފާޅި ދެނެގަންނަން ފަސޭހަވާނެކަމަށްވެސް ޝާޒްލީ ބުންޏެވެ. އަދި މިހާތަނަށް ލީގުގައި ދަ ގްރާންޑޭއިން ކުޅެފައި ހުރި މެޗްތަކަށް ބަލައިގެން މިމެޗަށް ކުލަބް އީގަލްސްއަށް ތައްޔާރުވާންވެސް އެގޭނެކަމަށް ޝާޒްލީ ބުންޏެވެ.
ކުލަބް އީގަލްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ކުލަބް އީގަލްސް ގޮވައިގެން ނިކުންނަ ކޯޗް މުހައްމަދު ޝާޒްލީ ބުނީ މިމެޗްގެ ތިން ޕޮއިންޓަކީ ލީގުގެ ގަދަ 4ރަކަށް ވަނުމާއި އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ މެޗަށް ނިކުންނައިރު ވަރަށް މުހިންމު މެޗްއަކަށް ވާނެކަމަށެވެ.
މިވަގުތު ދަ ގްރާންޑޭ އޮތީ އެޓީމް ކުޅުނު 9 މެޗުން ލިބިފައިވާ 15 ޕޮއިންޓްއާއެކު ތާވަލްގެ ތިންވަނައިގައެވެ. ކުލަބް އީގަލްސް އޮތީ އެޓީމް ކުޅުނު 9 މެޗުން ލިބިފައިވާ 11 ޕޮއިންޓްއާއެކު ތާވަލްގެ 5 ވަނައިގައެވެ.