ޚަބަރު

ކޯވިޑް-19 ދިފާޢު: އިތުރު 1700 މީހުން ވެކްސިން ޖަހައިފި


ކޯވިޑް-19އިން ދިފާޢުވުމަށް އިތުރު 1،700 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 233،875 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރު މާލެ ސަރަޙައްދުން 651 މީހުން ވަނީ ވެކްސިން ޖަހާފައެވެ. މިއާއެކު މިސަރަޙައްދުން ވެކްސިން ޖަހާފައިވާ މީހުންގެ ޢަދަދު ވަނީ 129،720 އަރާފައެވެ. މީގެ އިތުރުން އަތޮޅުތަކުން ވެކްސިން ޖެހި 1،049 މީހުންނާއެކު އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޢަދަދު މިވަނީ 104،155އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަން ފަށާފައިވާއިރު، މާލެއާއި ވިލިމާލެއާއި ހުޅުމާލެ ހިމެނޭހެން މާލޭ ސަރަޙައްދުގައި 8 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި 2، މޯބައިލް ޓީމުން މާލޭ ސަރަޙައްދުގައި ވެކްސިން ޖަހައިދިނުމަށް ދަނީ ހަރަކާތްތެރިވަމުންނެވެ. އަތޮޅުތަކުގައި ވެކްސިން ޖެހުން މިވަގުތު 169 ސެންޓަރެއްގައި ދަނީ ކުރަމުންނެވެ.

މާލެ ސަރަޙައްދުގައި ވެކްސިން ޖެހުން ކުރިއަށްދާ ސަރަޙައްދުތަކުގެ ތެރޭގައި ސޯޝަލް ސެންޓަރ، އިސްލާމީ މަރުކަޒު، ވިލިމާލެ ޒުވާނުންގެ މަރުކަޒު، ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޤާއިމްކޮށްފައިވާ ސެންޓަރ، ސެނަހިޔާއާއި ޓްރީޓޮޕް ހޮސްޕިޓަލް ހިމެނެއެވެ.

މީގެ ތެރެއިން ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލެ ޒުވާނުންގެ މަރުކަޒު ފިޔަވައި އެހެން ހުރިހާ ސެންޓަރުތަކުގައިވެސް ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 10:00އިން މެންދުރުފަހު 15:00އާ ހަމައަށެވެ. ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 10:00 އިން މެދުރު 12:00އާ ހަމައަށެވެ.